މި ސީޒަނުގެ ޔޫރޮޕާ ލީގުގެ ފައިނަލަށް މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ދަތުރުކޮށްފިއެވެ.
ޔުނައިޓެޑުން ޔޫރަޕްގެ ނުވަވަނަ ފައިނަލް ރޭ ޔަގީންކުރީ ދެވަނަ ލެގުގައިވެސް ސްޕެއިންގެ އެތުލެޓިކް ކްލަބު ބަލިކޮށްގެންނެވެ. އެއީ އަމިއްލަ ދަނޑުގައި 4-1 ގެ ނަތީޖާއަކުންނެވެ. އެގްރިގޭޓް 7-1 ގެ ނަތީޖާއަކުން ޔުނައިޓެޑް މޮޅުވެފައިވާ އިރު، މިއީ 2020-21 ވަނަ އަހަރު ޔޫރޮޕާ ލީގު ފައިނަލަށްފަހު ޔުނައިޓެޑުން ކުޅޭނެ ޔޫރަޕްގެ ފުރަތަމަ ފައިނަލެވެ.
އެފަހަރު ފައިނަލުގައި ޔުނައިޓެޑް ބަލިވީ ވިލަރެއާލް ކައިރިންނެވެ.
ރޭގެ މެޗުގައި އެތުލެޓިކް ކްލަބުގެ މިކޭލް ޖައުރެގީޒާ ގޯލެއް ޖަހައި އެޓީމުން ލީޑު ނެގި ނަމަވެސް، ފަހު ހާފުގައި ޔުނައިޓެޑުން މަންޒަރު ބަދަލުކޮށްލިއެވެ.
ޔުނައިޓެޑުން ދެވަނަ ހާފުގެ ފަހުކޮޅުގައި ހަތަރު ގޯލު ޖެހި އިރު، ތަރިއަކީ ޗެލްސީން އެޓީމަށް ބަދަލުވިފަހުން ރަނގަޅު ފޯމަކަށް ނޭޅި، ދުވަސްތަކެއްވެފައިވާ މޭސަން މައުންޓެވެ. އޭނާ ވަނީ ދެ ގޯލު ޖަހައިފައެވެ.
އޭގެ އިތުރުން ރޭގެ މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިނީ ކަސެމީރޯއާއި ރަސްމުސް ހޮއިލުންޑެވެ.
އަނެއްކޮޅުން ޓޮޓެންހަމްއިން ފައިނަލް ޔަގީންކުރީ ރޭ ރަށުން ބޭރުގައި ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، އެގްރިގޭޓް 5-1 އިން ބޯޑޯ/ގްލިމްޓް ބަލިކޮށްގެންނެވެ.
ޓޮޓެންހަމްއަށް މިއީ ޔޫރަޕްގެ ހަވަނަ ފައިނަލެވެ. އެންމެފަހުން އެޓީމުން ޔޫރަޕްގެ ފައިނަލެއްގައި ކުޅުނީ 2018-19 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައެވެ. އެފަހަރު ލިވަޕޫލް ކައިރިން ބަލިވީ 2-0 އިންނެވެ.
ރޭގެ މެޗުގައި ޓޮޓެންހަމްގެ ގޯލުތައް ޖެހީ ޑޮމިނިކް ސޮލާންކޭއާއި ޕެޑްރޯ ޕޯރޯއެވެ.
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު