މި ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކޮށްފައިވަނީ ފްރޭމް ކޮށްގެންކަމަށް އޭނާގެ އަނބިކަނަބަލުން ކުރެއްވި ތުހުމަތުތަކާ ގުޅިގެން މެންބަރު ޝަމްހީދު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުން އެއްވެސް މީހަކު ފްރޭމް ނުކުރާނެ ކަމަށެވެ.

"އަޅުގަނޑަށް ކަށަވަރުކޮށް ޔަގީންކޮށް ދޭން ކެރޭނެ ކަަމަކީ މި ސަރުކާރުން މީހަކު ފްރޭމް ނުކުރާނެކަން. މިހާރު ބަލަމުންދާ މައްސަލައިގަވެސް "ޝައްމާނުގެ" އާއިލާއަށް ވެސް އަޅުގަނޑު ކަށަވަރުކޮށް އަރުވަން އަޅުގަނޑުމެން އެއްވެސް ފަރާތެއް ފްރޭމެއް ނުކުރާނެ. ގާނޫނުގެ ތެރެއިން ލިބިދޭންޖެހޭ ހުރިހާ ރައްކާތެރިކަމެއްވެސް އެ ފަރާތަށް ލިބޭނެ، ހަމަ އެއާއެކުގައި ގާނޫނު އެ މީހަކާ އަރައި ހަމަވާންޖެހޭ ހުރިހާ ދިމާލަކުން އަރައި ހަމަކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝައްމާންގެ އިތުރުން، މި ސަރުކާރު ފެށިގެން އައީ އޭރުގެ މިނިސްޓަރެއް ކަމަށްވާ، އާދަމް ރަމީޒާއި އޭނާގެ އަނބިކަނބަލުން، އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒަށް ތުހުމަތުކޮށް އެޅި ފިޔަވަޅުތަކާއެކުކަން ފާހަގަކުރައްވައި، ސަރުކާރުގެ އިސް މަގާމުތަކާ ގުޅުން އޮންނަ ފަރާތްތަކަށް މައްސަލަތައް ކުރިމަތިވާކަން މެންބަރު ޝަމްހީދުގެ ސުވާލުގައި ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅިގެން މިނިސްޓަރު އިހުސާން ވިދާޅުވީ، އަދުގެ ސަރުކާރަކީ ގާނޫނު ތަންފީޒުކުރުމުގައި އެއްވެސް މީހަކާ މެދު ވަކި ގޮތަކަށް ތަފާތުކުރާނެ ސަރުކާރެއް ނޫން ކަމަށެވެ.

"އެމީހަކީ ވެރިއެއްތޯ، ގެރިއެއްތޯ އަޅުގަނޑުމެން ނުބަލަން. އެމީހަކީ ކޮން ހައިސިއްޔަތެއްގައި ހުރި މީހެއްތޯ، ކޮން މަގާމެއްގައި ހުރި މީހެއްތޯ ނުބަލަން. ގާނޫނު ދަންނަ އެއްޗެއް ނޫން މީހާ ހުރި މަގާމަކީ. އެހެންވީމަ ގާނޫނު ތަންފީޒުކުރަމުންދާ އިރު، އެމީހާގެ މަގާމެއް އަޅުގަނޑުމެން ނުބަލާނެ. ކޮންމެ މަގާމެއްގައި ހުރި މީހެއް ކަމަށްވިޔަސް އެމީހާގެ މައްޗަށް ޖިނާއީ ތުހުމަތުކުރެވޭ ހާލަތުގައި އެ މައްސަލ ފުލުހުން ތަހުގީގުކުރާނެ. އަދި މައްސަލަ ތަހުގީގުކުރާނީ ފުލުހުންނަށް ލިބިފައިވާ ހުރިހާ ބާރަކާއި ހުރިހާ އިހުތިޔާރެއް ބޭނުންކޮށްގެން، ވަކި މީހަކަށްވީތީ އިސްތިސްނާއެއް ނުކުރާނެ،" މިނިސްޓަރު ވިދާޅުވިއެވެ.