ރާއްޖެއާ ސިޔާސީ ގުޅުން ކަނޑައިލި މޮރިޝަސްއިން އޮތީ ރާއްޖެއާ މަޝްވަރާ ކުރަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ ނިއުދިއްލީގައި އިއްޔެ ބޭއްވި 10 ވަނަ އިންޑިއަން އޯޝަން ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މިއަދު މާލެ ވަޑައިގަތުމުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އިންޑިއާއަށް ކުރެއްވި ދަތުރު ފުޅުގައި މޮރިޝަސްގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވި ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި، އަވަށްޓެރި ގައުމުތަކާ ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރަށް ދެންނެވި ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ވަރަށް ބޮޑަށް މިނިސްޓަރު އަރުހުގަވެސް ދެންނެވިން ދިވެހި ރާއްޖެއާ މިކަމުގައި ވާހަކަ ދައްކާ ދެގައުމަށް ސުލްހަވެރި ގޮތުގައި ކަންތައްތައް ނިންމޭނެގޮތް ހޯދުން، ދެން އެއްވެސް ހާލެއްގައި އަވައްޓެރި ގައުމުތަކާ އެހެން ޑިޕްލޮމެޓިކް ގުޅުން ނެތުމަކީ ރަނގަޅުކަމެއްނޫން، ދެން އެބޭފުޅުން ތިއްބެވީ ތައްޔާރަށް،"
ރައީސް ނަޝީދު ވިދާޅުވީ، މިފުރުސަތުގެ ބޭނުންކޮށް އެކަމުގައި މޮރިޝަސް ސަރުކާރާއެކު ރާއްޖޭގެ ސަރުކަރުން ކުރިއަށްދާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖެއާއެކު އޮތް ސިޔާސީ ގުޅުން، މޮރިޝަސް އިން، ކަނޑައިލީ މިދިޔަ މާޗުމަހުގެ ތެރޭގައެވެ.
އެ ގުޅުން ކަނޑާލި ސަބަބެއް ކަމަށް މޮރިޝަސް ސަރުކާރުން ބުނެފައި ވަނީ، ޗާގޯސް ޖަޒީރާގެ ރަށްތައް އިނގިރޭސިވިލާތުން މޮރިޝަސްއަށް ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ރާއްޖެއިން ދެކޮޅު ހަދާކަން ހާމަކޮށް އެކަމާ ދެކޮޅަށް މަސައްކަތް ކުރާތީ އާއި އެ ރަށްތަކުގެ މިލްކުވެރިކަމާ މެދު ދިވެހި ސަރުކާރުން ދައުވާކުރަމުންދާތީ ކަމަށެވެ.
ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ މީގެ 44 އަހަރު ކުރިން 15 ޖެނުއަރީ 1981ގަ އެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު