ދައުލަތުގެ އިދާރާތަކާ ބެހޭ ހުރިހާ ސައްހަ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، "ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީ" އެކުލަވާލައި، އެކަމަށް ހާއްސަ ވެބްސައިޓެއް ރައީސް އޮފީހުން މިއަދު ލޯންޗުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނި ގޮތުގައި، މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެކަށައަޅާފައިވާ "މޯލްޑިވްސް 2.0" ގެ ވިސްނުމާ އެއްގޮތަށް ގެނައި ބަދަލެކެވެ. މީގެ މައިގަނޑު ބޭނުމަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދައުލަތުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ދެފުށް ފެންނަ، ރައްޔިތުންނަށް އިތުބާރު ހިފޭ ހާމަކަން ބޮޑު ނިޒާމެއް ގާއިމުކުރުންކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ޑިރެކްޓަރީގެ ސަބަބުން ދައުލަތުގެ އިދާރާތަކުގެ މައުލޫމާތުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެ ނަމަ، އެކަން ވަގުތުން ވަގުތަށް އަދާހަމަކުރުމަށް ވަނީ ލާޒިމުކޮށްފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން، މުއައްސަސާތަކުގެ އެންމެ އިސްވެރިންނާއި، ރަސްމީ އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރުތަކާއި އީމެއިލް، އަދި ސޯޝަލް މީޑިއާ އެކައުންޓުތަކަށް އެއްވެސް އުނިއިތުރެއް އަތުވެއްޖެ ނަމަ، ވެބްސައިޓުގައިވާ ފޯމު ނުވަތަ އީމެއިލް މެދުވެރިކޮށް ރައީސް އޮފީހަށް އެކަން އަންގައި އަޕްޑޭޓް ކުރަންޖެހޭނެކަމަށް ރައީސް އޮފީހުން ބުންޏެވެ.

މީގެއިތުރުން، ދައުލަތުގެ މުއައްސަސާތަކުގެ ރަސްމީ ނަންތައް ބޭނުންކުރުމުގައި އެއްގޮތް މިންގަނޑެއް ހިފެހެއްޓުމަށް ސަރުކާރުން ވަނީ ނިންމާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެގޮތުން، ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކާއި، ޗާޕުކުރެވޭ އެކި ލިޔުންތަކާއި، ޑޭޓާބޭސްތަކާއި، ސިސްޓަމްތަކުގެ އިތުރުން ވެބްސައިޓްތަކާއި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ވެސް އިދާރާތަކުގެ ނަންތައް ދިވެހި އަދި އިނގިރޭސި ބަހުން ލިޔަންވާނީ މި ޑިރެކްޓަރީގައި ކަނޑައަޅާފައިވާ ގޮތަށް އެކަނިކަމަށް ރައީސް އޮފީހުން ބުންޏެވެ.