ރައީސް އޮފީހުން 2004 ވަނަ އަހަރު ނިންމި ނިންމުމެއްގެ ސަބަބުން 100 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ކަމަށް ބުނާ މައްސަލައެއްގައި ބަދަލު ހޯދަން ރައީސް އޮފީހާ ދެކޮޅަށް ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ އިއްޔެ އެވެ. ހައިކޯޓުން އަދި އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނުނިންމައެވެ.
ހައިކޯޓުން 2003 ވަނަ އަހަރު ނިންމި މައްސަލެއްގެ ހުކުމުގައި ވަނީ ކުންފުންޏެއްގެ މުދަލަކީ ކުންފުނީގެ މުދަލެއް ނޫން ކަމަށާއި އެއީ ކުންފުނީގެ ހިއްސާދާރުންގެ މުދާކަމަށް ކަނޑައަޅައިފައެވެ. ނަމަވެސް އެ ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް މ. ތްރީއޭވިލާ، މާލެ، އަބްދުﷲ އަލީ ވަނީ އެ ނިންމުން ބަދަލުކޮށްދިނުމަށް އެދި ހައިކޯޓުގެ އޭރުގެ ގަވައިދުގެ ދަށުން ރައީސް އޮފީހަށް އިލްތިމާސްކޮށްފައެވެ.
އެ އިލްތިމާސްގައި އަބްދުﷲ އަލީ ބުނީ ކުންފުނި ހިނގަމުން ދަނިކޮށް ކުންފުނީގެ ހިއްސާދާރުން ދައުވާކޮށްފި ނަމަ، ކުންފުނީގެ މުދަލެއްގެ މިލްކުވެރިކަން ނުވަތަ ކުންފުނީގެ ހުރިހާ މުދާތައް އެ ކުންފުނީގެ ހިއްސާދާރުންގެ ހިއްސާގެ ނިސްބަތުން ކޯޓަށް އެ ފަރާތްތަކަށް ނަގުލުކުރެވިދާނެކަމަށް ނިންމި ނިންމުމަކީ، ކުންފުންޏާބެހޭ ގާނޫނުގައިވާ ކުންފުނީގެ ގާނޫނީ ޝަހުސުގެ މަފުހޫމާ ހިލާފު ހުކުމެއް ކަމަށެވެ.
ސަބަބަކީ ކުންފުންޏަކީ ކުންފުނީގެ ހިއްސާދާރުންނާ ވަކިން އުފެދިފައިވާ ވަކި ގާނޫނީ ޝަހުޝެއްކަމަށް ކުންފުންޏާބެހޭ ގާނޫނުގައި ބަޔާންކޮށްފައި އޮތުން ކަމަށް އަބްދުﷲ އަލީ ބުންޏެވެ. ކުންފުނީގެ މުދަލަކީ ކުންފުނީގެ މުދާ ކަމަށާއި އެއީ ހިއްސާދާރުންގެ މުދަލަށް ނުވާނެ ކަމަށާއި، ކުންފުނީގެ މުދަލެއްގެ މައްޗަށް ހިއްސާދާރެއްގެ ހައްގު އޮންނާނީ ކުންފުނި އުވާލުމަށް ކުންފުންޏާބެހޭ ގާނޫނުގެ ދަށުން އައްޔަންކުރާ ފަރާތެއް އައްޔަންކޮށް، އެ ފަރާތުން ކުންފުނި އުވާލުމުގެ މަސައްކަތްކޮށް، ކުންފުނީގެ ދަރަނި އަދާކުރުމަށްފަހު، ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ބަހާނެ މުދަލެއް ހުރިނަމަކަމަށް އަބްދުﷲ އަލީ ބުންޏެވެ.
އެހެންވެ ހައިކޯޓުން 2003 ވަނަ އަހަރު ކުރި ހުކުމުގައި ގާނޫނޫ ތަތުބީގު ކުރުމުގައި ކުށެއް ހެދިފައިވާތީ، ހައިކޯޓުގެ ހުކުމުން ގާއިމުކޮށްފައިވާ ގާނޫނީ އުސޫލަކީ ބާތިލު އުސޫލެއްކަމަށް ކަނޑައަޅައިދިނުމަށް އަބްދުﷲ އަލީގެ ފަރާތުން ރައީސް އޮފީހުގައި އިލްތިމާސްކުރިއެވެ.
ނަމަވެސް ރައީސް އޮފީހުން ނިންމީ ހައިކޯޓުގެ ނިންމުމަމަށް ބަދަލު ގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ރައީސް އޮފީހުގެ އެ ނިންމުން ބާތިލުކޮށްދިނުމަށް އަބްދުﷲ އަލީގެ ފަރާތުން ވަނީ 25 ޖުލައި 2024 ގައި ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.
ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި އަބްދުﷲ އަލީ އެދުނީ ކުންފުންޏާބެހޭ ގާނޫނާ ހިލާފަށް، ކުންފުނިތަކާއި، ޕާޓްނާޝިންގެ މުދާތައް މަދަނީ ކޯޓުގެ 462/އެމްސީ/2004 ގަޒިއްޔާއިން ބެހުމުން، ލިބިފައިވާ 100،695،000 ޑޮލަރުގެ ގެއްލުން ލިބިފައިވަނީ ރައީސް އޮފީހުން ކުންފުންޏާބެހޭ ގާނޫނުގެ މާއްދާތަކާ ހިލާފަށް ނިންމި ނިންމެވުމުގެ ސަބަބުންކަމަށް ކަނޑައަޅައިދީ، ލިބިފައިވާ ގެއްލުމުގެ ބަދަލު ދިވެހި ސަރުކާރުން ނަގައިދިނުމަށެވެ.
އެ ދައުވާއާ ގުޅިގެން ރައީސް އޮފީހުގެ ފަރާތުން ބުނީ ސވިލް ކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށެވެ. ރައީސް އޮފީހުން ބުނީ މި މައްސަލައިގައި ހަވާލާދޭ ގަޒިއްޔާތައް ބަލާއިރު އެއިރު އަމަލުކުރަމުން އައި އުސޫލުގައިވާ ގޮތުން ޝަރުއީ މަރުހަލާގެ އެންމެ ފަހުބަސް އިއްވާ ފަރާތަކީ ރައީސްލްޖުމްހޫރިއްޔާ ކަމަށެވެ. އެހެންވެ މި މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ރައީސް އޮފީހުގެ ފަރާތުން ބުންޏެވެ.
ރައީސް އޮފީހުގެ އެ ވާހަކަތަކާ ގުޅިގެން އަބްދުﷲ އަލީގެ ފަރާތުން ބުނީ މިއީ ޝަރުއީ ކޯޓަކުން ނިންމި މައްސަލައަކާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި މިއީ ރައީސް އޮފީހުން ގާނޫނާ ހިލާފަށް ނިންމި ނިންމުމަކާ ގުޅުންހުރި މައްސަލައެއް ކަމަށެވެ.
ސިވިލް ކޯޓުން މި މައްސަލަ ބެލުމަށްފަހު މައްސަލައިގެ ޝަރީއަތަށް ފާހަގަވި ކަންކަމުގެ ތެރޭގައި ގާޒީ ސިނާން އަލީ ވިދާޅުވީ 2003 ވަނަ އަހަރު ރާއްޖޭގައި އަމަލުކުރަމުން ދިޔައީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ 1998" އަށް ކަމަށެވެ.
މިހާރު އަމަލުކުރަމުން އަންނަ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ 2008" ގެ 282 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވަނީ މި ގާނޫނުއަސާސީއަށް އަމަލުކުރާން ފަށާއިރު ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސަށް ހުށަހެޅި ނުނިމި ހުރި މައްސަލަތަކަކީ އެ ހިނދުން ފެށިގެން ސުޕްރީމްކޯޓަށް ހުށަހެޅި، އެ ކޯޓުގައި ހުރި މައްސަލަަތަކެއްކަމަށް ބެލެވޭނެ ކަމަށެވެ. އަދި ހައިކޯޓުން ނިމޭ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރުމުގެ ފުރުސަތު އެ ހިނދުން ފެށިގެން ނިމުމަކަށް އަންނާނެ ކަމަށެވެ.
އެހެންކަމުން މިއީ "ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ 1998" ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ގަލާއީ ނިންމުންތައް ނިންމުމުގައި އެންމެފަހުބަސް ބުނާ ފަރާތުގެ ހައިސިއްޔަތުން ނިންމި ނިންމުމެއްކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ރާއްޖޭގެ ޝަރުއީ މަރުހަލާ މިހާރު ތަރުތީބުވެފައިވާ ގޮތުން، ދަށު ކޯޓުގެ ނިންމުމެއް ހައިކޯޓުން ނުވަތަ ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުން ބާތިލުކުރާ ހާލަތުގައި ލިބިދޭ ފަރުވާއަކީ، ނިންމުން ގޯސްވެގެން ބާތިލުވުމުން ލިބިދެނިވި ފަރުވާއާއި، މަންފާކަމާއި، ގޯސްވި ނިންމުން ނިންމި ކޯޓުގެ މައްޗަށް ބަދަލުގެ ދައުވާ ހުށަހަޅައިގެން މަންފާ ހޯދުންނޫން ކަމަށެވެ.
"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ 1998" ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން ނިންމާ ނިންމުތަކަށްވެސް އެ އުސޫލު ހިނގާނެ ކަމަށާއި އެހެންވެ އަބްދުﷲ އަލީ އިލްތިމާސާ ގުޅިގެން ރައީސް އޮފީހުން ނިންމި ނިންމުމާ ގުޅިގެން، އެ އޮފީހުގެ މައްޗަށް ދައުވާ ނުކުރެވޭނެކަމަށް ގާޒީ ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ ޝަރުއީ މަރުހަލާގައި ނިންމާ ނިންމުމަމަކާމެދު ހިތްހަމަނުޖެހިގެން އެ ނިންމުން ނިންމި ފަރާތް ނިސްބަތްވާ އިދާރާގެ މައްޗަށް ދައުވާކުރުމަކީ ގާނޫނުއަސާސީއާއި ގާނޫނުއަސާސީގެ ދަށުން ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތައް ދަންނަ ކަމެއް ނޫން ކަަމަށެވެ.
އެހެންވެ ގާޒީ ހުކުމްކުރެއްވީ އަބްދުﷲ އަލީގެ ފަރާތުން ރައީސް އޮފީހާ ދެކޮޅަށް ހުށަހެޅި ދައުވާފޯމު ބާތިލުކޮށް ގަޒިއްޔާ ނިންމުމަށެވެ.
ހައިކޯޓުގައި އަބްދުﷲ އަލީގެ ފަރާތުން އިސްތިއުނާފުކުރީ ސިވިލް ކޯޓުގެ މި ހުކުމެވެ.
މުހައްމަދު އިޝާން
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް
ރައީސް އޮފީސް