އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ސާބިތުވުމުން ބައްޕައަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލުކޮށްފިއެވެ.

ދައުލަތުން އެ މައްސަލައިގައި ދައުވާކޮށްފައިވަނީ މުހައްމަޔު ނިޔާޒް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ އިތުބާރު ހިފޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާގައިވާ ގޮތުން މުހައްމަދު ނިޔާޒް ވަނީ އޭނާގެ އުފަން އަންހެން ދަރިއެއްގެ އުމުރުން ހަ އަހަރުގައި އެ ކުއްޖާގެ ދިރިއުޅޭ ގޭގެ ފާހަނަ ތެރޭގައި ޖިންސީ ގޯނާ ކޮށްފައެވެ.

އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ދަށު ކޯޓުން ވަނީ 15 އަހަރަށް މުހައްމަދު ނިޔާޒު ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މުހައްމަދު ނިޔާޒުގެ ފަރާތުން ވަނީ ދަށު ކޯޓުގެ އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

މުހައްމަދު ނިޔާޒުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވަނީ މި މައްސަލައިގައި ކުއްޖާގެ ބަޔާނެއް ނަގައިފައިނުވާ ކަމަށެވެ. މުހައްމަދު ނިޔާޒު ބުނެފައިވަނީ ކުއްޖާގެ ކިޔައިދިނުމަށް ބަލާއިރު، އެގޭގެ ފާހާނާގައި ހާދިސާ ހިނގި ކަމަށް ބަޔާން ކޮށްފައިވާ އިރު، އެ ގޭގައި ހުންނަނީ ގިފިއްޔެއް ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ދައުލަތުން ވިދާޅުވެފައިވަނީ ކުއްޖާގެ ކިޔައިދިނުމުގައި އެގޭގެ ފާހާނާގައި ހާދިސާ ހިނގި ކަމަށް ބަޔާންކޮށްފައި ވުމުން އެކަމާމެދު އިސްތިއުނާފުކުރާ ފަރާތުން ސުވާލު އުފެއްދި ނަމަވެސް ގިފިއްޔާއި ފާހަނާއަކީ އެއް ބޭނުމެއްގައި ބޭނުންކުރާ ތަނަކަށް ކިޔާ ދެ ނަމެއް ކަމަށެވެ.

ދެ ފަރާތުގެ ވާހަކަ އަޑުއެހުމަށްފަހު މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރިޔާސަތުގައި ބެލެހެއްޓެވި ފަނޑިޔާރު ހުސައިން މަޒީދު މައްސަލައިގެ ރައުޔުގައި ވިދާޅުވީ މައްސަލައިގައި ކުއްޖާ ތަހުގީގަށް ކިޔައިދިން ކިޔައިދިނުމުގެ އޯޑިއޯ ވީޑިއޯ ރެކޯޑިން ޝަރީއަތަށް ހުށަހަޅާފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވީ ކުއްޖާގެ އަސާސީ ކިޔައިދިނުމެއް ކަމުގައި ބެލެވޭ ކިޔައިދިނުމެއް ޝަރީއަތަށް ލިބިފައިވާ ހާލަތުގައި ކުއްޖާގެ ބަސް ޝަރީއަތުގައި އަލުން ނަގަންޖެހޭ ކަމަށް ކަނޑައެޅިފައިނުވާ ކަމަށެވެ.

މުހައްމަދު ނިޔާޒްގެ މައިގަނޑު ޝަކުވާއަކީ ކުއްޖާ އެކިފަރާތަތްތަކަށް ކިޔައިދިން ކިޔައިދިނުމަކީ ހަމަ ހަގީގަތުގައިވެސް ކުއްޖާ ބުނި ބުނުމެއްތޯ ދަށު ކޯޓުން ކަށަވަރުކޮށްފައިނުވުން ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ކުއްޖާ އެ ވާހަކަ ކިޔައިދީފައިވަނީ ކުއްޖާގެ މަންމަ، ކުއްޖާގެ މަންމަ ފަރާތުން މާމަ، ޖެންޑާ އޮފީހުގެ އޮފިސަރުގެ ހާޒިރުގައި ތަހުގީގުކުރާ ފަރާތަށް އަދި ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓް ތައްޔާރު ކުރި ފަރާތަށެވެ.

ފަނޑިޔާރު ވިދާޅުވީ ކުއްޖާ މި މައްސަަލައިގައި ތަހުގީގަށް ކިޔައިދިިން ކިޔައިދިނުމާއި ސައިކޮލޮޖިކަލް އެސެސްމެންޓް ރިޕޯޓަށް ކިޔައިދިން ކިޔައިދިނުމަށް ބަލާއިރު ސޮއިކޮލޮޖިކަލް ރިޕޯޓަށް އެ ހާދިސާ އަދި އެހެން ވާހަކަތަތައް މާ ތަފުސީލުކޮށް ކިޔައިދީފައިވާ ކަމަށެވެ.

"މިއީވެސް ކުއްޖާގެ އަސާސީ ކިޔައިދިނުމެއްގެ ގޮތުގައި ކުއްޖާ ކިޔައިދިން ގޮތަށް ކަމަށް ބަޔާންކޮށް ބަހުން ބަހަށް ލިޔެފައިވާ ތަފްސީލުތަކަށްވާތީ، މިއީ ހަމަ ހަގީގަތުގައިވެސް ކުއްޖާއާ މެދު ކަންކުރެވުނު ކަމަށް ކުއްޖާ ކިޔައިދިން ކިޔައިދިނުމެއްތޯ ކަށަވަރުކުރުމަކީ ވަރަށް މުހިންމުކަމެކެވެ. އެހެނީ ކުއްޖާގެ މާމަ ތަހުގީގަށް ދީފައިވާ ބަޔާނާއި ޝަރީއަތަށް ދީފައިވާ ހެކިބަހުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި،" ފަނޑިޔާރު ވިދާޅުވި އެވެ.

ދަށު ކޯޓުން މައްސަލަ ނިންމި އިރު ސޮއިކޮލޮޖިކަލް ރިޕޯޓް ތައްޔާރު ކުރި ފަރާތުގެ ހެކިބަސް ނުނަގާ ކަމަށާއި އެކަމާ ގުޅޭގޮތުން މުހައްމަދު ނިޔާޒުގެ ފަރާތުން އިއުތިރާޒު ކުރި ކަމަށެވެ.

އެކަންތައްތައް ފާހަގަކޮށް ފަނޑިޔާރު ވިދާޅުވީ އެ ރިޕޯޓުގައިވާ ވާހަކަތައް ހިމެނޭހެން މައްސަލައިގައި ހުރި އެންމެހާ ހެކިތައް އަލުން ވަޒަންކޮށް ދަށު ކޯޓުގައި ކުރެވުނު ދައުވާއާ މެދު އަލުން ދަށު ކޯޓުން ގޮތެއް ކަނޑައަޅައިގެން މެނުވީ މައްސަލައިގެ އިންސާފަށް ވާސިލުނުވެވޭނެ ކަމަށެވެ.

އެހެންވެ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް އަލުން އެ މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް ފޮނުވަން ފަނޑިޔާރު ރައުޔު ކަނޑައެޅުއްވިއެވެ.

ފަނޑިޔާރު މަޒީދުގެ އެ ރައުޔަށް ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ތާއީދުކުރެއްވިއެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރީ މުހައްމަދު ނިޔާޒަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އަލުން އެ މައްސަލަ ބެލުމަށް ދަށު ކޯޓަށް ތަހުވީލު ކުރުމަށެވެ.