މޫސުމަށް އަންނަ ބަދަލުތަކާބެހޭ އދ.ގެ މުޢާހަދާގެ ބައިވެރިންގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް، ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖެ ވަޑައިގެންފިއެވެ.
"ޓްވާރޑްސް އަ ސަސްޓެއިނަބަލް، ރެޒިލިއަންޓް އެންޑް އިކުއިޓަބަލް ފިއުޗަރ" މި ޝިއާރުގެ ދަށުން މި ނޮވެމްބަރު މަހުގެ 10ގައި ފެށި މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދާއި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގައި ރާއްޖޭގެ ގައުމީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން ވެފައިވާ ވައުދުތައް ފުއްދުމަށާއި، ބައިނަލްއަގްވާމީ މާލީ ނިޒާމަށް އިސްލާހީ ބަދަލުތައް ގެނައުމަށް ގޮވާލައްވާފައެވެ. އަދި ސިޔާސީ ގޮތުން ވެފައިވާ ވައުދުތައް އަމަލީ ނަތީޖާއަށް ބަދަލުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތްތައް ބަލައިގަތުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި ދަތުރުފުޅުގައި މޫސުމީ މައްސަލަތަކާ ގުޅޭ މަތީ ފަންތީގެ ވަށްމޭޒު ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން، ނާޒުކު ޖަޒީރާ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހިއްސާކުރައްވައި، އެ ގައުމުތަކަށް ފޯރުކޮށްދޭ ބައިނަލްއަގްވާމީ އެހީތެރިކަން އިތުރުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ "ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ލިބޭ ގެއްލުންތައް ފާހަގަކުރައްވައި، އުކާލާ ކުންޏަކީ އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ.
މި ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް އެންމެން ގުޅިގެން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބޭއްވި މި ސަމިޓުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި، މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ހޯދުމާއި، އަދި ރަށްފުށު ސަރަހައްދުތައް މޫސުމީ ގެއްލުންތަކަށް ހޭނުވުމާ ގުޅޭގޮތުންނެވެ.
ދެހާސް ތޭވީސްވަނަ އަހަރުގެ ކޮޕް28 އާއި 2024 ވަނަ އަހަރުގެ ކޮޕް29 ސަމިޓުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންފައިވުމަކީ، މޫސުމާގުޅޭ ކަންކަމުގައި ބައިނަލްއަގްވާމީ ފެންވަރުގައި ވަކާލާތުކުރުމަށް، މި ސަރުކާރުން ދޭ ހާއްސަ ސަމާލުކަން ދައްކުވައިދޭ ކަމެކެވެ.
އިބްރާހިމް ޒަކީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް