ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އާދިލް ޖަލީލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާތަކާ ގުޅިގެން ދައުލަތުގެ ހެކިވެރިއެއްގެ ގޮތުގައި އެފްއޭއެމްގެ ކުރީގެ ނައިބު ރައީސް އަލީ އުމަރު، ބައްސާމްއާ ދެކޮޅަށް ހެކިބަސްދީފިއެވެ.
ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނަތްތެރިވުމުގެ ދައުވާކޮށްފައެވެ.
ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ،" ބައްސާމަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ހެކިބަސް ދެމުން އަލީ އުމަރު ވިދާޅުވީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީއަށް 3،000 ޑޮލަރުގެ އެލެވެންސެއް ދެމުންދިޔަ ކަމަށާއި ފަހުން ވަނީ އެ އެލެވެންސް 5،000 ޑޮލަރަށް ބޮޑުކޮށްފައި ކަމަށެވެ. އަލީ އުމަރު ވިދާޅުވީ ބައްސާމަކީވެސް އެގްޒެކެޓިވް ކޮމިޓީގެ މެންބަރެއް ކަމަށާއި އެ ކޮމިޓީގެ ބައެއް މެންބަރުން ގަވާއިދުން އެލެވެންސް ނަގަމުން ދިޔައިރު ބައެއް މެންބަރުން އެލެވަންސް ނުނަގާ ކަމަށެވެ.
ބައެއް މެންބަރުން ވަނީ ގަނޑުކޮށް އެކީ އެއްފަހަރާވެސް އެލެވެންސް ނަގައިފައި ކަމަށާއި ބައްސާމް އެލެވަންސް ނެގިކަމެއް ނުވަތަ ނޫންކަމެއް ނޭނގޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ހެކިބަސްދިން ދައުލަތުގެ ހެކިވެރިން ބުނެފައިވަނީ ބައްސާމް 5،000 ޑޮލަރުގެ އެލަވެންސް ނަންގަވާ ކަަމަށެވެ. އެފްއޭއެމްއަށް ދިމާވި ފައިސާގެ ތާށިކަމަށްފަހު ބައްސާމަށް ދެމަސް ދުވަހުގެ އެލަވެންސްގެ ފައިސާ 10،000 ޑޮޮލަރު ޗެކެއް މެދުވެރިކޮށް ދީފައިވާނެ ކަަމަށާއި އެ ޗެކުގައި "ސޭލްސް އޮފް ޑޮލާ ޖެހިފައިވަނީ އޮޅިގެން ކަމަށާއި އެފަދަ ކަންކަން ރަނގަޅުކޮށް އޮޑިޓްކުރަން ފޮނުވާކަމަށް ހެކިވެރިން ބުނެފައިވެއެވެ.
އަލީ އުމަރު ވިދާޅުވީ ބައްސާމްގެ އެކައުންޓުން ހިންގާފައިވާ ވަކި ޓްރާންސެކްޝަނަކާ ގުޅޭގޮތުން ފުލުހުންނަށް ބަޔާނެއް ދީފައިވާނެ ކަމަށާއި މިހާރު އެ ޓްރާންސެކްޝަންގެ ކަންތައް ހަނދާނަކު ނެތް ކަމަށެވެ. އޭނާ އެގޮތަށް ވިދާޅުވީ ދައުލަތުން އެ ޓްރާންސެކްޝަނާ ގުޅިގެން ސުވާލުކުރުމުންނެވެ. މި މައްސަލައާ ގުޅިގެން މީގެ ކުރިން ބޭއްވި އަޑުއެހުމެއްގައި ދައުލަތުގެ ހެކިވެރިއެއް ކަމަށްވާ އަހުމަދު ސައީދު ބުނެފައިވަނީ އެއީ ބައްސާމް އަމިއްލަ ދަތުރެއްގައި ރިސޯޓަށް ދިޔުމަށް ލޯންޗެއް ކުއްޔަށް ހިފުމަށް ދެއްކި 20،950 ރުފިޔާ ކަމަށެވެ.
އެފްއޭއެމްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި ޖަމިއްޔާގެ ރައީސް އަދި ނައިބު ރައީސްގެ މާބޮޑު މަސްއޫލިއްޔަތެއް ނޯންނާނެ ކަމަށާއި އެފަދަ ކަންކަން ބަލަހައްޓަމުންދަނީ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ކަމަށެވެ.
މި މައްސަލައިގައި މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ހެކިބަސްދެެމުން އެފްއޭއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހުސައިން ޖަވާޒް ވިދާޅުވެފައިވަނީ އެފްއޭއެމްގެ ފައިސާގެ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ ބައްސާމް ކަމަށެވެ. ޖަވާޒް ވިދާޅުވެފައިވަނީ އޭނާ އެފްއޭއެމްގައި މަސައްކަތްކުރެއްވި އިރު، އަދި ޖެނެރަލް ސެކްރެޓަރީގެ ހައިސިއްޔަތުން އެފްއޭއެމްގެ ފައިސާގެ ކަންކަން ބަލަހައްޓާފައި ނުވާނެ ކަމަށެވެ.
ޖަވާޒް ވިދާޅުވެފައިވަނީ ބައްސާމުގެ މައްޗަށް ހިޔާނާތުގެ ދައުވާކޮށްފައިވާ މައްސަލައިގެ ޗެކް ގެނައީ އެފްއޭއެމްގެ އެކައުންޓުންސް ޑިޕާޓުމެންޓުން ކަމަށާއި އެ ޑިޕާޓުމެންޓުގެ އިސްވެރިއަކީ މުހައްމަދު އަގީލް ކަމަށެވެ. އެފްއޭއެމްއަށް ލިބޭ ފައިސާ އަމިއްލަ ބޭނުމަށް ނެގުމަށް ނުވަތަ ލޯނެއްގެ ގޮތުގައި ނުނެގޭނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ. ދައުލަތުން ވަނީ އެފްއޭއެމް ހިޔާނާތާ ގުޅިގެން އަގީލުގެ މައްޗަށްވެސް ހިޔާނާތުގެ ދައުވާކޮށްފައެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ބައްސާމް ދިރިއުޅޭ ގެ ބަލައިފާސްކުރި ފުލުހަކުވެސް ވަނީ މިއަދުގެ އަޑުއެހުމުގައި ހެކިބަސް ދީފައެވެ. ހެކިބަސް ދެމުން ފުލުސް މީހާ ބުނީ މި މައްސަލައިގެ ހެކި ފޮރުވަންށާއި ލިޔެކިޔުންތައް ނުދޭން އެއްވެސް ފަރާތުން މަސައްކަތްކޮށްފައިނުވާ ކަމަށެވެ.
ދެ ހެކިވެރިންގެ ހެކިބަސް ނެގުމަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފައެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 21 ގައެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ރިޝްވަތުގެ އިތުރު ދައުވާއެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ވެސް ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މި ދެ ދައުވާގެ އަޑުއެހުންތައް އަދި ކޯޓުގައި ފަށާފައެއް ނުވެއެވެ.
އެ ދެ ދައުވާ އުފުލާފައިވަނީ ބައްސާމް، އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި އިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ހިޔާނާތްތެރިވެ، އެފްއޭއެމަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި އެމެރިކާ ޑޮލަރުން ދޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކުގެ އެކައުންޓުތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.
މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެއްބަސްވުމުގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން އަމީން ކޮންސްޓްރަކްޝަނަށް ޖީއެސްޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމުލަ 23 މިލިއަން ރުފިޔާގެ ތެރެއިން ބުކިން ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފްއޭއެމްގެ ޑޮލަރު އެކައުންޓުން އެކިއެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ދައްކާފައިވާތީއެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް