މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދުން ދޫކުރުމަށް ހައިކޯޓުން އަމުރު ކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އަނަސް މަރާލާފައިވަނީ 31 ޖުލައި 2017ގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ.
އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކުވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
އޭނާގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އެއީ މ. ލޮނުމިދިލިގެ/ އަފްރާހު އަބްދުއްރައްޒާގު، ޅ. ކުރެންދޫ/ އަސުރުމާގެ، އަހުމަދު ޒަޔާން އަދި މ. ދިމިޝްގު/ އުސްމާން ޝަރީފެވެ.
މީގެ އިތުރުން ލ. ގަން، ތުނޑީ/ ނަންނާރިގެ، ނައިހު އަބްދުﷲ އާއި ސ. ފޭދޫ/ ވެސްޓަންވިލާ. ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746/ ސިމާހު މޫސާ އަދި ތ. ކިނބިދޫ/ ގުލްފާމުގެ، މުހައްމަދު ޝާޒް އަދި ލ. ގަން/ ތުނޑި ޖުނައިހު އަބްދުﷲ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 25 ފެބްރުއަރީ 2024 ގައެވެ. އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 21 މެއި 2024 ގައެވެ. ދައުލަތުން ވަނީ ހައިކޯޓުގައި އެ މީހުން ބަންދު ކުރުމަށްވެސް އެދިފައެވެ. ނަމަވެސް ހައިކޯޓުން މިދިޔަ މަހުގެ ތެރޭގައި ނިންމާފައިވަނީ އެ މީހުން ބަންދުކުރުމުގެ އަމުރެެއް ނެރެ ނުދިނުމަށެވެ.
ހައިކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މި އަހަރުގެ މާޗު މަހުގެ ފަހުކޮޅުގެ ތެރޭގައެވެ. އެ މައްސަލަ ބެލުމަށްފަހު ސުޕްރީމް ކޯޓުން މިއަދު ވަނީ މައްސަލައިގެ ހުކުމްކޮށްފައެވެ.
އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ރަޝީދު ހުސައިން، މައްސަލައިގެ ރައުޔުގައި ވިދާޅުވީ ކުށް ސާބިތުނުވާ މައްސަލަތަކުގެ އިސްތިއުނާފު ނިމެންދެން ދައުވާ ލިބޭ މީހުން ބަންދުކުރުމުގައި އަމަލުކުރަންވީ ގޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ގާނޫނުގައި އިސްތިއުނާފީ މަރުހަލާގައި ދައުވާ ލިބޭ މީހުން ބަންދުކުރެވޭނެ ގޮތެއް ގާނޫނުގައި ނެތް ކަމަށް ބުނެ ދައުވާ ލިބޭ މީހުން ބަންދުން ދޫކުރީ ގޯސްކޮށް ކަމަށެވެ.
ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގައި މީހުން މެރުމުގެ ކުށް ބަޔާންކޮށްފައިވާ ކަމަށާއި އެ މާއްދާގައިވާ ގޮތުން، ތުހުމަތުކުރެވޭ ފަރާތަށް ދެކޮޅަށް އެކަށީގެންވާ ހެކި، ހެކި ފޮރުވުމުގެ އިހުތިމާލު ނުވަތަ ހެކިންނަށް ނުފޫޒު ފޯރުވާނެކަމުގެ އިހުތިމާލު އޮތް ނަމަ އެފަދަ މީހަކު ބަންދުކުރެވޭނެ ކަމަށެވެ. އަދި އެފަދަ މީހެއްގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ބެލެވޭ ނަމަވެސް އެފަދަ މީހަކު ބަންދުކުރަންވާނެ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.
ރިޔާސަތުގެ އެ ރައުޔަށް ފަނޑިޔާރު ޑރ. ޑރ. މުހައްމަދު އިބްރާހީމް ތާއީދު ކުރެއްވިއެެވެ. ރައުޔު ތަފާތުވީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ.
އެހެންވެ މި މައްސަލައިގައި އައުލަބިއްޔަތުން ކުރި ހުކުމުގައި ފަނޑިޔާރު އަލީ ރަޝީދު ހުސައިން ވިދާޅުވީ މި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މި މައްސަލައިގެ ތުހުމަތުވާ މީހުން ބަންދުން ދޫކުރުމަށް ހައިކޯޓުން ހުކުމް ކުރީ ގާނޫނާހިލާފަށް ކަމަށެވެ. އެހެންވެ ހައިކޯޓުގެ ނިންމުން ބާތިލުކޮށް މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ޝަރީއަތް ނިމެންދެން ބަންދުކުރުމާމެދު ގޮތެއް ނިންމުމަށް ތަހުވީލުކުރާ ކަމަށް ހުކުމް ކުރެއްވިއެވެ.
ފަނޑިޔާރު ޝުޖޫން ރައުޔުގައި ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 199 ވަނަ މާއްދާގައި މީހުން މެރުމުގެ ކުށް ހިމަނާފާއިވީ ނަމަވެސް އެފަދަ ކުށެއްގެ ތުހުމަތު ކުރެވޭ މީހަކު ބަންދު ކުރަންޖެހޭ ހާލަތެއް އުފަންވެފައިވާކަން ޝަރީއަތަށް ސާބިތު ކޮށްދޭން ޖެހޭނީ ދައުލަތުން ކަމަށެވެ. މި މައްސަލައިގައި އެކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވި އެވެ.
މި މައްސަލައިގައި ހިމެނޭ މީހުން ކުށްކުރި އިރު ތިބީ މާސްކު އަޅައިގެން ކަމަށާއި އެ މީހުންގެ އައިޑެންޓީއާމެދު ޝަރީއަތުން ގޮތެއް ކަނޑައަޅާފައިނުވާއިރު ދައުލަތުން އެދޭ ގޮތަށް އެ މީހުން ބަންދު ނުކުރެވޭނެ ކަމަށްވެސް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ސުޕްރީމް ކޯޓް