ޔޫއެފާ ޔޫރޮޕާ ލީގު ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ޓޮޓެންހަމް ހޮޓްސްޕާސްއިން 17 އަހަރު ފަހުން ތަށްޓެއް ހޯދައިފިއެވެ.

ރޭ ސްޕެއިންގެ ބިލްބާއޯގެ ސެން މަމޭސް ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ސްޕާއިން ޔުނައިޓެޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި ސީޒަނުގެ ލީގުގައި ދަށްކޮށް ފެނިގެންދާ ޓޮޓެންހަމްއާއި ޔުނައިޓެޑްގެ ފައިނަލާއެކު، ޓޮޓެންހަމްއަށް ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ލިބިފައެވެ.

ޔުނައިޓެޑް ހުސް އަތާ ސީޒަން ނިންމާލި އިރު، އެޓީމަށް އަންނަ ސީޒަނުގައ ޔޫރަޕް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތެއްވެސް ނެެތެވެ.

ޓޮޓެންހަމްއިން އެތައް އަހަރެއް ފަހުން ތަށްޓެއް ހޯދާފައިވާ އިރު، އެ ތަށްޓަކީ ކޯޗު އާންގޭ ޕޮސްޓެކޮގްލޫއަށް ހާއްސަ ތަށްޓެކެވެ. ޓޮޓެންހަމްއާ ހަވާލުވި ގޮތަށް އޭނާ ބުނެފައި ވަނީ "އަހަންނަކީ އަބަދުވެސް ދެވަނަ ސީޒަނުގައި ތަށި ހޯދާ،" ކޯޗެއް ކަމަށެވެ. އެކަން އޭނާއަށް ހާސިލު ކޮށްދެވިއްޖެއެވެ.

މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ފައިނަލެއްގެ ޕްރެޝަރު ފާހަގަކުރެވިގެން ގޮސްފައިވާ އިރު، ޔުނައިޓެޑަށް ދިޔައީ މައްސަލަތައް ކުރިމަތިވަމުންނެވެ. މެދުތެރެއިން ބްރޫނޯ ފެނާންޑޭޒްއާއި މޭސަން މައުންޓަށްވެސް އެކަށީގެންވާ ކުޅުމެއް ކުޅެވިފައި ނުވާ އިރު، ހާފު ނިމެން ދަނިކޮށް ޓޮޓެންހަމްއިން ލީޑު ނެގިއެވެ.

އަރިމަތިން ޕަޕޭ މަޓާ ސާ ހުރަސްކުރި ބޯޅައެއް ޔުނައިޓެޑްގެ ލޫކް ޝޯ ފައިގައި ޖެހިފައި އަމިއްލަ ގޯލާ ދިމާލަށް ދިޔުމުން އެ ބޯޅަ މަަތަކުރަން އުޅުމުގެ ތެރޭގައި އަންދްރާ އޮނާނާ އަތުގައި ޖެހިފައި ބޭރަށް ނުކުތެވެ. އެތަނުން ދެވަނަ ބޯޅައަށް މަސައްކަތްކޮށް، ބޯޅަ ގޯލަށް ވައްދާލީ ބްރެނެން ޖޯންސަން އެވެ.

މީގެ ކުރިން ޓޮޓެންހަމްގެ ކޯޗު ޕޮސްޓެކޮގްލޫ ހަވާލުވެ ހުރި އޮސްޓްރޭލިއާގެ ސައުތު މެލްބާންއާއި ބްރިސްބޭން ރޯ އަދި ޖަޕާނުގެ ޔޮކޮހާމާ އެފް މެރީނޯސް އަދި ސްކޮޓްލޭންޑްގެ ސެލްޓިކާއެކުވެސް އޭނާ ދެވަނަ ސީޒަނުގައި ތަށި ހޯދާފައިވާ އިރު، އެކަން ޔަގީންކުރީ ޑިފެންސްގައި ބުރަކޮށް މަސައްކަތް ކޮށްގެންނެވެ.

ރަސްމުސް ހޮއިލުންގެ ހަމަލާ ގޯލަށް ވަންނަން ދަނިކޮށް މިކީ ވެން ޑެ ވެން ލައިން މަތިން ސާފުކޮށްލި އިރު، ފަހުވަގުތު ލޫކް ޝޯ ޖެހި ބޯޅަ މަތަކުރީ ގުގްލިއޭމޯ ވިސާރިއޯއެވެ.