ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކޯޓުން އަމުރު ކުރި މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

ޝަމްއާންގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން ވެސް މިދިޔަ ހަފުތާގައި ތާއީދުކުރުމުންނެވެ. ނަމަވެސް އެ ކޯޓުން މިއަދު ވަނީ އެ މައްސަލަ ބަލަައިނުގަންނަން ނިންމައިފައެވެ. ނަމަވެސް އެކަމުގެ ސަބަބެއް ސާފެއް ނޫނެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ފުލުހުން ޝަމްއާން ހައްޔަރުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިދިޔަ މާޗު 23 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިފައެވެ. އެ މުއްދަތު ހަމަވުމުން ބޭއްވި ބަންދު އަޑުއެހުމުގައި ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރުކުރިއެވެ.

ޝަމްއާންގެ ފަރާތުން ބަންދުގެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް މިދިޔަ މާޗް މަހުގެ 28 ގައި ނިންމި ނަމަވެސް، ފަނޑިޔާރުންގެ މަޖިލީހަށް މައްސަލަ ހުށަހެޅުމުން ނިންމީ މައްސަލަ ބަލައިގަތުމަށެވެ.

ކުރިމިނަލް ކޯޓުން ޝަމްއާން، 15 ދުވަހަށް ބަންދުކުރަން އަމުރުކުރީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވެދާނެކަމުގެ އިހުތިމާލު އޮތުމުންނެވެ. އެފަހުން ޝަރީއަތް ނިމެންދެން ބަންދުކުރީ ހެއްކެއް ނުފޫޒު ފޯރުވަފާނެކަމުގެ އިހުތިމާލު އޮތުމުންނެވެ.

ޝަމްއާންގެ ފަރާތުން ވަނީ އެ ދެ އަމުރު ވެސް އިސްތިއުނާފުކޮށްފައެވެ. އިސްތިއުނާފުގައި ޝަމްއާންގެ ފަރާތުން ވިދާޅުވެފައިވަނީ ފުލުހުންނަށް އެކަނި ހިޔާނާތުގެ މައްސަލައެއް ތަހުގީގު ނުކުރެވޭނެ ކަމަށެވެ. ހިޔާނާތުގެ މައްސަލަތައް ތަހުގީގުކުރުމުގެ އިހުތިސޯސް ލިބިގެންވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަމަށެވެ. ނަމަވެސް ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި އޭސީސީ އާއި ފުލުހުންނަށް މި މައްސަލަ ތަހުގީގު ކުރެވިދާނެ ކަމަށް ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ.

ފުލުހުން އެކަނި ހިޔާނާތުގެ މައްސަލައެއް ތަހުގީގުކޮށްފިނަމަ އެ ތަހުގީގެއް ބާތިލުވާނެ ކަމަށް ހައިކޯޓުންނާއި ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅައިފައިވާ ކަމަށް ނޫރުއްސަލާމް ވިދާޅުވެފައިވެއެވެ.

ހައިކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހަސަން ޝަފީއު (ރިޔާސަތު) ހުކުމުގެ ރައުޔުގައި ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވުނު ނަމަވެސް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުންނަށް އެކަނި ތަހުގީގު ކުރެވޭނެ ކަމަށާއި ކޮރަޕްޝަންގެ ތުހުމަތު ނުބަލައި މަނީ ލޯންޑަރިންގެ ތުހުމުތު ނުބެލޭނެ ކަމަށް ޝަމްއާންގެ ފަރާތުން ފާހަގަކުރާ ކަންކަމުގައި ގާނޫނީ ބުރަދަނެއް ނެތް ކަމަށެވެ.

ފަނޑިޔާރު ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ ތުހުމަތު އޮތަސް އެ މައްސަލައިގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ހަދަން ޖެހޭނީ ވަކި މުއްދަތެއްގެ ތެރޭގައި ކަމަށް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންވެ ފުލުހުންނަށް އެކަނި މަނީ ލޯންޑަރިންގެ ތުހުމަތު ތަހުގީގު ކުރެވޭނެ ކަމަށާއި ކޮރަޕްޝަންގެ ތުހުމަތު އުފަންވި އިރު ޖޮއިންޓް އިންވެސްޓިގޭޝަނެއް ނުހެދުމަކީ ތަހުގީގު ބާތިލުވާނެ ސަބަބުތަކެއް ނޫން ކަމަށް ރައުޔުގައި ފަނޑިޔާރު ވިދާޅުވެފައިވެއެވެ.

އެ ރައުޔަށް ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރުން ކަމަށްވާ މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަނީ ތާއީދު ކުރައްވައިފައެވެ.

އެހެންވެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ކުރި ހުކުމުގައި ފަނޑިޔާރު ހަސަން ޝަފީއު ވިދާޅުވެފައިވަނީ ދަށު ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭނެ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތް ކަމަށެވެ.