ރާއްޖޭގެ ދެކުނުން އޮންނަ ފޯޅަވަހި ނުވަތަ ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން ރަސްމީކޮށް މަޝްވަރާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވި ނަމަވެސް، އެއީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް މައްސަލައެއް ނޫންކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.
އެކަމާ ގުޅިގެން "ރޮއިޓާސް"އަށް މައުލޫމާތު ދެމުން އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ. އަދި 2022 ވަނަ އަހަރު ރާއްޖެއާ މަޝްވަރާނުކޮށް މޮރިޝަސްއާއެކު ވާހަކަތައް ކުރިއަށްގެންދިޔައީވެސް އެ ސަބަބަށްޓަކައިކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ރާއްޖޭއެއާއެކު ތަފާތު އެކި ދާއިރާތަކުން އަޅުގަނޑުމެން މަޝްވަރާތައް ކުރަން. ނަމަވެސް، ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް. އެހެންވެ، 2022 ވަނަ އަހަރު ކުރީގެ ސަރުކާރުން މި މައްސަލައިގައި ރާއްޖޭގެ ބަދަލުގައި މޮރިޝަސްއާއެކު މަޝްވަރާތައް ފެށީ" އޮފިޝަލް ވިދާޅުވިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޗާގޯސްގެ ސިޔާދަތީ މިލްކުވެރިކަމާ ބެހޭ މައްސަލައިގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު ރަސްމީ ވާހަކަތައް ފެއްޓެވުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑީ ބާންހަމްއަށް ރައީސް މުއިއްޒު ވަނީ ސިޓީފުޅެއް ފޮނުއްވާފައި ކަމަށެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސް ފޮނުއްވި ސިޓީފުޅުގައި ޗާގޯސްއަކީ ރާއްޖޭގެ ތަނެއްކަމުގައި ތާރީހީގޮތުންވެސް ފެންނާން އޮތްކަމާއި، ޖިއޮގްރަފީ ގޮތުންވެސް ޗާގޯސްއަކީ ރާއްޖެއާ މާގާތުގައި އޮތް ތަނެއްކަން ފާހަގަކޮށްފައިވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. އެހެންކަމުން، ޗާގޯސްގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ހަވާލުކުރުމަށް ކުރާ މަސައްކަތްތައް ކުރިއަށް ގެންދާތީ ރައީސް ކަންބޮޑުވުން ފާޅުކުރައްވާފައިވާކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ސިޓީފުޅުގައި އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮންނަ ޒަމާންވީ ގުޅުން އިތުރަށް ކުރިއަށް ގެންދަވާނޭ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭނޭ ފަދަޔަކުން، ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން އިނގިރޭސި ސަރުކާރަށް އެއްބާރުލުން ދެއްވާނޭ ކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ އަރުވައިފައެވެ.
2023 ވަނަ އަހަރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނެރުނު ހުކުމުގެ ސަބަބުން ޗާގޯސްގެ މައްޗަށް މޮރިޝަސްއިން ކުރާ ދައުވާތަކަށް ވަނީ އިތުރު ބާރެއް ލިބިފައެވެ. މިކަން ކޮށްފައިވަނީ 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އިސްތިޝާރީ ލަފަޔަކަށް ތާއީދުކޮށްގެންނެވެ.
އައިސީޖޭ އިން ނިންމާފައިވަނީ 1965 ވަނަ އަހަރު އިނގިރޭސިވިލާތުން މޮރިޝަސްއާ ޗާގޯސް ޖަޒީރާތައް ވަކިކުރުމަކީ ގައިރު ގާނޫނީ ކަމެއް ކަމަށާއި، ވީ އެންމެ އަވަހަކަށް އެ ސަރަހައްދު ހިންގުން އިނގިރޭސިވިލާތުން ހުއްޓާލަންޖެހޭނެ ކަމަށެވެ.
މި އިސްތިޝާރީ ލަފަޔަކީ އަމަލުކުރުން މަޖުބޫރު ނިންމުމަކަށް ނުވި ނަމަވެސް، މީގެ ގާނޫނީ ބަރުދަނެއް ހުރުމާއެކު، 2019 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ވަނީ ގާތްގަނޑަކަށް ހުރިހާ ގައުމެއްގެ އިއްތިފާގުން އެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައިފައެވެ.
ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ގަބޫލު ނުކުރާކަން ރަސްމީކޮށް ދިވެހި ސަރުކާރުން ވަނީ މީގެ ކުރިން އިނގިރޭސިވިލާތަށް އަންގައިފައެވެ.
މޮރިޝަސްއާއެކު އިނގިރޭސި ސަރުކާރުން ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އިއުތިރާޒުކޮށް، ރާއްޖެއިން އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވާފައިވަނީ 2024 ނޮވެމްބަރު އަދި 2026 ޖެނުއަރީގައެވެ.
ރާއްޖޭގެ ފުރަތަމަ ސިޓީއަށް ޖަވާބެއް ދިނުމެއް ނެތި، މެއި 2025 ގައި އިނގިރޭސިވިލާތުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދީފައެވެ. އަދި އަހަރަކު 100 މިލިއަން ޑޮލަރު ދައްކާ ގޮތަށް އެތަން ކުއްޔަށް ހިފުމަށްވެސް ވަނީ އެއްބަސްވެފައެވެ. ފުރަތަމަ އެ ނިންމުމަށް އެމެރިކާއިން ތާއީދުކުރި ނަމަވެސް، ފަހުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެ އެއްބަސްވުމާ ދެކޮޅު ހައްދަވައި އިނގިރޭސިވިލާތަށް ޑިމްލޮމެސީ ގޮތުން ޕްރެޝަރު ކުރައްވާފައެވެ.
ޗާގޯސް މައްސަލައިގައި، ރައީސް މުއިއްޒު ވަނީ ފެބްރުއަރީ 2، 2025 ގައި ނިއުސްވީކް މެގަޒިން މެދުވެރިކޮށް އެމެރިކާއަށް ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. އެއީ ޗާގޯސްގެ ބާރު ރާއްޖެއަށް ދީފި ނަމަ، ޑިއޭގޯ ގާސިއާގައި އޮތް އެމެރިކާގެ އަސްކަރީ މަރުކަޒު ދެމެހެއްޓުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ. ނަމަވެސް އެމެރިކާއިން އެ ވާހަކަތަކަށް ޖަވާބެއް ދީފައިނުވެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމަށް އިޓްލޮސްއިން ނިންމި ނިންމުމަށް ބަލައިނުގަންނަ ކަމަށާއި، ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދު ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގެ ގޮތުގައި ބަލަހައްޓާނެ ކަމަށެވެ.
ޗާގޯސްގެ މައްސަލައިގައި މޮރިޝަަސް އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ރާއްޖެއާއެކު ހާރިޖީ ގުޅުން ސަސްޕެންޑު ކުރަން ނިންމައިފައެވެ. ނަމަވެސް ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ޗާގޯސް ހައްގު ނުވާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުހައްމަދު އިޝާން
އިނގިރޭސިވިލާތް
އިނގިރޭސިވިލާތް
އިނގިރޭސިވިލާތް
އިނގިރޭސިވިލާތް
ކޮމެންޓް