ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބޯޓުގެ ކެޕްޓަނަކަށް ހުރި، އިންޑޮނޭޝިޔާގެ ނަސްވަން އަދިލް (30، އ) ގެ ބަދަން ކުރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މިދިޔަ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭ ފުލުހުންނާއި ކަސްޓަމާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެ ބޯޓު ބަލައި ފާސްކޮށް 10 މީހުން ހައްޔަރު ކުރިއެވެ.

އެ މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ހަތް މީހަކާއި އިންޑޮނޭޝިއާގެ ތިން މީހެކެވެ.

ހައްޔަރުކުރި މީހުން:

  • ގަނެޝް ބޮންމާލީ 22، އިންޑިއާ
  • ޕީޓާ ވިނި 28، - އިންޑިއާ
  • ޕްރަބަކަރަނަ ނާގަރާޖަން 35، - އިންޑިއާ
  • އެޑްރިއަންސްޔާ 25، - އިންޑޮނީޝިއާ
  • މުހައްމަދު އިކްބަލް މަކްމުރު 30، - އިންޑޮނީޝިއާ
  • ޑަތްކިލޭ ދަރްޝަން ވިޖޭ 22، - އިންޑިއާ
  • ސަރަން ޕަދްމަން 26، - އިންޑިއާ
  • ނަސްވަން އަދިލް 30، - އިންޑޮނީޝިއާ
  • ރޯމަންސް ސަންތިޔާ ފެނާންޑޯ 58، - އިންޑިއާ
  • ގޮވްސިކް ރާޖް ޖޭމްސް ނޮކްސް 30، - އިންޑިއާ

މި މީހުންގެ ބަންދުގެ މުއްދަތު އެކި ދުވަސްމަތިން އިތުރު ކުރަމުންގޮސް، އޭގެ ތެރެއިން ބައެއް މީހުން ދޫކޮށްލަން މިދިޔަ ހަފުތާގައި ކޯޓުން އަމުރުކުރިއެވެ.

އެގޮތުން މީގެ ތެެރެއިން މުހައްމަދު އިކްބަލް އާއި މަކްމުރު އެޑްރިއަންސްގެ މުއްދަތު 15 ދުވަހަށް، ޕްރަބަކަރަނަ ނާގަރާޖަން އާއި ގަނެޝް ބޮންމާލީގެ ބަންދަށް އެއް ދުވަހުގެ މުއްދަތެއް، މިދިޔަ އަންގާރަދުވަހު ވަނީ އިތުރުކޮށްފައެވެ. ނަމަަވެސް ޕްރަބަކަރަނަ އާއި ސަރަން އާއި ގޮވްސިކް އާއި ރޯމަންސްގެ އިތުރުން ގަނެޝް އާއި ޕީޓާ ޝަރުތު ތަކަކާއެކު ދޫކޮށްލަން މިދިޔަ ބުދަ ދުވަހު ކުރިމިނަލް ކޯޓުން އަމުރުކުރިއެވެ.