ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްގެ ހައިސިއްޔަތުން ބައްސާމް އާދިލް ޖަލީލަށް 5،000 ޑޮލަރުގެ އެލަވެންސެއް ލިބޭ ކަމަށާއި އެ އެލަވެންސް ޖަމާކޮށްދިން ލިޔުމުގައި "ސޭލް އޮފް ޔޫއެސްޑީ" ޖެހިފައިވަނީ އޮޅުމަކުން ކަމަށް އެފްއޭއެމްގެ ފައިނޭންސްގެ ހެޑް މުހައްމަދު އަގީލް ވިދާޅުވެއްޖެއެވެ.

ދައުލަތުން ވަނީ ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނަތްތެރިވުމުގެ ދައުވާކޮށްފައެވެ.

ހިޔާންތެރިވުމާއި މަނީ ލޯންޑަރިންގެ ދައުވާ ބައްސާމްގެ މައްޗަށް ކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެކެއްގައެވެ. ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ ދުވަހު ބުނެފައިވަނީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ، އެ އެސޯސިއޭޝަނުގެ ބޭނުމަށް ފެޑަރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޮސިއޭޝަން (ފީފާ) ގެ ފަރާތުން އެމެރިކާ ޑޮލަރުން ދެމުންދިޔަ ފައިސާގެ ތެރެއިން އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯނުގައި ހުޅުވާފައި އޮތް އެކައުންޓަކަށް ފީފާގެ ފަރާތުން 2018 ވަނަ އަހަރުގެ ޖުލައި މަހާއި އޮގަސްޓު މަހުގެ ތެރޭގައި ޖަމާކޮށްފައިވާ ފައިސާ ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް 10،000 އެމެރިކާ ޑޯލަރު ޖަމާކުރުމަށްޓަކައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި 10،004 ގެ ޓްރާންސްފާ ކުރުމަށް ލިޔެ، 26 އޮގަސްޓް 2018 ވަނަ ދުވަހު ލިޔުންތައް ހުށަހަޅައި، ބޭންކް ޗާޖުގެ ގޮތުގައި ފަސް ޑޮލަރު އުނިކުރުމަށް ފަހު 9،999 ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.

"އެ ފައިސާ ޖަމާކުރި ބޭނުމެއްގެ ގޮތުގައި ބޭންކަށް ހުށަހެޅި ލިޔުންތަކުގައި 'sales of dollar' ލިޔެފައިވީ ނަމަވެސް، 9,999.00 (ނުވަހާސް ނުވަސަތޭކަ ނުވަދިހަ ނުވަ އެމެރިކާ ޑޮލަރު) އަށް ވާ ދިވެހި ފައިސާ، އެއްވެސް އިރަކު އެފްއޭއެމްގެ އެކައުންޓަށް ވަދެފައިވާކަން އެނގެން ނޯންނާތީ އާއި، ބައްސާމް އަދީލް ޖަލީލް އެފްއޭއެމް އަށް ޖަމާކޮށްފައިވާކަންވެސް އެނގެން ނޯންނާތީ އާއި، މި ފައިސާ މީނާގެ އަމިއްލަ ބޭނުމަށް ބޭނުންކޮށްފައިވާތީ" ބައްސާމްއަށް ހިޔާނާތުގެ ކުށުގެ ދައުވާ ކުރާ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ވަނީ ބައްސާމަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް ބާއްވައި އަގީލްގެ ހެކިބަސް ނަގައިފައެވެ. ދައުލަތުން ވަނީ އެފްއޭއެމް ހިޔާނާތާ ގުޅިގެން އަގީލުގެ މައްޗަށްވެސް ހިޔާނާތުގެ ދައުވާކޮށްފައެވެ.

ހެކިބަސް ދެމުން އަގީލް ވިދާޅުވީ މި މައްސަލައިގައި ތަހުގީގުގައި ފުލުހުން ވަނީ އެފްއޭއެމުން ބައްސާމަށް ދޫކުރި 10،000 ޑޮލަރުގެ މުއާމަލާތަކާ ގުޅިގެން ސުވާލުކޮށްފައި ކަމަށެވެ.

ހެކިބަސް ދެމުން އަގީލް ވިދާޅުވީ މިހާރު އެއީ ސީދާ ކޮންކަމަކާ ގުޅިގެން ބައްސާމަށް ދޫކުރި ފައިސާތަކެއްކަން ނޭނގޭ ކަމަށެވެ. އެހެންވެ ދައުލަތުން ވަނީ ގާޒީގެ ހުއްދައާ އެކު އަގީލް، ފުލުހުންނަށް ދީފައިވާ ބަޔާން އޭނާއަށް ހިއްސާކޮށް މުތާލިއާ ކުރުމުގެ ފުރުސަތު ދީފައެވެ.

އެއަށްފަހު އެ މުއާމަލާތާ ގުޅޭގޮތުން ދައުލަތުން ސުވާލު ކުރުމުން އަގީލް ވިދާޅުވީ އެއީ "ސޭލް އޮފް ޔޫއެސްޑީ" ގެ މުއާމަލާތެއް ކަމަށެވެ. އަގީލް ވިދާޅުވީ އެގޮތަށް ޗެކުގައި ޖެހިފައިވަނީ ޗެކު ތައްޔާރު ކުރި ފަރާތަށް ނޭނގި (ހިޔުމަން އެރޯ) އަކުން ކަމަށް ވެދާނެ ކަމަށެވެ.

ބައްސާމަށް އެ އެލަވެންސް ޖަމާކޮށްދެނީ ޗެކު މެދުވެރިކޮށް ކަމަށް އަގީލް ވިދާޅުވިއެވެ. އެގޮތަށް ދިމާވާ ކަންކަން ރަނގަޅު ކުރުމަށްފަހު އޮޑިޓް ކުރަން ފޮނުވާނެ ކަމަށް އަގީލް ވިދާޅުވިއެވެ. އޭނާ އެފްއޭއެމްގައި މަސައްކަތް ކޮށްފައިވަނީ 2013 އިން 2023 އަށް ކަމަށާއި އެއިން ކޮންމެ އަހަރެއްގައި އެފްއޭއެމް ރަނގަޅަށް އޮޑިޓް ކޮށްފައިވާނެ ކަމަށެވެ.

ބައްސާމަށް އެންމެ ފުރަތަމަ ދެމުން ގެންދިޔައީ 3،000 ޑޮލަރުގެ އެލަވެންސެއް ކަމަށާއި ފަހުން އެ އަދަދު 5،000 ބޮޑުކޮށްފައިވާ ކަމަށް އަގީލް ވިދާޅުވިއެވެ.

އަގީލް ވިދާޅުވީ އެފްއޭއެމްގައި މުސާރަ ދިނުމުގެ ކަންކަމުގައި ވަކި އުސޫލެއް ނޯންނަ ކަމަށެވެ. 2018 ވަނަ އަހަރު ބައްސާމަށް "ސޭލް އޮފް ޔޫއެސްޑީ" ޖަހައިފައި ދޫކުރި ފައިސާގެ ޗެކާ ގުޅިގެން އަގީލް ވިދާޅުވީ އެއީ ވަރަށް ކުރީގެ ކަމަކަށްވުމުން އެ ޗެކުގެ ކަންކަމުގައި އޭނާގެ ބައިވެރިވުމެއް އޮތް ކަމެއް ނުވަތަ ނެތް ކަމެއް މިހާރު ހަނދާނުގައި ނެތް ކަމަށެވެ.

އެފްއޭއެމްގެ ކޮންމެ ޗެކަކީ އޭނާގެ ބެލުމުގެ ދަށުން ހަދާ ޗެކެއް ނޫން ކަމަށާއި ޗެކުތަކުގައި ބައެއް ފަހަރު އެފްއޭއެމްގެ ރައީސް، ޖެނެރަލް ސެކްރެޓަރީ އަދި އެފްއޭއެމްގެ ނައިބު ރައީސްވެސް ސޮއިކުރައްވާ ކަމަށް އަގީލް ވިދާޅުވިއެވެ.

މީގެ އިތުރުން އަގީލް ވިދާޅުވީ ޑޮލަރު ގަތުމުގެ މުއާމަލާތްތަކުގެ އިތުރުން އެހެން ބައެއް ކަންކަމުގައިވެސް "ސޭލް އޮފް ޔޫއެސްޑީ" ބަޔާންކޮށްފައި ހުރެދާނެ ކަމަށާއި އެގޮތަށް އެކަން ދިމާވަނީ އެފްއޭއެމްގައި ބޭނުންކުރާ ސިސްޓަމްގައި 1،000 ވުރެ ގިނަ ކޯޑުތައް ހުރުމުން މުވައްޒަފުންނަށް އޮޅިގެން ކަމަށެވެ. އެފަދަ ހުރިހާ ކަމެއް ފަހުން ރަނގަޅު ކުރާނެ ކަމަށް އަގީލް ވިދާޅުވިއެވެ.

އަދި ވިދާޅުވީ އޭނާއަކީ ފައިނޭންސް ހެޑް ކަމަށްވިޔަސް އޭނާއަށް ނޭނގި ނަމަވެސް ޗެކުތައް ދޫކުރެވިދާނެ ކަމަށާއި އެ ޗެކުތަކުގެ މައުލޫމާތު އޭނާއަށް ނޭނގިވެސް ހުރެދާނެ ކަމަށެވެ.

އަގީލް ވިދާޅުވީ އޭނާއަކީ ފްރީލާންސްކޮށް ޓެކްސްގެ ބަޔާންތަކުގެ މަސައްކަތްކޮށްދޭ މީހަކަށްވުމުން ބައްސާމުގެ ފަރާތުން އެފަދަ މަސައްކަތެއް ކޮށްދިނުމަށް އެދުމުން، ބައްސާމުގެ ހިއްސާ އޮންނަ ކުންފުންޏެއްގެ ޓެކްސް ބަޔާންތައް ހުށަހަޅައިދީފައިވާނެ ކަމަށެވެ. އެ މަސައްކަތަށް ބައްސާމް މުސާރަ ދީފައިވާ ކަމަށް އަގީލް ވިދާޅުވިއެވެ.

ދެން ހެކިބަސް ދީފައިވަނީ އެފްއޭއެމްގެ އެކައުންޓިން އޮފިސަރު އައިޝަތު ވަފުދާއެވެ. އޭނާ ހެކިބަސް ދެމުން ބުނީ އޭނާއަކީ 05 ޖެނުއަރީ 2019 އިން ފެށިގެން އެފްއޭއެމްގައި އެކައުންޓިން އޮފިސަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ. އޭނާގެ މަގާމުގެ ޒިންމާއަކީ ޕޭމަންޓު ވައުޗާ ހެދުމާއި ފައިނޭންސް މުއާމަލާތްތައް ފައިލް ކުރުމާއި ފައިސާ ބަލައިގަތުން ކަމަށެވެ. ފައިނޭންސްއާ ގުޅުން ހުންނަ ކަންކަމުގެ ލިޔުންތައް ތައްޔާރު ކުރަނީ އަގީލް އިރުޝާދުގެ ދަށުން ކަމަށެވެ.

ވަފުދާ ހެކިބަސް ދެމުން ދަނިކޮށް ބައްސާމުގެ ވަކީލު މުހައްމަދު ޒުބޭރު ވަނީ 2018 ގައި އެފްއޭއެމްގެ ތެރޭގައި ހިނގި މުއާމަލާތެއްގެ ކަންކަން 2019 ވަނަ އަހަރު ވަޒީފާއާ ގުޅުނު މީހަކަށް އެނގެނީ ކިހިނެއްތޯ ސުވާލުކޮށްފައެވެ. ނަމަވެސް ގާޒީ ވަނީ އެ ސުވާލު ކުރުމުގެ ފުރުސަތު ދިފާއަށް ފަހުން ދެއްވާނެކަން އިއުލާންކުރައްވައިފައެވެ.

ވަފުދާ ބުނީ އެފްއޭއެމްގެ މުވައްޒަފުންގެ މުސާރައިގެ ކަންކަން ކުރިއަށްދާ ގޮތެއް ނޭނގޭ ކަމަށާއި މުސާރަ ހަދަނީ އަގީލް ކަމަށެވެ. ވަފުދާ ބުނީ ޗެކުތައް ހެދުމަށް ފަހު އެ ހަވާލުކުރަނީ އަގީލަށް ކަމަށެވެ. ބައެއް ޗެކުތަކުގައި ފައިސާ ލިބެންވީ ކޮން ފަރާތެއްކަން ބައެއް ފަހަރު ނުޖަހާ ކަމަށާއި އެއީ އަގީލް އަންގައިގެން ކުރާ ކަމެއް ކަމަށާއި ޗެކުގައި އެ މައުލޫމާތު ނުހިމެނި ނަމަވެސް ޕޭމަންޓު ވައުޗާގައި އެ މައުލޫމާތު ހިމަނާފައި ހުންނާނެ ކަމަށެވެ. ޗެކުތަކުގައި ސޮއިކުރެވޭނީ ބައްސާމް، ޖަވާޒް އަލީ އަދި ނައިބު ރައީސް އަލީ އުމަރަށް ކަމަށެވެ.

މި މައްސަލައިގައި ސުވާލު އުފެދޭ ޗެކު ދޫކުރި މީހަކު ނޭނގޭ ކަމަށް ވަފުދާ ބުންޏެވެ. ވަފުދާގެ ހެކިބަސް ނަގާ ނިމުމުން ގާޒީ ވަނީ ސުވާލެއް ކޮށްފައެވެ. ގާޒީ ކުރެއްވި ސުވާލުގައި ވިދާޅުވީ ވަފްދާ، ފުލުހުންނަށް ދިން ބަޔާނުގައި އޭނާ އެފްއޭއެމްގައި މަސައްކަތް ކުރަން ފެށީ 2017 ވަނަ އަހަރު ކަމަށް ބުނެފައިވަނީ ކީއްވެގެންތޯއެވެ.

ޖަވާބުގައި ވަފުދާ ބުނީ ފުލުހުންނަށް ބަޔާންދި އިރު، އޭނާ ވަޒީފާއަށް ނުކުތް ތާރީހު ހަނދާން ނެތް ކަމަށެވެ. މިއަދު ކޯޓަށް އަންނަންވެގެން ވަޒީފާގެ ބަޔާން ބެލި އިރު އޭގައި އޮތީ 2019 ކަމަށް ވަފުދާ ބުންޏެވެ.

މިއަދު އަޑުއެހުމުގައި އަލީ އުމަރުގެ ހެކިބަސް ނަގާ ގޮތަށް ހަމަޖެހިފައިވީ ނަމަވެސް އޭނާއަށް ޗިޓު ރައްދު ކުރެވިފައިނުވާތީ އެ ހެކިބަސް ނުނަގައެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.