ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރަށް ލިބޭނީ 20 ޕަސެންޓް ކަމަށްބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ރައްދު ދެއްވައިފި އެވެ.

އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދުވަނީ، ކުރިއަށް އޮތް ކައުންސިލް އިންތިހާބު ބޮޑުތަނުން އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"ލޯކަލް ކައުންސިލްގެ އިންތިހާބު އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހޯދާނީ ބޮޑުކޮށް، ބޮޑުކޮށް. ރައީސް މުއިއްޒު މިއަދު އަޅުގަނޑު ދެންނެވީމާ ހިސާބު ޖައްސަވާތި މަނިކުފާނަށް 20 ޕަސެންޓް، މި އިންތިހާބު، ކައުންސިލްގެ އިންތިހާބު، މާލޭ ސިޓީ ކައުންސިލަށް ވިޔަސް އައްޑޫ ސިޓީ ކައުންސިލަށް ވިޔަސް ކުޅުދުއްފުށީ ކައުންސިލަށް ވިޔަސް ހުވަދުއަށް ވިޔަސް ފުވައްމުލައް ވިޔަސް އަދި ރާއްޖެއިން އައްޑޫން ކެލަޔަކަށް ނޫން، ތުރާކުނުން އައްޑުއަށް ކަމަށް މި އޮތް ހުރިހާ ރަށެއް، 194 ރަށުގެ ރަށު ކައުންސިލް އަޅުގަނޑުމެން ނަގާން ޖެހިއްޖެ.“ ރައީސް ނަޝީދު ވިދާޅުވި އެވެ.

23 ޖޫން 2025، މާލެ، ކުރީގެ ރައީސް މުުހައްމަދު ނަޝީދަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ފަލާހު ވިދާޅުވީ ކައުންސިލް އިންތިހާބު ޕީއެންސީން ކާމިޔާބު ކުރާނީ 80 ޕަސެންޓުން ކަމަށެވެ.

"ރައީސް ނަޝީދު އޮތީ ހިސާބު ޖަހާފަ 20 ޕަސެންޓޭ އަޅުގަނޑުމެންނަށް ލިބޭނީ، އޭތި ހަތަރު ގުނައަށް ބަދަލުކޮށްލާ! %80 އަށް." ފަލާހު ވިދާޅުވި އެވެ.

80 ޕަސެންޓުން އިރާދަކުރެއްވިއްޔާ ލޯކަލް ކައުންސިލް އިންތިހާބު އަޅުގަނޑުމެން ޕީއެންސީން ކާމިޔާބު ކުރާނެ،"

އެމްޑީޕީއަށް ލޯކަލް ކައުންސިލް އިންތިހާބު ގެއްލުވައިލާނެ ކަމަށް މީގެ ކުރީންވެސް ފަލާހު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް 5 ފަނި ފޮނުވާފައިވާ ކަމަށެވެ.