އިނގިރޭސިވިލާތުން ފޯޅަވަހީގެ ރަށްތައް މޮރިޝަސްއާ އިއްޔެ ހަވާލުކޮށްފިއެވެ. ނުވަތަ ހަވާލުކުރުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފޯޅަވަހީގެ މައްޗަށް ގާތްގަޑަކަށް 211 އަހަރުވަންދެން ދެމިއޮތް އިނގިރޭސި ހުކޫމަތު ނިމުމަކަށް އައީއެވެ. މިއީ އެފްރިކާގެ ބަނޑުދަށުގައިވާ ކުޑަކުޑަ މޮރިޝަަސްއަށް ކިހައިވަރެއްގެ ކާމިޔާބީއެއް ހެއްޔެވެ. ވަރަށްވެސް ބޮޑު ކާމިޔާބީއެކެވެ. އެންމެ ފުރަތަމަ ކާމިޔާބީއަކީ ހައްގުނޫން އެއްޗެއް ލިބިގަތުމުގެ ކާމިޔާބީއެވެ. އިންޑިޔާ ކަހަލަ ބޮޑެތި ގައުމުތަކުގެ ތާއީދާއި އެހީތެރިކަމާއެކު ހިންގުނު ޚަރަދު ބޮޑު ދިގު ޑިޕްލޮމެޓިކް ކެމްޕޭނަކަށްފަހުގައެވެ. އަންދާޒާކުރެވިފައިވާ ގޮތުން ފޯޅަވަހި ލިބިގަތުމުގެ ޑިޕްލޮމެޓިކް ކެމްޕޭނަށް މޮރިޝަސްއިން ވަނީ މަދުވެގެން 500 މިލިޔަން ޑޮލަރު ޚަރަދުކޮށްފައެވެ. އެއީ މޮރިޝަސް ކަހަލަ ގައުމަކަށް ނިސްބަތްކުރާއިރު ބޮޑު އަދަދެކެވެ. އެކަމަކު ފޯޅަވަހިން ލިބޭންއޮތް ފައިދާޔަށް ނިސްބަތްކުރާއިރު 500 މިލިޔަން ޑޮލަރަކީ ބޮޑު އެއްޗެއް ނޫނެވެ.
އެހެނީ ކުރިއަށް އޮތް 99 އަހަރުގެ ތެރޭގައި ނަގުދު ފައިސާއިން އެކަނިވެސް 13.5 ބިލިޔަން ޑޮލަރު މޮރިޝަސްއަށް އޮތީ ޔަގީންވެފައެވެ. އެއީ ހަމައެކަނި ޑިއޭގޯ ގާސިޔާގެ ކުލީގެ ގޮތުގައި ލިބޭނޭ އަދަދެވެ. އެހެންވީމާ އޭގެ ހަތަރު ޕަސަންޓަށްވުރެވެސް ކުޑަ އަދަދެއް އިންވެސްޓްކޮށްގެން މިވަރު ލިބިގަތުމަކީ ކިތަންމެހައިވެސް ނަފާބޮޑު ވިޔަފާރިއެކެވެ. ކުރިން މިދެންނެވި ބޮޑު ނަފާގެ އިތުރު ތަފްސީލުތަކަށް ބަލައިލުން މުހިއްމެވެ. އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފޯޅަވަހީގެ ހުރިހާ ރަށްރަށުގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބުމުގެ އިތުރަށް ނަގުދު ފައިސާގެ ގޮތުގައި މޮރިޝަސްއަށް ކުރިއަށްއޮތް 99 އަހަރުގެ ތެރޭގައި ލިބޭނީ 13.5 ބިލިއަން ޑޮލަރެވެ. އެއީ ޑިއޭގޯ ގާރސިޔާއޭ ކިޔުނު ރަށުގެ ކުލީގެ ގޮތުގައެވެ. ކޮންމެ އަހަރަކަށް ޖެހެނީ މީޑިއާގައިވެސް ރިޕޯޓްކޮށްފައިވާ ފަދައިން 136 މިލިޔަން ޑޮލަރެވެ. އެކަމަކު ހަގީގަތުގައި އެއަށްވުރެ މާގިނައިންވެސް ލިބޭނެއެވެ. މިސާލަކަށް ބަލައިލަމާބަހީއެވެ.
އިއްޔެއިން ފެށިގެން ކުރިއަށްއޮތް ތިން އަހަރުގެ ތެރޭގައި ޑިއޭގޯ ގާރސިޔާގެ ކުލީގެ ގޮތުގައި ކޮންމެ އަހަަރަކުވެސް 214 މިލިޔަން ޑޮލަރު މޮރިޝަސްއަށް ލިބޭނެއެވެ. އޭގެފަހުން ދެންއަންނަ ދިހަ އަހަރުގެ ތެރޭގައި ކޮންމެ އަހަރަކުވެސް ލިބޭނީ 160 މިލިޔަން ޑޮލަރެވެ. މިދެންނެވި މަގުން އެންމެ ފުރަތަމަ ތޭރަ އަހަރުގެ ތެރޭގައި ކުލި ލިބުމަށްފަހު ދެން ބާކީއޮންނަ 86 އަހަރުގެ ތެރޭގައި އަމަލުކުރާނީ ތަފާތު އުސޫލަކަށެވެ. މިވަގުތު އިނގިރޭސި ޕައުންޑުގެ އަގުހުރި ނިސްބަތަކީ މި އެއްބަސްވުމުގެ ދަށުން މޮރިޝަސްއަށް ލިބެންޖެހޭ ފައިސާގެ އަގުކުރެވޭ ތިލަފަތެވެ. އެހެންވީމާ މިހާރު އިނގިރޭސި ވިލާތުގެ 101 މިލިއަން ޕައުންޑުގެ އަގު އެހިސާބަށްދާއިރު އޮންނަ މިންވަރަކުން ކޮންމެ އަހަރަކުވެސް އެއަދަދު މޮރިޝަސްއަށް ލިބޭނެއެވެ. އިންފްލޭޝަނަށްވެސް ރިއާޔަތްކޮށްގެންނެވެ. އިންފްލޭޝަނުގެ ސަބަބުން އަދަދަށް އަތުވެދާނެ ބަދަލެއްގެ މައްޗަށް ތަންކޮޅެއް ތަފްސީލީ ގޮތެއްގައި ބަލާލުން އެދެވިގެންވެއެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުގެ އެއްބަސްވުމަކީ 99 އަހަރަށް ދެމިގެންދާ އެއްބަސްވުމެކެވެ. އެއީ ވަރަށް ދިގު މުއްދަތެކެވެ. އެ މުއްދަތުގެ ތެރޭގައި އިނގިރޭސި ޕައުންޑުގެ އަގަށް ނުހަނުބޮޑު ބަދަލެއްވެސް އަތުވެދާނެއެވެ. މީގެ މިސާލެއްގެ ގޮތުން މީގެ 99 އަހަރު ކުރިން 1926 ވަނަ އަހަރު އިނގިރޭސި ޕައުންޑުގެ އަގުހުރި ހިސާބާއި މިއަދުހުރި ހިސާބު ބަލައިލަމާބަހީއެވެ. މީގެ 99 އަހަރު ކުރިން އިނގިރޭސިވިލާތުގެ 100 ޕައުންޑަކީ މިއަދުގެ ފައިސާއިންނަމަ 7770 ޕައުންޑެވެ. އެހެންވީމާ މިއަދުގެ އަގުން އަގުކޮށްގެން މީގެ 99 އަހަރު ފަހުން ކުލިދައްކާނަމަ އެވާނީ ވަރަށްވެސް ދެކޮޅުނުޖެހޭ ކުޑަކުޑަ ކުއްޔަކަށެވެ. މިކަހަލަ ކެއްސެއް އެމެރިކާއާއި ރޫސީވިލާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ރޫސީވިލާތަށްވެސް ވަނީ ލިބިފައެވެ. މޮސްކޯގައި ހުންނަ އެމެރިކާ އެމްބަސީގެ ކުއްޔާމެދު 1985 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަަށުން އަހަރަކު އެމެރިކާއިން ދައްކަންޖެހެނީ އޭރުގެ ރޫސީ ފައިސާއިން އެމެރިކާގެ އެއްލައްކަ ބާވީސްހާސް ޑޮލަރަށް ޖެހޭ މިންވަރެވެ.
ކަންދިމާކުރި ގޮތުން ސޯވިއެޓް ޔޫނިއަން ރޫޅިގެންގޮސް އިންފްލޭޝަންވެސް މައްޗަށްގޮސް ރޫސީ ފައިސާގެ އަގުން ބެލީމާ 1990 ގެ ތެރޭގައި އެއްކަލަ އަދަދު އެއްވަރުވަނީ އަހަރަކު އެންމެ 23 ޑޮލަރާއެވެ. މޮސްކޯ އެމްބަސީގައި މަސައްކަތްކުރާ ޑްރައިވަރެއްގެ ޖީބުން މިއަދަދު ދައްކާލަ ދައްކާލައި އަދި ރަޝިޔާއަށް މަލާމާތް ކުރުމުގައި އަހަރުތަކެއް އެމެރިކާއިން ހޭދަކުރިއެވެ. ގަބޫލު ކުރެވޭގޮތުން މިފަހަރު މޮރިޝަސްްއާ އިނގިރޭސިވިލާތާ ދެމެދު ފޯޅަވަހީގެ މިލްކުވެރިކަން ބަދަލުކުރުމަށް ވެވުނު އެއްބަސްވުން އެންމެ ފުރަތަމަ އެކުލަވައިލިއިރު އިނގިރޭސިވިލާތުން ވަނީ މި ލަނޑު މޮރިޝަސްއަށްވެސް ދޭން މަސައްކަތްކޮށްފައެވެ. ހުސްވި 2024 ވަނަ އަހަރު މޮރިޝަސްއާއި އިނގިރޭސިވިލާތާ ދެމެދު އެއްބަސްވުމެއް ގާއިމުކޮށް 99 އަހަރަށް ޑިއޭގޯ ގާރސިޔާ ކުއްޔަށް ހިފުމަށް އެއްބަސްވިއިރު އިންފްލޭޝަނަށް ރިއާޔަތްކޮށްފައެއް ނެތެވެ. އެއްބަސްވީ ފިކްސްޑް އަދަދަކަށެވެ. އެކަން ބަދަލުވީ މޮރިޝަސްގެ ސަރުކާރު ބަދަލުވެ ނަވިން ރާމަގޫލަމް ބޮޑުވަޒީރުކަމަށް ވަޑައިގެން ދެން އިނގިރޭސިވިލާތާއެކު އަލުން ބަލުން ކުރެއްވި މަޝްވަރާތަކުންނެވެ.
ކުރީގެ ބޮޑުވަޒީރު ޕްރަވިންދު ޖަގުނާތުގެ ވިސްނުމަށް މީގެ 99 އަހަރު ފަހުން އިނގިރޭސި ޕައުންޑުގެ އަގު ވެއްޓިދާނޭ މިންވަރަކާމެދު މާބޮޑު އެއްޗެއް ވަދެފައެއް ނުވެއެވެ. އެކަން ވިސްނުނީ ފަހުން އައި ސަރުކާރަށެވެ. ކޮންމެއަކަސް ވަގުތު ފާއިތުވުމުގެ ކުރިން އެކަންވެސް ވެއްޖެއެވެ. ކުލީގެ ގޮތުގައި މޮރިޝަސްއަށް ލިބޭ 13.5 ބިލިޔަން ޑޮލަރުގެ ތެރެއިން ފޯޅަވަހީގެ ރްށްވެހިންނަށްޓަކައި 54 މިލިޔަން ޑޮލަރުގެ ޓްރަސްޓް ފަންޑެއް ގާއިމުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ފަންޑު ފިޔަވައި ދެންހުރީ މުޅިންވެސް މޮރިޝަސްގެ ފައިސާއެވެ. ތަޅައި ބުރުއްސާނޭ ގޮތަކަށް ބުރުއްސާންހުރި ފައިސާއެވެ. މަތީގައި ބަޔާންކުރެވުނީ ކުރިއަށް އޮތް 99 އަހަރުގެ ތެރޭގައި ހަމައެކަނި ޑިއޭގޯ ގާރސިޔާގެ ކުލީގެ ގޮތުގައި މޮރިޝަސްއަށް ލިބޭނެ މަންފާގެ ވާހަކައެވެ. ފޯޅަވަހީގައި އޮތީ ހަމައެކަނި ޑިއޭގޯ ގާރސިޔާއެއް ނޫނެވެ. އިތުރު ފަސްދޮޅަހަކަށް ރަށާއި ފަޅުފަޅާއި ކަނޑުގެ ބޮޑު ސަރަހައްދެއްވެސް އެބައޮތެވެ. މިދެންނެވި ރަށްރަށުގައި ފަތުރުވެރިކަން ތައާރަފުކޮށް ކަނޑާއި ފަޅުފަޅުގައި ދާއަޅައިގެން މަސްވެރިކަން ކުރުމުގެ ލައިސަންސް ބޭރުގެ ކުންފުނިތަކަށް ދީގެން މޮރިޝަސްއަށް ލިބޭނޭ މަންފާއޮތީ އަންދާޒާކޮށްލުމެވެ. ޑިއޭގޯ ގާރސިޔާ ފިޔަވައި ދެންހުރި ރަށްރަށުގައި މޮރިޝަސްއިން ބޭނުންވާހައި ކަމެއް ހިންގޭނެއެވެ. އެކަމަށް އެއްވެސް ހުރަހެއް ނެތެވެ.
އިމާދު ލަތީފު
މޮރިޝަސް
މޮރިޝަސް
މޮރިޝަސް