އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޔަގީންކޮށްފައިވާ ލިވަޕޫލުން ރޭ ޗެލްސީ ކައިރިން ބަލިވި އިރު، މެންޗެސްޓާ ޔުނައިޓެޑުން ބްރެންޓްފޯޑު ކައިރިންވެސް ބަލިވެއްޖެއެވެ.
ރޭ ޗެލްސީން ލިވަޕޫލް ކައިރިން އަމިއްލަ ދަނޑުގައި މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލަށް މެޗުން ބަލިވި ނަމަވެސް ގެއްލޭނެ އެއްޗެއް ނެތް އިރު، ޗެލްސީއަށް ލިބުނީ މުހިއްމު ތިން ޕޮއިންޓެވެ.
މިހާތަނަށް ކުޅުނު 35 މެޗުން 63 ޕޮއިންޓާއެކު ޗެލްސީ ފަސްވަނައިގައި އޮތް އިރު، ގަދަ ފަހެއްގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ޕްރިމިއާ ލީގުގެ ގަދަ ފަސް ޓީމު ކޮލިފައިވާ އިރު، ހަތަރު ވަނައިގައި އޮތް ނިއުކާސަލްއަށްވެސް ލިބިފައި ވަނީ 35 މެޗުން 63 ޕޮއިންޓެވެ.
ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 35 މެޗުން 64 ޕޮއިންޓް ލިބިފައިވާ އިރު، އާސެނަލް ދެވަނައިގައި އޮތީ 35 މެޗުން 67 ޕޮއިންޓާއެކުގައެވެ.
ޗެލްސީގެ ފުލުން ނޮޓިންހަމް ފޮރެސްޓްވެސް ގަދަ ފަހަކަށް ވިއްދާފައި އޮތް އޮތް އިރު، އޭގެފަހުން އޮތް އެސްޓަން ވިލާ އާއި އެޓީމަށްވެސް މިހާތަނަށް ލިބިފައި ވަނީ 60 ޕޮއިންޓެވެ. ނޮޓިންހަމް ފޮރެސްޓް އަދި ކުޅުނީ 34 މެޗެވެ. އެހެންކަމުން އެޓީމަށްވެސް އަދި މައްޗަށް ޖެހިލަން ފުރުސަތު އެބައޮތެވެ.
ރޭ ބްރެންޓްފޯޑުން އަމިއްލަ ދަނޑުގައި 4-3 އިން ޔުނައިޓެޑް ބަލިކުރުމާއެކު އެޓީމަށްވެސް ވަނީ އަންނަ ސީޒަނުގެ ޔޫރަޕް ޖާގައަކަށް އުންމީދު ބޮޑުވެފައެވެ. ބްރެންޓްފޯޑަށް 35 މެޗުން 52 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމު އޮތީ ނުވަ ވަނައިގައެވެ.
މިދިޔަ ހަފުތާގައި ޓޮޓެންހަމްއާ ދެކޮޅަށް ކުޅެ ތަށި ޔަގީންކުރި ޓީމުގެ ފުރަތަމަ 11 އަށް ބަދަލުތަކެއް ގެނެސްގެން އިއްޔެގެ މެޗަށް ލިވަޕޫލް ނުކުތް އިރު، މެޗުގެ ކުރީކޮޅުގައި ޗެލްސީން ލީޑު ނެގިއެވެ.
ލިވަޕޫލަށް ގާޑް އޮފް އޮނާއެއް ދީ މެޗަށް އެރި ޗެލްސީއަށް ފުރުތަމަ ގޯލު ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ. އެއީ ޕެޑްރޯ ނެޓޯގެ ހުރަހަކުން އޭނާ ޖެހި ގޯލެކެވެ.
އެ ގޯލާއެކު ފުރަތަމަ ހާފު ނިންމާލި ޗެލްސީން ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ފުޅާކުރިއެވެ. އޭރިއާ ތެރެއަށް ވަދެ، ކޯލް ޕާމާ ނުރައްކާ ކުރުމުން އެ ބޯޅައިން ސަލާމަތްވާން ވާޖިލް ވެން ޑައިކް ފޮނުވާލި ބޯޅަ ބައިކޮޅަށް ވަނީ ޖަރެލް ގުއަންސާ ގައިގައި ޖެހިފައެވެ.
މެޗުގެ ފަހުކޮޅުގައި ވާޖިލް ވެން ޑައިކް ގޯލެއް ޖަހައި ލިވަޕޫލަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިން ނަމަވެސް، ބަދަލަކަށް ނުކުތް ޑާވިން ނުނިއޭޒާއި މުހައްމަދު ސަލާހަށް ލިބުނު ފުރުސަތުތައް ބޭކާރުވެ ލިވަޕޫލަށް އެއްވަރެއް ނުކުރެވުނެވެ.
ޔުނައިޓެޑާއި ބްރެންޓްފޯޑު ވާދަކުރި މެޗުގެ ކުރީކޮޅުގައި މޭސަން މައުންޓް ގޯލު ޖަހައި ލީޑު ނަގައިދިން އިރު، ހާފު ނިމުމުގެ ކުރިން ބްރެންޓްފޯޑުން ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލިއެވެ. އެއީ ލޫކް ޝޯ އަތުން ބައިކޮޅަށް ވަން ގޯލެއްގެ އިތުރުން ކެވިން ޝޭޑް ޖެހި ގޯލަކާއެކުގައެވެ.
ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ޑިފެންޑަރު މަތިއެސް ޑެ ލިޓަށް އަނިޔާވެފައިވާ އިރު، ދެވަނަ ހާފަށް ނުކުމެ ޝޭޑްގެ އިތުރު ގޯލެއްގެ އިތުރުން ޔޯން ވީސާގެ ގޯލަކާއެކު ބްރެންޓްފޯޑުން ޔުނައިޓެޑް ބިމަށް ތިރިކޮށްލިއެވެ.
އެ ނަތީޖާއާއެކު ނިމެން ދަނިކޮށް، ޔުނައިޓެޑް ލަދުން ސަލާމަތް ކޮށްދިނީ އަލެހާންޑްރޯ ގާނާޗޯއާއި އަމަޑް ޑިއާލޯ ޖެހި ގޯލުތަކުންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު