މާލެ ސަރަހައްދުގައި ލައްކައަކަށް ވުރެ ގިނަ ވެހިކަލް ދުއްވާ ކަމަށާއި އޭގެ ތެރެއިން 92 ޕަސެންޓަކީ މޮޓޯސައިކަލް ކަމަށް މާލެ ސިޓީ ކައުންސިލުގެ މޭޔާ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ މާލޭގެ މަގުތައް މިހާރަށްވުރެ ހަމަޖެހޭ، އަމާން އަދި ދުމުގެ އަސަރު ކުޑަ ތަނަކަށް ހެދުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި އިސްލާމިކް ޔުނިވާސިޓީއާ ގުޅިގެން ދިރާސާއެއް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.
އެ ދިރާސާގައި މާލޭގެ މަގުތަކުގައި އެންމެ ގިނަ އަދަދަކަށް ހުއްދަދެވޭނެ ކިތައް އުޅަނދަށްތޯ އާއި އުޅަނދެއް މަގުމަތީގައި ދުއްވުމަށް ހުއްދަ ދޭންވީ ކިހާވަރަކަށްތޯއާއި ކިހާ މުއްދަތަކަށްތޯއާއި ވަކިވަކި ފަރުދުންނަށާއި ވަކިވަކި މުވައްސަސާތަކަށް ހުއްދަ ދޭންވީ ކިތައް އުޅަނދައްތޯ ބެލި ކަމަށް އާޒިމް ވިދާޅުވި އެވެ.
ދިރާސާ ފާހަގަވި ކަންކަން:
- މާލެ ސަރަހައްދު (މާލެ، ވިލިމާލެ އަދި ހުޅުމާލެ) ގައި 119،093 އުނޅަދު ބޭނުންކުރޭ
- 103،300 ސައިކަލު ބޭނުންކުރޭ. އެއީ ޖުމުލަ އަދަދުގެ 87 ޕަސެންޓް
- 7،705 ކާރު ބޭނުންކުރޭ. އެއީ ޖުމުލަ އަދަދުގެ ހަ ޕަސެންޓް
"ގާތްގަނޑަކަށް 225،000 މީހުން ދިރިއުޅޭ މި ސަރަހައްދުގައި އެއީ ވަރަށް ބޮޑު އަދަދެއް ކަމަށް ފާހަގަވެގެން މިދަނީ، މި ރިޕޯޓުގައި ފާހަގަކުރެވިފައި އެބަވޭ ކުރިއަށް އޮތް 10 އަހަރު ތެރޭގައި 89،413 މަދުކުރަންޖެހޭ ކަމަށް. އެއީ 7،800 ސައިކަލު، 5،500 ކާރު،" އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ގިނަ ދުވަސްވީ 24،000 އެއްގަނމު އުޅަނދު ދުއްވާކަން ދިރާސާ އިން ފާހަގަވި ކަމަށާއި އޭގެ އަލީގައި އެންމެ ގިނަ ދުވަހު އެއްގަނމު އުނޅަދެއް ދުއްވަން ހުއްދަ ދެވޭނެ އެންމެ މަދު އަހަރަކީ 15 އަހަރު ކަމަށް ކަނޑައެޅިދާނެ ކަމަށެވެ.
"24،000 އަށްވުރެ ގިނަ އުޅަނދު 14 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ފާހަގަވެގެންދޭ. މިއީ ތިމާވެށި ތަގައްޔަރުވުމަށް ދިމާވެދާނެ މައްސަލަތަކެއް ކަމަށް ވަރަށް ބޮޑަށް ފާހަގަވެގެންދޭ. ރިޕޯޓުގައި ފާހަގަކުރެވިފައި ވަނީ އެންމެ ދިގު އުމުރަކަށް 15 އަހަރު ދުވަހަށް ވެހިކަލްތައް ގެންގުޅެންވީ ކަމަށް އެ ބޭފުޅުން އެބަ ރިކަމެންޑް ކުރައްވާ. އަދި ފާހަގަކުރެވުގެންދަނީ މިހާރު ބޭނުންކުރާ އުނޅަދު 30 ޕަސެންޓަށްވުރެ މަދުވެ ހަމައެކަނި 85.000 އުޅަނދު މަގުމަތީ ދުއްވުމަށް އެކަށޭނަވާނެ ކަމަށް،" އާޒިމް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް