ގދ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނާހިލާފަށް ކަަމަށް ބުނެ ފުލުހަށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް އެ ރަށު ކައުންސިލް ފުލުހުން ބަލައިފާސްކުރަމުން އެބަދެއެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ ފުލުހުންގެ ތަހުގީގު ޓީމަކުން އެ ރަށު ކައުންސިލް ބަލައިފާސްކުރަމުންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރަމުންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުންގެ އިތުރުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ވެސް ހުށަހަޅައިފައެވެ. އެ ދެ އިދާރާއަށް އެ މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު މުހައްމަދު ރާގިބެވެ. އެ މައްސަލަ އެ ދެ އިދާރާއަށް ހުށަހަޅާފައިވަނީ 27 ނޮވެމްބަރ 2024 ގައެވެ.
ރާގިބު ވަނީ ތިނަދުއަށް ދީފައިވާ ސިޓީއެއްގެ ދަރަޖަ ބާތިލުކޮށްދިނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއްވެސް 21 ނޮވެމްބަރު 2024 ގައި ހުށަހަޅައިފައެވެ. ނަމަވެސް އެ މައްސަލަ ބަލައިނުގަތުމަށް ނިންމައި 31 ޑިސެމްބަރ 2024 ގައި ހައިކޯޓުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.
އެ މައްސަލައިގައި ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ ނިންމެވި ނިންމެވުމުގައި ވަނީ، 30 އޮގަސްޓް 2023 ގައި ރައީސް އޮފީހުން ނެރެފައިވާ ގަރާރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ބާރު ލިބިގެން އެ ގާނޫނުގެ ތެރެއިން އެކުލަވާލާފައިވާ މަސްދަރެއްކަން ރާގިބަށް ބުނެދެވިފައި ނުވުމުން، އެ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލުމުގެ އިހުތިސާސް ލިބިފައިވާ މައްސަލައެއް ނޫން ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި މަދަނީ އިޖުރާއަތުގެ ގާނޫނާއި ހައިކޯޓުގެ ގަވާއިދު އަދި އެ ކޯޓުގެ ގަޒިއްޔާއަކާ ހަވާލާދީ، ރާގިބުގެ ފަރާތުން ހުށަހަޅުއްވާފައިވާ އެ މައްސަލަ ކޯޓަށް ބަލަގަނެވެގެން ނެތް ކަމަށް ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވެއެވެ.
އެ މައްސަލައާ ގުޅިގެން 25 ނޮވެމްބަރު 2024 ގައި ރާގިބް "ވަން" އަށް ވިދާޅުވެފައިވަނީ ރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނީ އާބާދީގައި 10،000 މީހުން ހަމަވާ ނަމަ ކަމަށާއި ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އޭނާ ހޯދި މައުލޫމާތުގައި ތިނަދޫގެ އާބާދީއަކީ ހަތްހާހެއްހާ މީހުން ކަމަށް އެނގިފައިވާ ކަމަށެވެ. ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ އެ ރަށު ކައުންސިލުން ގެންގުޅުނު ސައްހަ ނޫން ލިސްޓަކަށް ބަލައިގެން ކަމަށްވެސް ރާގިބް ވިދާޅުވެފައިވެއެވެ.
"އަޅުގަނޑު މި މައްސަލަ ދިރާސާކުރި އިރު އެބަހުރި 30-40 ވަރަކަށް މަރުވެފައިވާ މީހުން ރަށުގެ އާބާދީގެ ގޮތުގައި ހިމަނާފައި. 30 އަހަރު ކުރިން މާލެއަށް ހިޖުރަކޮށްފައިވާ މީހުންވެސް އެބަހުރި ހިމަނާފައި. އަދި އެބަހުރި އެއް ނަމެއް ކިޔާ މީހަކު، އެ މީހާގެ އާންމު ނަމާއި ގޭގެ ނަމާއި މަންމަ އަދި ބައްޕަގެ ނަން އެއްގޮތް އެކަމަކު އައިޑީ ކާޑު ނަންބަރު ތަފާތު. އެގޮތަށް އެކެއްގެ ނަމުގައި ވަރަށް ގިނައިން އެބަހުރި. މީ ބޮޑު އޮޅުވާލުމެއް،" ރާގިބް ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވަނީ ތިނަދޫގެ އާބާދީގައި 10،000 މީހުން ހަމަވާ ކަމަށް ޑީއެންއާރުގެ މައުލޫމާތު ނުދައްކާއިރު އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވިގެން ނުވާނެ ކަމަށެވެ. ކުރީ ސަރުކާރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރުގައި ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ސިޔާސީ ގޮތުން މަންފާތަކެއް ހޯދަން ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅޭގޮތުންވެސް ހިޔާލުތަފާތުވުންތަކެއް އުފެދުނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ 18 ގައި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ފާސްކޮށްފައެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދިންއިރު އެ ރަށުގެ އާބާދީގެ ގޮތުގައި ގދ. މަޑަވެއްޔަށް ނިސްބަތްވާ ބައެއް މީހުންވެސް ވަނީ ހިމަނައިފައެވެ.
އެކަމާ ގުޅިގެން މަޑަވެލި ކައުންސިލުން 28 ނޮވެމްބަރު 2024 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް، އާބާދީ ލިސްޓުގައި ގދ. މަޑަވެލީގެ 145 މީހެއްގެ ނަން ހިމަނާފައިވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. ކައުންސިލުން ބުނެފައިވަނީ ސިޓީއެއްގެ ދަރަޖައަކީ 10،000 މީހުން ރަށްވެހިވެ، ރަޖިސްޓަރީވެފައިވާ ރަށްތަކަށް ސަރުކާރުން ދޭ ދަރަޖައެއް ކަމަށާއި އެ ރަށެއްގެ އާބާދީ މިނެ ކިރަނީ ޑީއެންއާރުގައި އެ ރަށެއްގެ ރަޖިސްޓަރީގައިވާ އާބާދީއަށް ކަމަށެވެ.
އެއްވެސް ހާލެއްގައި ރަށުގެ ރަށްވެހިންގެ ރަޖިސްޓަރީއަށް ބަލައިގެން އެފަދަ ނިންމުމެއް ނިންމިދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެ ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީ ބެލެހެއްޓުމަކީ ކައުންސިލުގެ ފުރިހަމަ މަސްއޫލިއްޔަތަކަށްވާ އިރު، އެ ރަޖިސްޓަރީއަކީ ބޭނުންވީމާ ބޭނުން ކޮންމެ ބަދަލެއް ގެނެވޭނެ އަދި ގެނެވިގެންވާނެ ރަޖިސްޓަރީއެއް ނޫން ކަމަށް މަޑަވެލި ކައުންސިލުން ބުންޏެވެ.
"މި ދެންނެވި ބީދައިން ގދ. ތިނަދޫ ސިޓީގައި މިވަގުތު ރަޖިސްޓަރީވެފައިވާ އާބާދީ ލިސްޓުގައި މި ރަށަށް ނިސްބަތްވާ މީހުންގެ ޖުމުލަ 145 މީހެއްގެ ނަން (މި ރަށުގެ ރަށްވެހިންނާއި އަދި މި ރަށަށް ނިސްބަތްނުވާ މީހުންތައް) ތިނަދުއަށް ނިސްބަތްވާ ކަމަށް ލިޔެ ހިމަނާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. އަދި މި ދެންނެވި މީހުންގެ ތެރެއިން މިހާރު ވެސް މި ރަށުގައި ވަޒަންވެރިވެ، ދިރިއުޅޭ މީހުން އެބަތިއްބެވެ..،" މަޑަވެލި ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.
މަޑަވެލި ކައުންސިލުން ބުނެފައިވަނީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން ފާހަގަކުރެވޭ ކަމަށާއި މަޑަވެލީގައި ރަށްވެހިވެފައިވާ ފަރާތްތައް ތިނަދޫ ކައުންސިލުގެ ދަފްތަރުން އުނިކޮށްދިނުމަށް އެދޭ ކަމަށެވެ. އަދި އެ ފަރާތްތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ އާއި ރަށުގެ ރައްޔިތުންނަށް ނޭނގި އެފަދަ އަމަލެއް ހިންގާފައިވުމާއެކު އެ ރައްޔިތުންގެ ހައްގުގައި އެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަދިން ގޮތުގެ މައްސަލަ ފެންމަތިވެފައިވަނިކޮށް ރައްޔިތުން މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ މައްސަލަ ބަލައިދިނުމަށް އެދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފައެވެ.
ސައުދުﷲ، އެލްޖީއޭއަށް 04 ޑިސެމްބަރު 2024 ގައި ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދީފައިވާ އިރު، އޭނާގެ އަންހެނުން މާލެއަށް ރަޖިސްޓްރީ ބަދަލުވިތާ 25 ވަރަކަށް އަހަރު ވެދާނެ ކަމަށާއި އަންހެނުންގެ މާމަ ނިޔާވިތާ 8 ވަރަކަށް އަހަރު ވެދާނެ ކަމަށެވެ. ސައުދު ވިދާޅުވެފައިވަނީ އަންހެނުންގެ ބޮޑުބޭބެ ނިޔާވިތާ ވިއްސަކަށް އަހަރު ވެދާނެ ކަމަށާއި އަދި އޭނާގެ ބައެއް އަވަށްޓެރީން ވެސް ނިޔާވެފައިވާ އިރު، އެ ހުރިހާ މީހުން ވަނީ ތިނަދޫގެ އާބާދީގެ ލިސްޓުގައި ހިމަނައިފައި ކަމަށެވެ.
"އެހެންކަމުން ތިނަދޫ، ސިޓީއަކަށް ބަދަލުކުރުމުގައި، ދިވެހި އެތައް ބަޔަކު އިންތިހާއަށް ކަންބޮޑުވާ އަދި ގާނޫނާ ހިލާފު އެތައް ކަމެއް ހިންގާފައިވާ އަދި އެކަމުގެ ސަބަބުން ކުރިއަށް އޮތްތާގައިވެސް އެފަދަ ކަންކަން ހިނގައިފާނެ ކަމަށް ބެލެވޭތީ މަކަރާއި ހީލަތާއި އޮޅުވައިލުމާއި އެނޫންވެސް ޖިނާއީ މައްސަލަތައް ކަމަށް ބެލެވޭ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ފޮނުވައިދެއްވުމާއެކު މިކަމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ތިޔަ އޮތޯރިޓީއަށް ފެނިވަޑައިގަންނަވާ ނަމަ ތިނަދޫ ކައުންސިލާ ދޭތެރޭ ފިޔަވަޅު އަޅުއްވައި ދެއްވުން އެދެމެވެ." ސައުދުﷲ ގެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް