ކުނިން ތިމާވެށި ތަގައްޔަރުވުން ހުއްޓުވުމަށްޓަކައި، ކުނި އުފެދޭ ސަބަބުތަކުން ފެށިގެން އެކަމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށާއި ކަނޑުގެ މާހައުލު ހިމާޔަތްކުރުމަށްޓަކައި އުފެއްދުންތެރިންގެ ޒިންމާ އިތުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުން މުހިންމު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ މުއާހަދާގެ 31 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް31) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އަންތާލިޔާގައި ބޭއްވި "ހައި-ލެވެލް މީޓިން އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގައި ދެއްކެވި ވާހަކަފުޅުގައެވެ.

ތިމާވެށި ހިމާޔަތް ކުރުމަށާއި ކުނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުނިޔޭގެ ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން، ތުރުކީގެ ރައީސްގެ އަނބިކަނބަލުން، އެމިނޭ އުރުދުގާން އިންތިޒާމު ކުރެއްވި މި ބައްދަލުވުމުގައި ގައުމުތަކުގެ ވެރިންގެ އަނބިއަނބިކަނބަލުންނާއި ފިރިކަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި ކަނޑުގެ ދިރުންތަކަށާއި ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ފާހަގަކުރައްވައި، ކުންޏަކީ އުކާލުމުން އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން ހަނދާންކޮށްދެއްވިއެވެ. އަދި ދުނިޔޭގެ ފެންވަރުގައި ޒީރޯ ވޭސްޓް ހަރަކާތް ހިންގެވުމަށް، އެމިނޭ އުރުދުގާން ކުރައްވާ މަސައްކަތްޕުޅަށް ތައުރީފު ކުރައްވައި، ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސްގެ އަމާޒުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން އެކަމަނާ ހާމަކުރެއްވިއެވެ.

މީގެއިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް ރާއްޖެއިން އަޅަމުންދާ ގާނޫނީ ފިޔަވަޅުތަކުގެ ތެރެއިން، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ކުނި ނައްތާލުމާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އެ އިސްލާހުތަކުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ކުނި އެތެރެ ކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރި ހުއްދަނެތި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ކަނޑައަޅާފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކުނި ނައްތާލުމަކީ، އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖެފަދަ މުދާ އެތެރެކުރުމަށް ބަރޯސާވާ ގައުމުތަކުން އުފުލަން ޖެހެނީ އެހެން ގައުމުތަކުގައި އުފައްދައި، ބަންދުކޮށްގެން އެކްސްޕޯޓް ކުރާ ކުނީގެ ބުރަ ކަމަށެވެ. އަދި އުފެއްދުންތެރިންގެ ޒިންމާއަކީ މުދާ ވިއްކުމާ ހަމައިން ނިމޭ ކަމަކަށް ވެގެންނުވާނެ ކަމަށާއި މުދާ ބަންދުކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރުމާއި އާ ޓެކްނޮލޮޖީ ބޭނުން ކުރުމުގެ އިތުރުން ކުނި މަދުކުރެވޭނެ އިގުތިސާދަކަށް ވާސިލުވުމަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ މަގު ފަހިވާންޖެހޭ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ތިމާވެށި ސާފުކޮށް ބެލެހެއްޓުމުގައި އިސްނަގާނެ ޖީލެއް ބިނާކުރުމަށްޓަކައި ކުޑަކުދިން ބާރުވެރި ކުރުވުމަކީ މުހިންމު ކަމެއްކަން ހާމަކުރައްވަމުން، ދެމެހެއްޓެނިވި ބަދަލަކަށް ވާސިލުވެވޭނީ އާއިލާތަކާއި ސްކޫލްތައް އަދި މުޖުތަމައު އެކުގައި ގުޅިގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ހަގީގީ ބަދަލަކީ ގޭތެރެއިން ފަށައިގެން، ސްކޫލްތަކުގެ ތެރެއިން މޫލައި، މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވާންޖެހޭ އެއްޗެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

"ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް" ގެ މަސައްކަތްތައް ރަސްމީ ހައިސިއްޔަތަކުން ފެށިގެން ދިޔައީ މި ބައްދަލުވުމުގެ ތެރެއިންނެވެ.

މިއީ 2017 ވަނަ އަހަރު ތުރުކީގެ ރައީސްގެ އަނބިކަނބަލުން، އެމިނޭ އުރުދުގާންގެ އިސްނެންގެވުމުގެ ދަށުން ފެއްޓެވި "ޒީރޯ ވޭސްޓް މޫވްމަންޓް" ގެ މައްޗަށް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގެ އުސޫލުތައް މުޅި ދުނިޔެއަށް ފުޅާކުރުމަށްޓަކައި ސަރުކާރުތަކާއި، އދ.ގެ އިދާރާތަކާއި އަދި ބައިނަލްއަގްވާމީ ބައިވެރިން ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.