ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި ނުފޫޒު ފޯރުވީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހާ ގުޅިގެން ދައުލަތުގެ މީޑިއާ ޕީއެސްއެމުން ގެނެސްދޭ އަހާ ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން އުޝާމް ވިދާޅުވީ ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމުން ސިޔާސީ ވާހަކަ ދައްކަވާނެ ކަމަށާއި ސިޔާސީ ކޮންމެ ވާހަކައަކަށް ރައްދުދެއްވަން ބޭނުންނުވާ ކަމަށެވެ.

"އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ސަރުކާރުން، ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން މިދިޔަ މުއްދަތުގެ ތެރޭގައި އެކިއެކި ގޮތްގޮތުން ހުސްނުއްސުއޫދު އެކިއެކި މީހުން މެދުވެރިކޮށް ރައީސަށް ފޮނުވާފައި ހުރި މެސެޖުތަކާއި، ރައީސްއާ ބައްދަލުވެގެން އެކިފަހަރު ދައްކާފައި ހުރި ވާހަކަތަކަށް ބަލާ އިރުގައި ހަގީގަތުގައި ނުފޫޒު ފޯރުވާފައި ހުންނާނީ އެބޭފުޅާ. ޖުޑީޝަރީއަށް ވެސް ނުފޫޒު ފޯރުވާފައި ހުންނާނީ ވެސް އެބޭފުޅާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ވެސް ނުފޫޒު ފޯރުވާފައި ހުންނާނީ އެބޭފުޅާ،" ބަންޑާރަނައިބު ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ސުއޫދު ނުފޫޒު ފޯރުވިކަން ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށާއި އެއްވެސް ޒަމާނެއްގައި އެއްވެސް ތަނަކުން އެ މައްސަލަ ތަހުގީގުކޮށްފިއްޔާ ޖަވާބުދާރީވެވޭނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒެއް ފޯރުވަން މަސައްކަތްކޮށްފައި އޮތިއްޔާ އެކަން ކުރެއްވި ބޭފުޅަކީ ސުއޫދު ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅުވައިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވެސް ތުހުމަތުތަކެއް ކުރައްވާކަން ފާހަގަކުރައްވައި އުޝާމް ވިދާޅުވީ، އެޖެންޓެއް ފޮނުވައިގެން އިންޒާރެއް ދިން ކަމަށް ވިދާޅުވެ އަޒްމިރަލްދާ ދައްކަވަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑުގެ ރައްޓެއްސަކާ ދެކެވުނު ވާހަކައެއް، ކަން ދިމާކުރި ގޮތުން މި ރައްޓެއްސަކީ އަޅުގަނޑާއި ޑރ. އަޒްމިރަލްދާގެ ވެސް ކޮމަން ފްރެންޑެއް. ދެކެވުނު ވާހަކައެއްގެ ތެރެއިން އެމީހަކު އެ ދެއްކި ވާހަކައެއް އެއީ އެލިގޭޝަނެކޭ އެ ވިދާޅުވަނީ. އެކަމަކު އެއީ އެހެން ހިނގައިދިޔަ ކަމެއް ވެސް ނޫން. އެކަމެއް ހިނގައިދިޔައީ ވެސް ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައިގެ ވެސް މާކުރިން. އެބޭފުޅުން ވަރަށް ކޮންވީނިއަންޓްލީ ނުދައްކާ ވާހަކައެއް އެއީ،" ބަންޑާރަނައިބު ވިދާޅުވިއެވެ.

އުޝާމް ވިދާޅުވީ ރައްޓެއްސަކާ އެ ވާހަކަ ދެކެވުނީ ފެބްރުއަރީ މަހުގެ ކުރީކޮޅު ކަމަށާއި އޭރު ސުޕްރީމް ކޯޓުގެ މައްސަލައިގެ އަޑުއެހުމެއް ވެސް ތާވަލުކޮށްފައިނުވާ ކަމަށެވެ. އަދި އޭގެ ފަހުން ދެ އަޑުއެހުމެއް ބޭއްވި ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

"ތިޔަ ވިދާޅުވާ ދެ ފަނޑިޔާރުން އެ ހިޔަރިންގައި ތިއްބަވަން ވެސް ތިއްބެވި. އަޅުގަނޑުމެން އެ މައްސަލައަށް ނުފޫޒު ފޯރުވި ކަމަށްވާ ނަމަ، ކީއްވެގެންތޯ އޭރު އެ ވާހަކަ ވިދާޅުނުވީ. އެހާ ސީރިއަސް އެލިގޭޝަނެއް އަޅުގަނޑަށް އަދި ރައީސުލްޖުމްހޫރިއްޔާއަށް ކުރައްވާ އިރުގައި، މައްސަލައިގެ ދެ ހިޔަރިން ދިޔަ އިރުގައި ކީއްވެގެންތޯ އެ ވާހަކަ ވިދާޅުނުވީ،" އުޝާމް ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ މިހާރު ނޫސްބަޔާންތަކާ އެއްޗެހި ނެރުއްވާ އިރު، މީގެ ކުރިން އެފަދަ ތުހުމަތުތަކެއް ކޮށްފައިނުވާ ކަމަށާއި އެ ހުރިހާ ވާހަކަތަކެއް ދައްކަން ފެށީ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ދިމާވެގެން އެ މައްސަލަތައް ބަލަން ފެށުމުން ކަމަށެވެ.