އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހު ދުވަހުގައި ކުޅުނު މެޗުތަކާއެކު، ޗެލްސީއާއި ނިއުކާސަލްއަށްވެސް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ޔަގީންވެއްޖެއެވެ.

މިރޭގެ މެޗުތަކަށް ނުކުތް އިރު، އެއްވަނައާއެކު ލިވަޕޫލަށް ޗެމްޕިއަންކަން ޔަގީންވުމުގެ އިތުރުން އާސެނަލާއި ސިޓީއަށްވެސް އޮތީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓުބޯޅަ ޔަގީންވެފައެވެ. އެހެންނަމަވެސް އޭގެ ފަހަތުން އޮތް ޗެމްޕިއަންސް ލީގުގެ ދެ މަގާމަށް ހަތަރު ކްލަބަކުން ދިޔައީ ވާދަކުރަމުންނެވެ.

އެއީ ޗެލްސީއާއި ނިއުކާސަލްގެ އިތުރުން އެސްޓަން ވިލާ އަދި ނޮޓިންހަމް ފޮރެސްޓެވެ.

މިރޭ ޗެލްސީން ފޮރެސްޓް ކައިރިން، އެޓީމުގެ ދަނޑުގައި 1-0 އިން މޮޅުވެ، ހަތަރު ވަނަ ޔަގީންކުރީ 71 ޕޮއިންޓާއެކުގައެވެ. ނިއުކާސަލް ސަލާމަތްވީ މެންޗެސްޓާ ޔުނައިޓެޑުން ވިލާ ކައިރިން 2-0 އިން މޮޅުވުމުންނެވެ.

ނިއުކާސަލް މިރޭ އެވަޓަން ކައިރިން 1-0 އިން ބަލިވި ނަމަވެސް، އެޓީމަށް ވަނީ ފަސްވަނަ ލިބިފައެވެ. އެއީ 66 ޕޮއިންޓާއެކުގައެވެ. ވިލާ ހަވަނައިގައި ނިންމާލީ 66 ޕޮއިންޓާއެކު ފައިދާ ގޯލުގެ ފަރަގުން ފަހަތުގައި އޮވެގެންނެވެ.

ފޮރެސްޓަށް ހަތްވަނައާއެކު ކޮންފަރެންސް ލީގު މަގާމެއް ލިބިފައިވާ އިރު، އެޓީމަށް ވަނީ 65 ޕޮއިންޓް ލިބިފައެވެ.

ޗެލްސީން ފޮރެސްޓް ކޮޅަށް ޖެހި ހަމައެކަނި ގޯލު، ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެހީ ލީވައި ކޮލްވިލްއެވެ. ފުރަތަމަ ހާފުގައިވެސް ޗެލްސީގެ އެޓޭކުން ޕެޑްރޯ ނެޓޯ ކޮންމެވެސް ވަރަކަށް ނުރައްކާ ކުރަމުން ދިޔަ ނަމަވެސް، އެޓީމަށް ގޯލެއް ނުޖެހުނެވެ. އެހެން ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ޖެހުނު ގޯލާއެކު އެޓީމުން މެޗު ކޮންޓްރޯލް ކުރިއެވެ.

ސިޓީ މިރޭ 2-0 އިން ފުލަމް ބަލިކުރި އިރު، އެމެޗުގައި އިލްކާއީ ގުންޑޮގަން އާއި އާލިން ހާލަންޑް ގޯލު ޖެހިއެވެ. ހާލަންޑް ޖެހި ގޯލަކީ ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ވިލާ ބަލިކުރި މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒަށް ރަތް ކާޑު ދެއްކުމާއެކު، ދެވަނަ ހާފު ވެގެންދަނީ ޔުނައިޓެޑަށް އުންމީދީ ހާފަކަށެވެ.

އެއާއެކު ކުޅުން ރަނގަޅުކޮށް، އަމަޑް ޑިއާލޯއާއި ކްރިސްޓިއަން އެރިކްސަންގެ ގޯލުތަކުން މޮޅުވިއެވެ.

އެ ނަތީޖާއާއެކު ނިއުކާސަލްއަށް ޗެމްޕިއަންސް ލީގު ޖާގަ ޔަގީންވި ނަމަވެސް، ނިއުކާސަލް އެވަޓަން ކައިރިން ބަލިވީ ކޮޅަށް ކާލޮސް އަލްކަރާޒް ޖެހި ގޯލުންނެވެ. އަލްކަރާޒް ޖެހި ގޯލަކީ ދެވަނަ ހާފުގައި ޖެހި ގޯލެކެވެ.

މިރޭ އާސެނަލުން ސައުތެމްޓަން ކައިރިން 2-1 އިން މޮޅުވި އިރު، ޓޮޓެންހަމް ވަނީ ބްރައިޓަން ކައިރިން 4-1 އިން ބަލިވެފައެވެ.