އުންމީދަކީ ރާއްޖޭގައި ގާނޫނީވެރިކަން ހިނގާ ދުވަހަކުން އޭނާއަށް އިންސާފު ލިބިގެން ދިއުން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމި ޑރ. އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ތިން ފަޑިޔާރުން ކަަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރުގެ އިތުރުން ހުސްނުއްސުއޫދާ ގުޅޭ ޖިނާއީ ތަހުގީގެއް ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުމުން އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރީ ހުސްވި ފެބްރުއަރީ މަހުގައެވެ. އޭގެފަހުން އެ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށިއެވެ.

އޭގެ ތެރެއިން އަޒްމިރަލްދާ އާއި މަހާޒްގެ ސުލޫކީ މައްސަލަ ބަލަން ފެށީ ޑރ. އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން، އައިޖީއެމްއެޗްގެ ޑޮކްޓަރު އިސްމާއިލް ލަތީފުގެ މައްޗަށް ތުހުމަތުކުރާ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އޭނާ ބަންދު ކުރުމުން އޭނާ ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަަލަ ބެލުމަށްފަހު ޖޭއެސްސީން ނިންމީ ސްލޫކީ މައްސަަލަ ސާބިތުވާތީ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ފޮނުވުމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ފަނޑިޔާރުގެ މަގާމުން އަޒްމިރަލްދާ ވަކިކުރަން ފާސްކޮށްފައެވެ. ފަނޑިޔާރުގެ މަގާމުން އަޒްމިރަލްދާ ވަކިކުރަން 68 މެންބަރުން ވޯޓު ދެއްވިއެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އަމިއްލަ ގޮތުން ހޮވިވަޑައިގެން އިންނެވި އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާނާއެކު އިދިކޮޅު އެމްޑީޕީގެ 10 މެންބަރުންނެވެ.

އަޒްމިރަލްދާގެ ފަރާތުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ ފަނޑިޔާރުގެ މަގާމުން އަޒުލުކޮށްފައިވަނީ އެއްވެސް އަސްލެއް އަސާސެއް ނެތް ދޮގު ތުހުމަތެއްގައި، ގާނޫނު އެއްފާރަތް ކުރުމުގެ އިތުރުން ހައްގުތައްވެސް ނިގުޅައިގަނެގެން ހިންގި ސިއްރި އިޖުރާއަތްތަކަށްފަހު ކަމަށެވެ.

"އެ ނިންމުން ނިންމާފައިވަނީ އަޅުގަނޑު އެއްވެސް ކުށެއް ނުކުރާކަން ވެރިކަން ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ސުޕަ މެޖޯރިޓީ މެންބަރުންނަށްވެސް އެނގިވަޑައިގެން ތިއްބަވައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޒިންމާ އަދާކުރެއްވުމުގެ ބަދަލުގައި ސިޔާސީ އެންގުންތަކަށް ބަޓަނަށް ފިތާލާ، ބުއްދީގެ ހަމަތަކާއި އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެންނެވެ" އަޒްމިރަލްދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މި މައްސަލައިގައި ޖޭއެސްސީން ގާނޫނުއަސާސީން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގާއި ތުހުމަތުން ދިފާއުވުމަށް ބޭނުންވާ އަސާސީ ލިޔެކިޔުންތަކުން ހިއްސާނުކޮށް ދިފާއުވުމުގެ ހައްގު ނިގުޅައިގެންއިރު ދިފާއުގެ ހުށަހެޅި ހެކިތައް ބަލައިނުގަނެ ޖޭއެސްސީ މައްސަލަ ނިންމީ އެ ކޮމިޝަނުން ގަބޫލުކުރާ ގޮތަކަށް ކަމަށެވެ. އަދި ޖޭއެސްސީއާއި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް މައްސަލައިގެ އަޑުއެހުންތައް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމުކީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑަށް މިއަދު އިންސާފެއް ނުލިބުނެވެ. އެކަމަކު މިއީ ހަމައެކަނި އަޅުގަނޑާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރުއާއި ފަނޑިޔާރު ހުސްނުއްސުއޫދަށް ފަރުދީ ގޮތުން ދިން ހަމަލާއެއް ނޫނެވެ. މިއީ ރާއްޖޭގެ ޖުޑިޝަރީއަށް ދިން ހަމަލާއެކެވެ. ސުޕްރީމް ކޯޓު ހުއްޓުވާލުމަކީ އާދައިގެ ކަމެއް ނޫނެވެ. ލުއި ގޮތަކަށް އަތުން ފޮޅާލެވޭވަރު ކަމެއް ނޫނެވެ. އަޅުގަނޑު އުންމީދު ކުރަނީ މިގައުމުގައި ގާނޫނުގެ ވެރިކަން ހިނގާ ދުވަހަކުން އަޅުގަނޑު ފޮނުވާފައިހުރި ސިޓީތަކުގެ އަލީގައި ފިޔަވަޅު އެޅި މި ގައުމުގައި ސުޕްރީމް ކޯޓު ފުނޑާލުމުގައި ބައިވެރިވި އެކި ފަންތީގެ އެންމެހައި ވެރިންނާއި މުވައްޒަފުންގެ މައްސަލަތައް ބަލައި އިންސާފު ގާއިމުކުރެވޭނެ ކަމަށެވެ" އަޒްމިރަލްދާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގައާއި ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ގާނޫނީ އިލްމު ލިބިވަޑައިގެން ތިއްބެވި ކަމަށް ދައުވާ ކުރައްވާ ބޭފުޅުން ހިމެނޭއިރު، މިހާ ސިއްރިޔާތުގައި ގައުމުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަ ބަލަންޖެހުނު ސަބަބަށް ވިސްނާ ފިކުރުކުރަންޖެެހޭ ކަމަށާއި އޭގެ ޖަވާބުވެސް ވަރަށް ސާފުކަމަށެވެ.

އެގޮތުން އަޑުއެހުންތައް ހުޅުވާލައިގެން ގެންދެވުނުނަމަ އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ދައުލަތުގެ އިދާރާތަކުން އުފައްދާފައިވާ ހިޔާލީ މައްސަލައެއްކަން ދިވެހި ހުރިހާ ރައްޔިތުންނަށް އޮޅުމެއްނެތި ހާމަވެގެންދާނެ ކަމަށް އަޒްމިރަލްދާ ވިދާޅުވިއެވެ.