ފައިނަލުގައި އޮޑި ސްޕޯޓްސް ކްލަބު ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން އެފްއޭއެމް ލީގު ކަޕް ކާމިޔާބު ކޮށްފިއެވެ.

ލީގު ނުފެށި ދިގުލައިގެން ދިއުމުގެ ސަބަބުން ފީފާގެ ލަފައާއެކު އެފްއޭއެމްއިން ރޭވި އޮފް ސީޒަން ލީގު ކަޕްގައި ޖުމުލަ ފަސް ޓީމަކުން ވާދަކޮށްފައިވާ އިރު، މާޒިޔާ ފައިނަލަށް ނުކުތީ ލީގު ބުރުގެ އެއްވަނަ ހޯދައި، ސެމީ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.

އަނެއްކޮޅުން އޮޑިއަށް މިއީ އެންމެ މަތީ ފަންތީގެ ފުރަތަމަ ފައިނަލެވެ. އެޓީމުން ފައިނަލަށް ނުކުތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށްގެންނެވެ.

ގައުމީ ދަނޑުގައި ކުޅުނު ފައިނަލުގައި މާޒިޔާއިން އޮޑި ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗު ވަރުގަދަކޮށް ފެށީވެސް މާޒިޔާއިންނެވެ. މާޒިޔާއިން ވަރުގަދަކޮށް ފަށައި، ފަސްވަނަ މިނެޓުގައި ހިތްގައިމު ގޯލަކާއެކު ލީޑު ނެގިއެވެ. އޭރިއާ ބޭރުން، އޮޑީގެ ކުޅުންތެރިޔާ ނައްޓާލައި، އިބްރާހީމް އައިސަމް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ސީދާ ގޯލުގެ ކަނަށެވެ.

މާޒިޔާގެ ގޯލާއެކު އެޓީމުން ހިތްވަރު ހޯދައި، ހާފު ނިމުމުގެ ކުރިން ދެވަނަ ގޯލެއްްވެސް ޖެހިއެވެ. މެޗުގެ 28 ވަނަ މިނެޓުގައި މާޒިޔާގެ ދެވަނަ ގޯލު ޖެހީ ހަސަން ރާއިފް އަހުމަދު (ހަންނަ) އެވެ. ހަންނައަށް ގޯލު ޖަހަން ފުރުސަތު ފަހިކޮށްދިނީ އައިހަމް އަހުމަދު (ފަތޯ) އެވެ.

ދެވަނަ ހާފުގައި މާޒިޔާއަށް ތަފާތު ދެއްކީ ބަދަލަކަށް ނުކުތް 16 އަހަރުގެ މުހައްމަދު އިލާން އިމްރާނެވެ. މުބާރާތުގެ ލީގު ބުރުގެ މެޗުތަކުގައިވެސް އިލާން މާޒިޔާއަށް މުހިއްމު ވަގުތު ގޯލުތައް ޖަހައިދިން އިރު، ދެވަނަ ހާފުގައި އޭނާ ވަނީ ދެ ގޯލު ޖަހައި މާޒިޔާއަށް ތަށި ޔަގީން ކޮށްދީފައެވެ.