އެފްއޭއެމް ލީގު ކަޕްގެ ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
ފަސް ޓީމު ވާދަކުރި ލީގު ކަޕްގެ ސެމީއަށް ދިޔައީ ލީގު ބުރުގެ އެއްވަނައިގައި އޮތް މާޒިޔާގެ އިތުރުން ދެވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބާއި ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އަދި ހަތަރު ވަނައިގައި ލީގު ބުރު ނިންމާލި ޓީސީ ސްޕޯޓްސް ކްލަބެވެ.
ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާއިން ޓީސީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައިވެސް މާޒިޔާއިން ނުރައްކާ ކުރަމުން ދިޔަ އިރު، ހަމްޒާ މުހައްމަދު (ހަމްޕު) ގެ ދެ ހަމަލާއެއް ޓީސީ ކީޕަރު، ސްރީ ލަންކާގެ ސުޖާން ޕެރޭރާ މަތަކުރިއެވެ. އޭގެ ފަހުންވެސް މާޒިޔާއިން ބިޑަށް ނުރައްކާ ކުރަމުން ގޮސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ ގޯލު ޖެހިއެވެ.
ހާފު ނިމެން ދަނިކޮށް އެ ގޯލު ޖެހީ ހުސައިން ސިފާއު ޔޫސުފް (ކްރޯ)އެވެ. އެއީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅައެއްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައިވެސް މާޒިޔާގެ ނުރައްކާ ބޮޑުކޮށް ފެނިގެން ގޮސްފައިވާ އިރު، ޓީސީންވެސް ރަނގަޅު ފުރުސަތެއް ހޯދިއެވެ. މާޔިޒް ވަހީދު ކުރިއަށް ޖެހި ފޮނުވާލި ހަމަލާ ދަނޑީގައި ޖެހި ބޭރަށް ދިޔަ އިރު، އޭގެ ފަހުންވެސް ޓީސީން ނުރައްކާ ކުރިއެވެ.
އެޓީމުން ކުރިއަށް ޖެހި ކުޅުނު ކުޅުމަށް މަޑު ޖެހުނީ 80 ވަަނަ މިނިޓްގަައި ބަދަލަކަށް ކުޅެން އެރި، އަހުނަފް މުހައްމަދު ތަސްނީމަށް ދެއްކި ރަތް ކާޑާއެކުގައެވެ.
އެހިސާބުން މާޒިޔާއިން ކޮންޓްރޯލް ނަގައި، މެޗުން މޮޅުވިއެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް