ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ނަން ބޭނުންކޮށްގެން އާންމުންގެ ތެރޭގައި ފެތުރެމުންދާ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
އެންޑީއެމްއޭގެ ރަސްމީ ސޯޝަލް މީޑިއާ މެދުވެރިކޮށް ބަޔާނެއް ނެރެފައި މިވަނީ، އިންޑޮނޭޝިއާގެ ސުމަޓްރާއަށް ބާރުގަދަ ބިންހިލުމެއް އައިސް ސުނާމީއެއް އުފެދިފައިވާ ކަމަށްބުނެ، އެކަމަށް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުވުމަށް އެދި، އެ އޮތޯރިޓީގެ ނަމުގައި ދައުރުކުރާ މެސެޖަކާ ގުޅިގެންނެވެ.
އެންޑީއެމްއޭއިން މިއަދު ބުނީ، ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ މައުލޫމާތަކާއި އިރުޝާދެއް އާންމުކުރާނީ ހަމައެކަނި އެ އޮތޯރިޓީގެ ރަސްމީ ޗެނަލްތައް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން، ލިބޭ މެސެޖުތަކުގެ ސައްހަކަން އެ ޗެނަލްތަކުން ޔަގީންކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އެ އޮތޯރިޓީން ވަނީ ގޮވައިލައިފައެވެ.
މީގެ އިތުރުން، ކާރިސާތައް ފަދަ ނާޒުކު މައުޟޫއުތަކާ ގުޅޭ ކަންކަމުގައި ދޮގު މައުލޫމާތު ނުފެތުރުމަށާއި ޒިންމާދާރުކަމާއެކު އަމަލުކުރުމަށް ވެސް އެންޑީއެމްއޭ ވަނީ އިލްތިމާސްކޮށްފައެވެ.
ހައްސާސް ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ސީދާ ގޮތުގައި ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް އެންޑީއެމްއޭގެ ރަސްމީ މަންސަތައް ބޭނުންކުރެވޭކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ކޮމެންޓް