ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑް ކުރުމާއި ގުޅިގެން ހުށަހެޅި މައްސަލައިގައި ރާއްޖެއިން ޖަވާބުދާރީވުމަށް އދ. އިން އަންގައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުއެވެ. މަގާމުން ސަސްޕެންޑް ކޮށްފައިވަނިކޮށް ހުސްނުއްސުއޫދު ވަނީ ފަނޑިޔާރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޖޭއެސްސީން އެ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން މައްސަލައެއް ބަލަމުންދާތީ ކަމަށެވެ. އެ ފަހުން ޖޭއެސްސީން ވަނީ އެ ކޮމިޝަނުންވެސް އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ހާމަކޮށްފައެވެ.

ތިން ފަނޑިޔާރަކު ސަސްޕެންޑް ކުރި އިރު، އެ ކޯޓުން އޭރު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެއް ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށް ނިންމައިފައެވެ.

ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލަ އދ، ޔޫއެންއެޗްއާރްސީ، އދ. އިންސާނީ ހައްގުތަކާބެހޭ މަތީ ކޮމިޝަން)، ޔޫރަޕިއަން ޔޫނިއަން (އީޔޫ)، ކޮމަންވެލްތް، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)، ވޯލްޑް ބޭންކް އަދި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އަށް ހުށަހެޅީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ހުސްނުއްސުއޫދު "ވަން" އަށް މިއަދު ވިދާޅުވީ އަންނަ ޖޫންގެ ކުރިން އދ. އަށް ޖަވާބުދާރީވުމަށް ސަރުކާރަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އެހާބޮޑު މައުލޫމާތެއް އޭނާއަށް ލިބިވަޑައިގެންފައިނުވާ ކަމަށާއި އެންމެ ފުރިހަމަ މައުލޫމާތު އެނގޭނީ ފޮރިން މިނިސްޓްރީއަށް ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާޒުން ސަސްޕެންޑް ކުރި މައްސަލަ މި ވަގުތު ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު އަޒްމިރަލްދާގެ ފަރާތުންވެސް ވަނީ އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްއަށް ހުށަހަޅައިފައެވެ.

އަޒްމިރަލްދާ އެ މައްސަލަ ހުށަހަޅާފައިވަނިކޮށް ސްޕެޝަލް ރެޕަޓުއާ އޮން އިންޑެޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔާސްގެ މަގާމުގައި ހުންނެވި މާގަރެޓް ސެޓާތުވައިޓް އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް، ދިވެހި ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެެއަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަންކަން ގާތުން ބަލަމުންދާ ކަމަށެވެ.

ފަނޑިޔާރުން ސަސްޕެންޑްކުރި މައްސަލަ ފަނޑިޔާރު އަޒްމިރަލްދާ އަދި ހުސްނުއްސުއޫދު އދ.ގެ އިދާރާތަކަށް ހުށަހެޅުއްވީ މިދިޔަ މާޗު މަހުގެ 17 ގައެވެ.

ޖޭއެސްސީން މިހާރު ދަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާއާ ގުޅޭ ގޮތުން ދެ މައްސަލައެއް ބަލަމުންނެވެ.

އޭގެ ތެރެއިން ފުރަތަމަ މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތުގެ މައްސަލައެވެ. އަނެއް މައްސަލައަކީ ހައިކޯޓުގެ ކުރީގެ އެސިސްޓަންޓް ރަޖިސްޓަރާ ހުސައިން މުހައްމަދު ހަނީފު ސްޕްރީމް ކޯޓަށް ހާޒިރުކޮށް އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި މަޖިލީހުގައި ފަނޑިޔަރު މަހާޒާއި ފަނޑިޔާރު އަޒްމިރަލްދާ ތިއްބެވި ކަމަށް ބުނާ މައްސަލައެވެ.

ފަނޑިޔާރުގެ މަގާމުން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވާފައިވާތީ އޭނާގެ މައްސަލަ ޖޭއެސްސީން ނުބަލައެވެ. ނަމަވެސް ފަނޑިޔާރު މަހާޒް އަދި ފަނޑިޔާރު އަޒްމިރަލްދާ، ޖޭއެސްސީއަށް ހާޒިރުކޮށް މައްސަލައާ ގުޅިގެން ސުވާލުކޮށް ބަޔާން ނެގުމަށްފަހު ވަނީ ތަހުގީގުގެ ފައިނަލް ރިޕޯޓަށް އެ ދެ ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތް ސާފުކުރަން މިދިޔަ އަންގާރަ ދުވަހު ޖޭއެސްސީއަށް ހާޒިރުކޮށްފައެވެ.