އޮޑި ސްޕޯޓްސް ކްލަބާ ދެކޮޅަށް ނުކުންނަ ފައިނަލަކީ 50/50 ފައިނަލެއް ކަމަށާއި، ނުކުންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ސްޓައިލްގައި ކުޅެ ތަށި ނަގަން ޓާގެޓް ކޮށްގެން ކަމަށް ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ލީގު ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ފީފާގެ ލަފައާއެކު އެފްއޭއެމްއިން ރޭވި އޮފް ސީޒަން ލީގު ކަޕްގައި ޖުމުލަ ފަސް ޓީމަކުން ވާދަކޮށްފައިވާ އިރު، މިރޭ 9:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލަށް ނުކުންނާނީ މާޒިޔާއާއި އޮޑި އެވެ. މިއީ އޮޑިން އެންމެ މަތީ ފަންތީގައި ކުޅޭ ފުރަތަމަ ފައިނަލް ނަމަވެސް، މާޒިޔާއަކީ މިވަގުތުވެސް ރާއްޖޭގެ ޗެމްޕިއަނުންނެވެ. އޭގެ އިތުރުން މާޒިޔާއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އަދި އެންމެ ފައިނަލްތަކަށް ފަރިތަ ޓީމެވެ.
މާޒިޔާއިން ލީގު ބުރުގެ އެއްވަނައިގައި ފައިނަލް ދިޔައީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އަނެއް މެޗުން އެއްވަރު ވެގެންނެވެ. އެއްވަރުވީ އޮޑި ކައިރިންނެވެ.
ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ލުއިސްމާ ބުނީ އޮޑިއަށް އިހުތިރާމު ދީގެން ނުކުންނާނީ 50/50 ފުރުސަތެއް އޮތް މެޗަކަށް ކަމަށެވެ.
"އަހަރެމެންނަށް މިވަގުތު އޮތް ޒިންމާއަކީ، މާޒިޔާ ސްޓައިލްގެ ރަނގަޅު ކުޅުމެއް ދައްކައި، މުބާރާތް ކާމިޔާބުކުރުން. އަހަރެމެން ހުރިހާ ޓީމަކަށް ވެސް އިހުތިރާމް ކުރާނަން. އޮޑިއަށްވެސް އިހުތިރާމް ކުރަން ޖެހޭ. އަހަންނަށް ފެންނަނީ މިއީ 50/50 މެޗެއް ގޮތަށް. ނޮކައުޓެއްގައި ދެ ޓީމަށް ވެސް ފުރުސަތު އޮންނާނެ. މިއީ އެކަހަލަ މެޗެއް،" ކުރިން ލިތުއޭނިއާ، އުޒްބެކިސްތާން، ކުވެއިތު އަދި ދެކުނު ކޮރެއާގައި މަސައްކަތް ކުރި ލުއިސްމާ ބުންޏެވެ.
ލުއިސްމާ އިތުރަށް ބުނީ އޮޑިއާ 1-1 އިން އެއްވަރުވި ލީގު ބުރުގެ މެޗަށް މާޒިޔާ ނުކުތީ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދޭން ނަމަވެސް، މިރޭގެ ފައިނަލަށް އެންމެ ވަރުގަދަ ފުރަތަމަ 11 އާއެކު ނުކުންނަ އިރު، ތަފާތު ވާނެ ކަމަށެވެ. އެއާއެކު ލުއިސްމާ ފާހަގަކުރީ މާޒިޔާއިން ރަނގަޅު ކުރަން ޖެހޭ ކަމަކީ ލިބޭ ފުރުސަތުތަކުގައި ރަނގަޅަށް ބޭނުން ހިފައި، ގޯލު ޖަހަން ކަމަށެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު