ރާއްޖެއާއި ފޯޅަވައްސާ ދެމެދު ކަނޑުގެ އިން ކަނޑައެޅުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި ރާއްޖެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާތީ، އެ މައްސަލައިގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހާއްސަ ކޮމިޝަނަށް މިއަދު ބަދަލު ގެންނަވައިފިއެވެ.

ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ލިބިދޭ އިހުތިޔާރުގެ ދަށުން، "އިޓްލޮސްގެ ކޭސް ނަންބަރު 28 ގައި ރާއްޖެއިން އަމަލުކުރި ގޮތް ތަހުގީގުކުރުމަށް އުފައްދާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން"ގެ ނަމުގައި ރައީސް ކޮމިޝަން އުފެއްދެވީ މިމަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސްގެ ގަރާރަކުން މިއަދު ވަނީ އެ ކޮމިޝަނަށް ބަދަލު ގެންނަވައިފައެވެ. ގެންނަވާފައިވާ އެންމެ މުހިންމު ބަދަލަކީ ކުރިން ކޮމިޝަންގެ ރައީސްގެ މަގާމަށް ހަމަޖެއްސެވި ކަށިމާ އަހުމަދު ޝާކިރުގެ ބަދަލުގައި އެ މަގާމަށް ޑރ. އަބްދުލް މުހުސިން މުހައްމަދު ހަމަޖެއްސެވުމެވެ. އަދި ކަށިމާ ޝާކިރާއި އޭރު މެންބަރެއްގެ ގޮތުގައި ކޮމިޝަންގައި ހިމެނުއްވި އަބްދުލްއަޒީޒް ޔޫސުފްގެ ބަދަލުގައި، މެންބަރުންގެ ގޮތުގައި އިތުރުކުރެއްވީ ކެޕްޓަން އަހުމަދު ޒުބައިރާއި ކުރީގެ އެސިސްޓަންޓް ޕީޖީ އާއިޝަތު ފަޒްނާ އަހުމަދެވެ.

މިހާރު ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުން:

  • ޑރ. އަބްދުލް މުހުސިން މުހައްމަދު (ކޮމިޝަން ރައީސް)
  • ކެޕްޓަން އަހުމަދު ޒުބައިރު
  • ޑރ. އާމިނަތު ޝާފިޔާ އާދަމް
  • ރިޓަޔާޑް ޑެޕިއުޓީ ކޮމިޝަނާ އޮޕް ޕޮލިސް މުހައްމަދު ސޯދިގު
  • އަހުމަދު އަލީމަނިކު
  • ފާތިމަތު މިންހަތު އިއްޒަތު
  • އާއިޝަތު ފަޒްނާ އަހުމަދު

މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ރައީސް މުއިއްޒު ވަނީ މިފަދަ ކޮމިޝަނެއް އުފައްދަވާނެކަން އިއުލާނުކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ކޮމިޝަން އުފައްދަވާފައިވަނީ މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށް އައްޔަނުކުރި ބައިނަލްއަގުވާމީ ހަބީރުންގެ ރިޕޯޓުތަކުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލުނީ ދައުލަތުން ކަންކުރި ގޮތުން ކަމަށް ބަޔާންކޮށްފައިވާތީ ކަމަށެވެ. އެއީ ރާއްޖޭގެ މަސްވެރިކަމަށާއި ކަނޑު އަދި ކަނޑުއަޑީގެ މުއްސަނދިކަމަށް ލިބުނު ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ކަމަށްވާތީ، މި މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓައި ރައްކާކުރެވިފައިވާ ގޮތް ތަހުގީގުކުރުމާއި، ޒިންމާ ކުރުވާން ޖެހޭ ފަރާތްތަކާ މެދު އަޅަން ފެންނަ ފިޔަވަޅުތައް ކަނޑައެޅުމުގެ ބާރުވެސް ކޮމިޝަނަށް ވަނީ ދީފައެވެ. އަދި ކުރިމަގުގައި މިފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމުކުރުމަށް ފެންނަ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުންވެސް ކޮމިޝަނުގެ ޒިންމާތަކުގެ ތެރޭގައި ހިމެނެއެވެ.

ރައީސްގެ ގަރާރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ކޮމިޝަނަކީ އެ ކޮމިޝަނާ މަތިކޮށްފައިވާ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސް ކަނޑައަޅުއްވަންދެން ދެމިއޮންނާނެ ކޮމިޝަނެކެވެ.