މާލޭ ސިޓީގައި ދިރިއުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދެނެގަތުމަށް މައުލޫމާތު އެއްކުރުމުގެ މަސައްކަތްކުރުމުގެ ގޮތުން އެކަން އިތުރަށް ވިލަރެސްކުރުމަށް ސޯޝަލް ސާވިސަސް ކޮމިޓީއަށް ފޮނުވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
ކައުންސިލުން މިގޮތަށް ނިންމީ އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް ޕްލޭންތައް އެކުލަވައިލުމަށާއި، ފަސޭހައިން ހިދުމަތް ލިބޭނެ ގޮތްތައް ހަމަޖައްސައި، އެންމެހައި ރައްޔިތުންނަށް ރައްކާތެރި އަދި އެންމެން ބައިވެރިކުރާ ފަދަ ސިޓީއެއް ބިނާކުރުމަށެވެ.
މި މައްސަލަ ކޮމިޓީއަށް ފޮނުވުމަށް ފާސްކުރީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ 24 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާގުންނެވެ. ކައުންސިލަށް ހުށަހެޅުނު މި މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިރިއުޅުމުގައި ފުރިހަމައަށް އަދި ހަމަހަމަކަމާއެކު ބައިވެރިވުމުގެ ފުރުސަތު އޮތްކަން ކަށަވަރުކުރުމަކީ އެ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ. އެހެންކަމުން، އެންމެން ޝާމިލުވާ ސިޓީއެއް ބިނާކުރުމަށްޓަކައި އެފަދަ ފަރާތްތައް ދެނެގަތުމަށް ދާއިރާތަކަށް ގޮސް މައުލޫމާތު އެއްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން މުހިންމު ކަމަށް އެ ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، ދިރާސާތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 10 އިންސައްތައަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތަކަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަކީ ކައުންސިލްގެ މައްޗަށް އޮތް ވަރަށް ބޮޑު ޒިންމާއެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެ ފަރާތްތަކުގެ މައުލޫމާތު ހޯދުމަށް ޖެންޑާ މިނިސްޓްރީގައި ވަރަށް ގިނަ ފަހަރު އެދިފައިވާނެ ކަމަށާއި، ނަމަވެސް އެ މިނިސްޓްރީން އެއްވެސް އެއްބާރުލުމެއް ނުލިބި އެ ޑޭޓާ ލިބޭގޮތް ނުވި ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި މުޖުތަމައެއްގައި ހުރިހާ އެންމެންނަށް ވެސް ފަސޭހަކަމާއެކު އުޅެވޭނީ އެ މުޖުތަމައެއްގައި ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ފަސޭހަކަމާއެކު ދިރިއުޅެވޭނެ މާހައުލެއް ގާއިމުކޮށްދެވިގެން. އެ ދުވަހެއް ނުގެނެވޭހައި ހިނދަކު ހުރިހާ އެންމެންވެސް އުޅެންޖެހޭނީ ދަތި އުނދަގުލުގައި،" މޭޔަރު ވިދާޅުވިއެވެ.
ކައުންސިލަރުން އެ ބޭފުޅަކު ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކަށް ވަޑައިގެން މި މައުލޫމާތުތައް އެއްކުރެއްވުމަކީ ފެނިވަޑައިގަންނަވާ ގޮތް ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. އަދި މާލެ ސިޓީ ކައުންސިލަކީ އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތްކުރާ ކައުންސިލަކަށް ވާތީ، މިއީ އެ ކައުންސިލަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަދެއްކެވި ހުރިހާ ކައުންސިލަރުން ވެސް ވަނީ މިއީ ރަނގަޅު އަދި މުހިންމު އިސްނެގުމެއް ކަމަށް ފާހަގަކުރައްވައި، މިކަމުގެ ސަބަބުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި މުޅި މުޖުތަމައަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
މާލޭ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލް
ކޮމެންޓް