އެތުލެޓިކް ކްލަބަށް ކުޅެމުންދާ ނިކޯ ވިލިއަމްސް ބޭނުންވަނީ ބާސެލޯނާއާ ގުޅެން ކަމަށާއި، އޭނާ ހޯދަން މަސައްކަތް ކުރާ އިތުރު ބައެއް ކްލަބުތަކަށް މިހާރު އެކަން އަންގާފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.

އުމުރުން 22 އަހަރުގެ ނިކޯ ވިލިއަމްސްއަކީ މިވަގުތު ޔޫރަޕްގެ ގިނަ ކްލަބުތަކަކުން ލޯ އަޅަމުން އަންނަ ވިންގެކެވެ. އެގޮތުން ބަޔާން މިއުނިކާއި ޕްރިމިއާ ލީގު ކްލަބުތަކުންވެސް ނިކޯ ވިލިއަމްސްގެ އެޖެންޓާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އިތުބާރު ރިޕޯޓުތައް ބުނެފައިވެއެވެ.

ސްޕެއިން ގައުމީ ޓީމަށް މުހިއްމު ރޯލެއް އަދާކުރަމުން އަންނަ ނިކޯ ވިލިއަމްސްގެ ޓްރާންސްފާއަށް ބާސާ ސަޕޯޓަރުންވެސް ޕްރެޝަރު ކުރަމުންދާ އިރު، އޭނާއަކީ ކްލަބު ރައީސް ޖޮއާން ލަޕޯޓާ އެންމެ ބޭނުންވާ ކުޅުންތެރިޔާ ނޫން ކަމަށްވެސް ނޫސްތައް ބުނެއެވެ.

ނިކޯ ވިލިއަމްސްގެ އެޖެންޓް، ބާސާގެ ސްޕޯޓިން ޑިރެކްޓަރު ޑެކޯއާ ކުރިންވެސް އެކި ފަހަރު މަތިން ވާހަކަ ދައްކާފައިވާ އިރު، ބާސާއިން މަސައްކަތް ކުރީ ރިލީސް ފީ ދައްކާފައި އޭނާ ގެންދާށެވެ. އެއީ 58 މިލިއަން ޕައުންޑްގެ އަގަކެވެ.

އެ އަގަށް ބާސާގެ ރައީސް ހިތްހަމަ ނުޖެހޭ ކަމަށް ނޫސްތަކުން ބުނެފައިވާ އިރު، ބައެއް ރިޕޯޓުތައް ބުނީ ބާސާ ރައީސް ބޭނުން ވަނީ ލުއިސް ޑިއާޒް އެ ކްލަބަށް ގެންދާށެވެ.

އެކަން އެހެން އޮތް ނަމަވެސް ނިކޯ ވިލިއަމްސް ބާސާއަށް ދާން ބޭނުންވެ، އެގޮތަށް ނިންމުމާއެކު މިހާރު ރައީސް ލަޕޯޓާއަށް ވަނީ އެ ޓްރާންސްފާ ފުރިހަމަ ކުރުމަށް މަސައްކަތްތަކެއް ކުރަން މަޖުބޫރުވެފައެވެ.

އިތުބާރު ނޫސްތައް ބުނީ ބާސާއިން ނިކޯ ވިލިއަމްސް ގެންދަން މިހާރުވެސް މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ޔަގީން ނުވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.