ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ބާސެލޯނާ އަދި ޕީއެސްޖީން ކުޅުނު މެޗުތައްވެސް ކާމިޔާބުކޮށްފިއެވެ.

ރޭ ބާސާއިން އަމިއްލަ ދަނޑުގައި ބްރޫޝިއާ ޑޯޓްމުންޑް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އަދި ޕީއެސްޖީން އަމިއްލަ ދަނޑުގައި އެސްޓަން ވިލާ ކައިރިން ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

ރޭ ބާސާއިން ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް އެޓީމުން ބޮޑަށް ނުރައްކާ ކުރަމުން ގޮސްފައިވާ އިރު، އެޓީމަށް ލީޑު ނަގައިދިނީ މި ސީޒަނުގައި ތަފާތު ފޯމެއް ދައްކަމުން އަންނަ ރަފީނިއާއެވެ. މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 12 ވަނަ ގޯލާއެކު ރަފީނިއާ ވަނީ ކްލަބު ލެޖެންޑް ލިއޮނަލް މެސީގެ ވަރުގަދަ ރެކޯޑަކާވެސް އަރައި ހަމަކޮށްފައެވެ.

ރޭގެ މެޗުގައި ރަފީނިއާ ވަނީ ގޯލު ޖަހައި އެސިސްޓްވެސް ކޮށްދީފައެވެ. އެއާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބާސާއިން ޖެހި 19 ގޯލެއްގައި އޭނާ ހިއްސާވެފައިވާ އިރު، މީގެ ކުރިން އެ އަދަދަށް ގޯލު ޖެހުމަށް އެހީވެދިން ކުޅުންތެރިޔަކީ މެސީއެވެ. މެސީ ވަނީ 2011-12 ވަނަ އަހަރުގެ ސީޒަނުގައި 19 ގޯލެއް ޖަހަން ބާސާއަށް އެހީވެދީފައެވެ. އެއީ އެސިސްޓް ކޮށްދީގެން ނޫނީ ގޯލު ޖަހައިގެންނެވެ.

އޭގެ އިތުރުންވެސް ފުރަތަމަ ހާފުގައި ލެމީން ޔަމާލާއި ރޮބާޓް ލެވަންޑޯސްކީއަށް ފުރުސަތުތައް ލިބި ބޭކާރުވެފައިވާ އިރު، ޑޯޓްމުންޑްގެ ކީޕަރު ގެރެގޯ ކޮބެލް ރަނގަޅު ސޭވްތަކެއް ކުރިއެވެ.

އެ ފޯމުގައި އޮތް ބާސާއިން ދެވަނަ ހާފަށް ނުކުމެ، މާ ގިނައިރެއްވެސް ނުވަނީސް ފުލުފުލުގައި ގޯލުތައް ޖަހައި މެޗު ކާމިޔާބުކުރިއެވެ.

ދެވަނަ ހާފުގައި ބާސާއިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ލެވަންޑޯސްކީ ޖެހި އިރު، އަނެއް ގޯލު ޖެހީ ޔަމާލެވެ. ރަފީނިއާ ރޭގެ މެޗުގައި ދެ އެސިސްޓް ހެދިއެވެ.

ޕީއެސްޖީ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެސްޓަން ވިލާއިން ފެށީ އުންމީދާ އެކުގައެވެ. މެޗުގެ ކުރީކޮޅުގައި އެޓީމުން ވަނީ ކައުންޓާ އެޓޭކެއްގައި ލީޑުވެސް ނަގައިފައެވެ.

މޯގަން ރޯޖާސް ޖެހި އެ ގޯލާއެކު ވިލާއަށް އުންމީދެއް ލިބި، އެޓީމުގެ ސަޕޯޓަރުން ކެކިގަތެވެ. ރޭގެ މެޗުގައި ވިލާއަށް ހިތްވަރު ދިނުމަށް، ޅަ ދުވަހުން ފެށިގެންވެސް އެ ކްލަބަށް ސަޕޯޓް ކުރަމުންދާ ޕްރިންސް އޮފް ވޭލްސް ވިލިއަމްސްވެސް ވަޑައިގެންފައިވެއެވެ.

ވިލާގެ އެ ގޯލަށް މާ ގިނައިރެއް ނުވެ، ޕީއެސްޖީން މަޑުމަޑުން ނުރައްކާ ކުރަމުން ދިޔައެވެ. ޑެސީރޭ ޑޫއޯގެ ނުރައްކާ ބޮޑުވަމުން ގޮސް، އޭނާގެ ހިތްގައިމު ގޯލަކުން ޕީއެސްޖީ އެއްވަރުކުރި އިރު، އެޓީމަށް ލީޑު ނަގައިދިނީ ކަވީޗާ ކަވަރަޓްޝޭލިއާއެވެ.

އެ ހިތްގައިމު ގޯލާއެކު ޕީއެސްޖީން މެޗުގެ ކޮންޓްރޯލް ހޯދައި، މޮޅު ޔަގީންކުރީ ނޫނޯ މެންޑޭޒް ޖެހި ގޯލަކުންނެވެ.