މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ދެކޮޅަށް އެފްއޭއެމް ލީގު ކަޕްގެ ފައިނަލުގައި ނުކުންނަން ޖެހޭނީ ހަނގުރާމައަކަށް ތައްޔާރުވާ ފަދައިން ތައްޔާރުވެގެން ކަމަށް އޮޑި ސްޕޯޓްސް ކްލަބުގެ ކޯޗު ފަރުހާދު އިސްމާއީލް (ފަރޭ) ބުނެފިއެވެ.
ލީގު ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ފީފާގެ ލަފައާއެކު އެފްއޭއެމްއިން ރޭވި އޮފް ސީޒަން ލީގު ކަޕްގައި ޖުމުލަ ފަސް ފަސް ޓީމަކުން ވާދަކޮށްފައިވާ އިރު، މިރޭ 9:00 ގައި ގަލޮޅު ދަނޑުގައި ކުޅޭ ފައިނަލަށް ނުކުންނާނީ މާޒިޔާއާއި އޮޑިއެވެ. މިއީ އޮޑިން އެންމެ މަތީ ފަންތީގައި ކުޅޭ ފައިނަލް ނަމަވެސް، މާޒިޔާއަކީ މިވަގުތުވެސް ރާއްޖޭގެ ޗެމްޕިއަނުންނެވެ.
މެޗާ ގުޅޭ ގޮތުން އިއްޔެ ދަނޑުގައި ބޭއްވި ޕްރެސްގައި ކޯޗު ފަރޭ ބުނީ މާޒިޔާއަކީ ރާއްޖޭގެ އެންމެ ވަރުގަދަ ޓީމުގެ އިތުރުން ފައިނަލްތަކަށް ފަރިތަ ޓީމެއް ކަމަށާއި، އެޓީމު ބަލިކުރަން އޮޑިން ކުރަން ޖެހޭނީ "ހަނގުރާމަ" އެއް ކަމަށެވެ.
"ވޭތުވެދިޔަ ފަސް ވަރަކަށް އަހަރު ރާއްޖޭގެ ފުޓުބޯޅަ ލީޑުކުރަމުން މިއަންނަނީ މާޒިޔާއިން. މާޒިޔާއަކީ ފައިނަލްތަކަށް ފަރިތަ ޓީމެއް. އޮޑި ސްޕޯޓްސް ކްލަބާއެކު، ފައިނަލުގައި މާޒިޔާ ބަލިކުރަން ނުކުންނަންޏާ ނުކުންނަން ޖެހޭނީ ހަނގުރާމައަކަށް ނުކުންނަހެން ތައްޔާރުވެގެން، އެއީ އެވަރުގެ ސްކޮޑެއް މާޒިޔާގައި އެއޮތީ،" ފަރޭ ބުންޏެވެ.
ފަރޭ ބުނީ މީގެ ކުރީން ކުޅުމުގެ ކެރިއަރުގައި އޭނާ ކުޅުނު މާޒިޔާއަށް އަބަދުވެސް ހާއްސަ މަގާމެއް އޮންނާނެ ކަމަށާއި އެކްލަބްގެ މެނޭޖްމަންޓަކީ ވަރަށް ވަރުގަދައަށް ކޮންމެ މުބާރާތަކަށްވެސް ތައްޔާރުވާ ޓީމެއް ކަމަށެވެ.
އޭގެ އިތުރުން ފަރޭ ބުނީ، މާޒިޔާގައި ކިތަންމެ ވަރުގަދަ ސްކޮޑެއް އޮތް ނަމަވެސް، އޮޑިއަށްވެސް 50 ޕަސެންޓްގެ ފުރުސަތެއް އެބައޮތް ކަމަށާއި، އޮޑީގެ ތަޖުރިބާއާއެކު ދޫ ނުދީ މަސައްކަތް ކުރާނެ ކަމަށެވެ.
"އޮޑިއަށް މިއީ މިކަހަލަ ފުރަތަމަ ފައިނަލް. މާޒިޔާ އޮތީ ކުރިންވެސް ފައިނަލްތަކުގައި ކުޅެ، އެ ތަޖުރިބާއާވެސް އެކު. ވަރަށް ގިނަ ކަންކަން އަޅުގަނޑުމެންނަށް އާވާނެ، އެހެންވިޔަސް އެބަތިބި އެކްސްޕީރިއަންސް ޕްލޭޔާސްވެސް. ދުލެއް ނުދޭނަން، ފަސޭހައެއް ނުވާނެ. މާޒިޔާ ކޯޗު ފާހަގަކުރިހެން، 50/50 ޗާންސެއް މިއޮތީ ދެ ޓީމަށްވެސް، ޕެނަލްޓީއަށް ވެސް ދިއުން އެކަށީގެންވޭ، 90 މިނިޓުން ވެސް ނަތީޖާ ނުކުމެދާނެ، ހުރިހާ ގޮތަކަށް ތައްޔާރުވެގެން މި ތިބެނީ،" ކުރިން ގައުމީ ޓީމަށްވެސް ކުޅުނު ފަރޭ ބުންޏެވެ.
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް
އެފްއޭއެމް ލީގު ކަޕް