ހުޅުމާލޭ ވިނަރެސް ފްލެޓް 9B-13-06 އެޕާޓްމަންޓްގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން އެ ފްލެޓުގައި ދިރިއުޅޭ ހަރަތު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި އެވެ.
މިއަދު ހެނދުނު 7:41 ހާއިރު އަލިފާން ރޯވީ ވިނަރެސް ފްލެޓް 9B-13-06ގެ އެޕާޓްމަންޓުގައެވެ. އެ މައުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން އެ އެޕާޓްމަންޓަށް ވަދެ، ރޯވި އަލިފާން ވަނީ ނިއްވާލައިފައެވެ.
އެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި ނަމަވެސް އެ އެޕާޓްމަންޓުގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކްބެޑެއްގެ ގޮދަޑިއެއް އަނދާފައިވާ ކަމަށެވެ. އަދި މުޅި އެޕާޓްމަންޓަށް ކަޅު ދުމުގެ އަސަރުކޮށް، ކޮޓަރިތެރޭގައި ހުރި ފަރުނީޗަރުތަކަށާއި އޭސީއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯއިން ފެންނަގޮތުން އެ އެޕާޓްމަންޓުގެ ކޮޓަރީގައި ހުރި ބަންކު ބެޑެއް ރޯވެ ހުލިވެފައިވާ އިރު، ސިޓިންރޫމުގައި ހުރި ތަކެއްޗަށް ވަނީ ދުމުގެ އަސަރު ފޯރައި ދުމުން ކަޅުވެފައެވެ.
އެންޑީއެމްއޭ އިން މިއަދު ހިއްސާކުރި ފޮޓޯތަކުން ފެންނަގޮތުން އެ އެޕާޓްމަންޓުގެ ފާރުތަކާއި ސީލިންއާއި އަދި އަލިފާނުގެ ހާދިސާ ހިނގި ކޮޓަރީގެ ދޮރުކަނީގެ އިތުރުން އެ ތަނުގެ ބަދިގެއަށް ވެެސް ވަނީ ދުމުގެ އަސަރުކޮށް ގެއްލުންތަކެއް ވެފައެވެ.
އެންޑީއެމްއޭ އިން ބުނީ އެ ހާދިސާގެ ސަބަބުން އެޕާޓްމަންޓުގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވުމުން އެތަނުގައި ދިރިއުޅޭ ހަތަރު މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުން އަދި ދެ މީހަކަށް އަންނައުނު ފޯރުކޮށްދީފައިވާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް