ޗާގޯސް އާކިޕެލާގޯ (ފޯޅަވަހި) މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އިނގިރޭސިވިލާތް ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗާގޯސްގެ މިލްކުވެރިކަމާމެދު ރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމަށާއި ޗާގޯސް މޮރިޝަސްއާ ހަވާލުކުރުން މަޑުޖައްސާލުމަކީ ރާއްޖެއާއެކު މަޝްވަރާތައް އާކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.

އެ ބަޔާނުގައި ރާއްޖެއިން ވަނީ ރާއްޖޭގެ ހައްގުތަކަށް އިހްތިރާމުކޮށް، ސަރަހައްދީ ހަމަޖެހުމަށް ތާއީދުކުރާ، ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން އިންޑިއާ ކަނޑުގެ ހަމަޖެހުމަށް މަސައްކަތްކޮށްދިނުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލައިފައެވެ.

ޗާގޯސް އާކިޕެލާގޯ މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލުމަށް އިނގިރޭސިވިލާތުން ނިންމިއިރު، ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުން ގަބޫލު ނުކުރާކަން ރަސްމީކޮށް ދިވެހި ސަރުކާރުން ވަނީ އިނގިރޭސިވިލާތަށް އަންގައިފައެވެ.

މޮރިޝަސްއާއެކު އިނގިރޭސި ސަރުކާރުން ވެފައިވާ އެއްބަސްވުމަށް ރަސްމީކޮށް އިއުތިރާޒުކޮށް، ރާއްޖެއިން އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުވާފައިވަނީ 2024 ނޮވެމްބަރު އަދި 2026 ޖެނުއަރީގައެވެ.

ޗާގޯސްގެ މައްސަލައިގައި މޮރިޝަަސް އިން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 27 ގައި ރާއްޖެއާއެކު ހާރިޖީ ގުޅުން ސަސްޕެންޑު ކުރަން ނިންމައިފައެވެ. ނަމަވެސް ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ޗާގޯސް ހައްގު ނުވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.