ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް މާދަމާ އިއްވަން އެ ކޯޓުން ތަވާލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މާދަމާ 13:00 އަށެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ފަނޑިޔާރު ހުސައިން ޝަހީދު (ރިޔާސަތު)، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މާޗު 23 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަވުމުން ބޭއްވި ބަންދު އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކުރިއެވެ.

ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.

ކުރިމިނަލް ކޯޓުން ޝަމްއާން، 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު އޮތުމުންނެވެ. އެ ފަހުން ޝަރީއަތް ނިމެންދެން ބަންދުކުރީ ހެއްކެއް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތުމުންނެވެ. ޝަމްއާންގެ ފަރާތުން ވަނީ އެ ދެ އަމުރު ވެސް އިސްތިއުނާފުކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިމަހުގެ 15 ގަ އެވެ. އެ ދުވަހު އެ މައްސަލައަށް ކަނޑައެޅި ވަގުތު ހަމަވުމުން، މެދުކެނޑުމަކަށްފަހު ދެން އަޑުއެހުންތައް ކުރިއަށްގެންދިޔައީ މެންދުރެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުންތަކުގައި ޝަމްއާންގެ ދިފާއީ ވަކީލުން ވަނީ ހަައިކޯޓުގައި ވެސް ފާހަގަކުރި ނުކުތާތައް ފާހަގަކޮށްފައެވެ. އެގޮތުން ޝަމްއާނަށް މަނީލޯންޑަރިން އާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރާކަމުގެ ތުހުމަތުކޮށްފައިވާ އިރު، އެ މައްސަލައިގެ ތަހުގީގުތަކުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބައިވެރިވުން ނެތް ކަމަށް ފާހަގަކުރިއެވެ.

ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައިވަނީ އެ ތުހުމަތުތަކަކީ ކޮރަޕްޝަންގެ އަމަލުތަކެއް ކަމަށްވާ އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އޭސީސީއާއެކު ޖޮއިންޓް އިންވެސްޓިގޭޝަނެއް ހެދުމަށް ނުވަތަ އޭސީސީން ވަކިން މައްސަލަ ތަހުގީގުކުރަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުން އަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދައުވާކޮށްފައިވަނީ، ޝަމްއާނަށް ވެސް ތުހުމަތުކުރާ ކުށްތަކުގައި ކަމަށާއި ނަމަވެސް ހައިކޯޓުން ޔާމީން ދޫކޮށްލަން ނިންމާފައިވާ ކަމަށެވެ. އަދި މަނީލޯންޑަރިން ކުށުގެ ގިނަ މައްސަލަތަކެއް ކޯޓުތަކުން ބަލަމުންދިޔަ ނަމަވެސް، މިހާތަނަށް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފައި ހުރީ ހަމައެކަނި ޝަމްއާން ކަމަށް ވަކީލު ވިދާޅުވެފައިވެއެވެ.

ނޫރުއްސަލާމް ވިދާޅުވެފައިވަނީ ހައިކޯޓުގެ ހުކުމާއި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށް، ޝަމްއާން ވަގުތުން މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދޭ ކަމަށެވެ.

ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސިކިއުޓާ ހައްވާ ނާހީ ވިދާޅުވެފައިވަނީ ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓަށް އެކަށީގެންވާ ގާނޫނީ ބަހުސެއް ހުށަހެޅިފައިނުވާ ކަމަށާއި އޭސީސީގެ އެއްވެސް ބައިވެރިވުމެއް ނެތި ތަހުގީގު ކުރިއަށްގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިނުވާ ކަމަށެވެ.

ހައިކޯޓުން ނިންމާފައިވަނީ އަމަލު ދެނެގަތުމުގެ މަސައްކަތް އޭސީސީއާ ނުލައި ވެސް ފުލުހުންނަށް ކުރިއަށްގެންދެވޭނެ ކަމަށާއި އޭސީސީން ތަހުގީގުކުރަން ޖެހޭނީ ވަކި މަރުހަލާއެއްގައި ކަމެއް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށް ނާހީ ވިދާޅުވެފައިވެއެވެ.

ޔާމީންގެ ގަޒިއްޔާއާއި އެކި ގަޒިއްޔާތަކާ ހަވާލާދީ ބަންދުން ދޫކޮށްލުމަށް މީގެ ކުރިން މައްސަލަތަކުގައި ހައިކޯޓުން އަމުރުކުރި ނަމަވެސް، އެ ހުރިހާ މައްސަލަތަކަކީ ވެސް ތަހުގީގު ނިންމައި ދައުވާކޮށްފައިވާ މައްސަލަތައް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވެއެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ހުސައިން ޝަހީދު ވިދާޅުވީ މައްސަލަ ދިރާސާކުރަމުންދާ އިރު، އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ، ދެން ބާއްވާނީ ހުކުމްކުރާ މަޖިލިސް ކަމަށެވެ.