ވިނަރެސް ފްލެޓް ކައިރީ އޮތް ކާރެއްގައި ރޯވެ އަނދައި ހުލިވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު ރޭ ދަންވަރު 02:15 އެހައިކަން ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުންނާއި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. އެގޮތުން ކުރި މަސައްކަތުން، ދަންވަރު 02:26 ހާއިރު ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލާފައެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަލިފާން ރޯވި ކާރު ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުލިބެއެވެ.

މި ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.