ޒުވާނުންނާއި ދަރިވަރުންނަށް ދިމާވާ ނަފްސާނީ މައްސަލަތަކުގައި އެހީ ހޯދުމަށް ފަސްނުޖެހުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު އިލްތިމާސްކުރައްވައިފިއެވެ.
ޔޫތުހަބްގައި ބޭއްވި "ނޭޝަނަލް ޔޫތު މެންޓަލް ހެލްތު ކޮންފަރެންސް 2026" ނިންމުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް ދަތި ދަނޑިވަޅުތައް ކުރިމަތިވާނެ ކަމަށާއި، ބޭނުންވި ގޮތް ނުވެ ދިއުމާ ކުރިމަތިލާން ނުޖެހޭ މީހަކު ނުހުންނާނެ ކަމަށެވެ. އެހެންވީމާ، ނާއުންމީދާ ކުރިމަތިވާ ޒުވާނުންނަށް ނަފްސާއި ފުރާނައިގެ އަގު ހަނދާންކޮށްދޭން ޖެހޭ ކަމަށާއި، ހިތްވަރާއެކު ގަދައަޅައި މަސައްކަތްކޮށް މާތް ﷲ އަށް ވަކީލުކުރުމަކީ ކާމިޔާބީގެ ތަޅުދަނޑި ކަމަށް ވިދާޅުވިއެވެ.
ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ހައިސިއްޔަތުން ނަފްސާނީ ދުޅަހެޔޮކަމަށް ސިއްހީ ނަޒަރުގެ އިތުރުން ދީނީގޮތުން ވެސް ބަލަންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ. ނަފްސާނީ އެއްވެސް މައްސަލައެއް ދިމާވެއްޖެ ނަމަ ޑޮކްޓަރުންނާއި، ޓީޗަރުންނާއި، ކައުންސެލަރުން އަދި ބެލެނިވެރިން ފަދަ ފަރާތްތަކުގެ ކައިރިން ލަސްނުކޮށް ފަރުވާ ހޯދުމަށްވެސް ޒުވާނުންނަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
ޖިސްމާނީ އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށްވާ ކުދިންނަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަކީ މުޅި މުޖުތަމައުގެ ޒިންމާއެއް ކަމުގައި ވެސް ސާޖިދާ ވިދާޅުވިއެވެ. މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް، އެ މަސައްކަތް ހަމައެކަނި ވަޒީފާގެ ޒިންމާއެއް ކަމުގައި ނުދެކި، އިންސާނީ ވާޖިބެއްގެ ގޮތުގައި ބަލައިގަތުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.
ޒުވާނުންނަކީ ގައުމުގެ މާދަމާގެ ބަތަލުންކަން ފާހަގަކުރައްވައި، ގަދަ ހިތްވަރާއި އީޖާދީ ވިސްނުމާއެކު ގައުމާއި ދީނަށް ހިދުމަތްކުރާ ދަރިންތަކެއް ކަމުގައިވުމަށް އަޒުމް ކަނޑައެޅުމަށް ވެސް ސާޖިދާ ބާރުއެޅުއްވިއެވެ.
ކޮމެންޓް