ހުއްޓިފައި އޮތް ރާއްޖޭގެ ކްލަބު ފުޓުބޯޅަ އަލުން ފެށުމަށް އެފްއޭއެމްއިން ކަލަންޑަރުން ބޭރުން ރޭވި އެފްއޭއެމް ލީގު ކަޕްގެ ދެވަނަ މެޗުގައި، ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

އެފްއޭއެމްއިން ލީގު ކަޕް ރާވާފައި ވަނީ ރާއްޖޭގެ ކްލަބު ފުޓުބޯޅަ އަލުން ފެށުމަށް ކުރި މަސައްކަތުގައި، މުބާރާތެއް ބާއްވަން މަޖުބޫރު ހާލަތަށް ގޮސްފައި އޮއްވައެވެ. 2023 ވަނަ އަހަރު ފުޓުބޯޅަ ހުއްޓާލިފަހުން، މިދިޔަ އަހަރު ކްލަބު ފުޓުބޯޅަ އޮތީ ހުއްޓުމެއްގައެވެ.

އެ ދުވަސްތަކުގައި ފުޓުބޯޅަ ކުޅުނު ހަމައެކަނި ކްލަބަކީ މާޒިޔާއެވެ. މާޒިޔާ ވަނީ އޭއެފްސީ ޗެލެންޖާސް ލީގުގައި ކުޅުމަށް ފަރިތަކޮށް، ކުވައިތުގައި އޮތް ގްރޫޕް ސްޓޭޖުގައި ކުޅެފައެވެ.

މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ޓީމު މާޒިޔާއިން، މިއަދު ގައުމީ ދަނޑުގައި ނިއު ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ނިއުއިން މިވަގުތު ދެވަނަ ޑިވިޝަނުގައި އޮތް އިރު، އެޓީމުން ލީގު ކަޕަށް ނުކުތީ ސްކޮޑު ވަރުގަދަކޮށްގެންނެވެ.

ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބުތަކުން ލީގު ކަޕްގައި ވާދަނުކުރަން ނިންމާފައިވުމާއެކު ނިއުއިން ވަނީ ރިލީސްއާއެކު ބައެއް ކުޅުންތެރިން ޓީމަށް ގެންގޮސްފައެވެ. އެގޮތުން ގައުމީ ޓީމުގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އާއި ކީޕަރު އަލީ ނާޖިހުވެސް ކުޅެމުންދަނީ އެޓީމަށެވެ.

5 މޭ 2025، މާލެ، އެފްއޭއެމް ލީގު ކަޕްގައި މިއަދު މާޒިޔާއާއި ނިއުއިން ވާދަކުރި މެޗުގެ ތެރެއިން އައިސަމް ---- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒްގެ ކޯޗުކަމުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުގައި މިއަދު އެޓީމުން މެޗު ކޮންޓްރޯލް ކުރި އިރު، ފަސްވަނަ މިނެޓުގައި އެޓީމުން ލީޑުވެސް ނެގިއެވެ. އެއީ ހަމްޒާ މުހައްމަދު (ހަމްޕު) ޖެހި މޮޅު ހިލޭ ޖެހުމެކެވެ.

ހަމްޕު އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ނިއުގެ ކީޕަރު އަހުމަދު ރަމީޒް އަތް މަތިންނެވެ.

ހާފު ނިމުމުގެ ކުރިން ހަމްޕު އިތުރު ގޯލެއް ޖަހައި މާޒިޔާއަށް ލީޑު ފުޅާކޮށްދިން އިރު، ދެވަނަ ހާފު ފެށުނުތަނާ ހަމްޕު ވަނީ ހެޓްރިކް ފުރިހަމަކޮށް، އޭނާގެ ކުރީ ކްލަބު ނިއު މާޔޫސްކޮށްލައިފައެވެ.

5 މޭ 2025، މާލެ، އެފްއޭއެމް ލީގު ކަޕްގައި މިއަދު މާޒިޔާއާއި ނިއުއިން ވާދަކުރި މެޗުގެ ތެރެއިން މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ބޯޅައަށް މަސައްކަތް ކުރަނީ ---- ވަން ފޮޓޯ/ ހަމްދާން އަހުމަދު

މާޒިޔާއިން 72 ވަނަ މިނެޓުގައި ހަތަރު ވަނަ ގޯލެއް ޖެހި އިރު، އެ ގޯލު ޖެހީ ހަސަން ނަޒީމް (ޗޯޓު) އެވެ. އޭގެފަހުން ބަދަލަކަށް އެރި ޒުވާން ފޯވަޑް މުހައްމަދު އިލާން އިމްރާން، މާޒިޔާ ޖާޒީގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލު ޖެހި އިރު، ނިއުގެ ހަމައެކަނި ގޯލު މެޗުގައި ޖެހީ ރާފިގު އަމްނުއެވެ.