ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ ހައިސިއްޔަތުން ބައްސާމް އާދިލް ޖަލީލަށް 5،000 ޑޮލަރުގެ އެލަވެންސެއް ލިބޭ ކަމަށާއި އެ އެލަވެންސް ޖަމާކޮށްދީފައިވާނެ ކަމަށް ބައްސާމްއާ ދެކޮޅަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިޔާ ބުނެފިއެވެ.
ދައުލަތުން ވަނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނަތްތެރިވުމުގެ ދައުވާކޮށްފައެވެ.
ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ޑޮލަރުގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމްއަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ" ބައްސާމަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބައްސާމަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ބާއްވައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ވަނީ ނަގައިފައެވެ. ހެކިބަސް ދެމުން އެފްއޭއެމްގެ ކުރީގެ ފައިނޭންސް އެންޑް އެކައުންޓް އޮފިސަރު މަރިޔަމް ޒުހާ ބުނީ އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ދިނުމުގައި ތާށިކަމެއް ކޮވިޑާ ގުޅިގެން ދިމާވި ކަމަށެވެ. މަރިޔަމް ޒުހާ ބުނީ އެ ތާށިކަމާ ގުޅިގެން ބައްސާމަށް އެލެވެންސް ދިނުން ހުއްޓުމަކަށް އައި ކަމަށެވެ. ނަމަވެސް ކޮވިޑުގެ ފަހުން އެލެވެންސް ފައިސާ ބައްސާމަށް ޖަމާކޮށްދީފައިވާނެ ކަމަށެވެ. ކޮވިޑުގެ ފަހުން ދެމަަހެއްގެ އެލެވެންސް ބައްސާމަށް އެއްފަހަރާވެސް ޖަމާކޮށްދީފައިވާނެ ކަމަށާއި އެއީ ދިމާވި ތާށިކަމުގެ ތެރެއިން ނުދެވިހުރި ފައިސާ ކަމަށެވެ.
ބައްސާމަށް އެންމެ ފުރަތަމަ ދެމުން ގެންދިޔައީ 3،000 ޑޮލަރުގެ އެލެވެންސެއް ކަމަށާއި ފަހުންވަނީ އެލެވެންސް 5،000 ޑޮލަރަށް ބޮޑުކޮށްފައި ކަމަށެވެ. އެ އެލެވެންސްގެ އިތުރުން ދަތުރުތަކަށްވެސް ޕޮކެޓް މަނީގެ ގޮތުގައި ބައްސާމަށް 250 ޑޮލަރުގެ އެލެވެންސެއް ދެމުންދާ ކަމަށެވެ. މަރިޔަމް ޒުހާ ބުނީ އެލެވެންސް ފައިސާ ޖަމާކޮށްދެނީ ޗެކުން ކަމަށާއި އެ ޗެކުގެ ޕޭމަންޓް ވައުޗާގައި އެކަމުގެ ތަފުސީލު ހުންނާނެ ކަމަށެވެ. އަދި އެއްވެސް އިރަކު ވަކި ގޮތަކަށް ޗެކެއް ތައްޔާރުކުރަން ބައްސާމް އިރުޝާދުދީފައި ނުވަތަ އަންގާފައިނުވާނެ ކަމަށެވެ.
ހެކިބަސް ދެމުން އަހުމަދު ސައީދު ކިޔާ މީހަކު ބުނީ އެފްއޭއެމް ނުވަތަ ބައްސާމުގެ ފަރާތުން ލޯންޗު ކުއްޔަށް ހިފަން ގުޅާ ކަމަށެވެ. ބައްސާމްގެ ފަރާތުން އެދިގެން ބައެއް އަމިއްލަ ދަތުރުތައްވެސް ހަމަޖައްސައިދީފައިވާނެ ކަމަށް އަހުމަދު ސައީދު ބުންޏެވެ. މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ ބައްސާމުގެ އެކައުންޓުން ކޮށްފައިވާ 20،950 ރުފިޔާގެ މުއާމަލާތަކާ ގުޅިގެން ސުވާލުކޮށްފައި ކަމަށެވެ. ފުލުހުން އެ ސުވާލުކުރުމުން އެއީ ބައްސާމް ރިސޯޓަކަށްދާންވެގެން ލޯންޗު ކުއްޔަށް ހިފުމުގެ ގޮތުން ފޮނުވި ފައިސާއެއް ކަމަށް ތަހުގީގަށް މައުލޫމާތު ދީފައިވާނެ ކަމަށް އަހުމަދު ސައީދު ބުންޏެވެ.
ދައުލަތުގެ އެހެން ހެކިވެރިއެއް ކަމަށްވާ މުހައްމަދު އަންވަރު ވިދާޅުވީ އޭނާގެ އެޕާޓްމެންޓެއް ކަމަށްވާ ރެހެންދި 9 02 ބައްސާމް ކުއްޔަށް ހިފައިފައިވާނެ ކަމަށާއި ކުއްޔަށް އެތަން ހިފީ ކޮން އަހަރަކުކަމެއް ހަނދާން ނެތް ކަމަށެވެ. ބައްސާމް އެ އެޕާޓްމެންޓް ކުއްޔަށް ހިފާފައިވަނީ މަހަކު 25،000 ރުފިޔާއަށް ކަމަށާއި މެއިންޓެންސް ފީގެ ގޮތުގައި މަހަކު 2،500 ރުފިޔާ އިތުރަށް ބައްސާމް ދައްކާ ކަމަށެވެ. އެޕާޓްމެންޓް ކުއްޔަށް ދިނުމުގެ ވިޔަފާރި ފިޔަވައި އެހެން އެއްވެސް ވިޔަފާރީގެ ގުޅުމެއް ބައްސާމާއެކު ނޯންނާނެކަމަށް އަހުމަދު ސައީދު ބުންޏެވެ.
ބައްސާމުގެ އަނބިކަނބަލުން އައިމިނަތު މައުރީންގެ އެއްބަނޑުއެއްބަފާ ކޮއްކޮ މިސްބާހު އަހުމަދު ވިދާޅުވީ ބައްސާމްގެ ކެފޭއަކާއި ސެލޫނެއްގައި މަސައްކަތް ކޮށްފައިވާނެ ކަމަށާއި މަސައްކަތްކުރީ ޕާޗޭސިން މެނޭޖަރެއްގެ ހައިސިއްޔަތުން ކަމަށެވެ. ވިޔަފާރީ ހިންގާތަނުގެ ކުއްޔާއި ގަންނަންޖެހޭ ތަކެތީގެ ފައިސާ ބައްސާމަށް، އޭނާގެ އެކައުންޓަށް ފޮނުވާ ކަމަށާއި އެހެން ފައިސާއެއް ބައްސާމުގެ ފަރާތުން ލިބިފައިނުވާނެ ކަމަށެވެ. މި މައްސަލައިގެ ތަހުގީގު ތެރެއިން ފުލުހުން ވަނީ ބައްސާމުގެ އެކައުންޓުން ކޮށްފައިވާ 20،000 ރުފިޔާގެ ނުވަތަ އެއާ ގާތްކުރާ ނުވަތަ އެއަށްވުރެ ބޮޑު އަދަދަކާ ބެހޭގޮތުން ސުވާލުކޮށްފައި ކަމަށެވެ.
މިއަދު ހެކިބަސް ނެގުމަށް ދެން ނިންމި މީހުންނަށް ޗިޓު ރައްދު ދެއްވާފައިނުވާތީ ގާޒީ ވަނީ މިއަދުގެ އަޑުއެހުން ނިންމާލައިފައެވެ.
މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.
މުހައްމަދު އިޝާން
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް