ރާއްޖޭގެ އިގުތިސާދު ފަސް ޕަސަންޓަށް ކުރިއަރައި ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަން 100 ބިލިއަން ރުފިޔާ ހުރަސްކޮށްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އެފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން މިދިޔަ އާދިއްތަ ދުވަހު އާންމުކުރި "ކުއާޓަލީ ނޭޝަނަލް އެކައުންޓްސް - 2024 Q4" ރިޕޯޓުގައި ބުނެފިއެވެ.

"ކުއާޓަލީ ނޭޝަނަލް އެކައުންޓްސް - 2024 Q4" ގައިވާ ގޮތުން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ރާއްޖޭގެ ރިއަލް ޖީޑީޕީއަށް ވަނީ ތިން ޕަސަންޓުގެ ކުރިއެރުމެއް ލިބިފައެވެ. ރިޕޯޓުގައިވާ ގޮތުން އެ ތިން ޕަސަންޓުގެ ކުރިއެރުމާއެކު ޖީޑީޕީ ވަނީ 26.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާއާ އަޅާބަލާއިރު ފަހު ކުއާޓާގައި ރިއަލް ޖީޑީޕީއަށް ހަ ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިވާކަމަށް ރިޕޯޓުން ދައްކައެވެ.

އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖީޑީޕީ ލިބުނު ކުރިއެރުމާއެކު މިދިޔަ އަހަރު ނިމުނުއިރު ރިއަލް ޖީޑީޕީ ވަނީ 101.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެެއީ 2023 ވަނަ އަހަރާ އަޅާބަލާއިރު ލިބުނު 5.1 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިދިޔަ އަހަރު ޖީޑީޕީއަށް އެފަދަ ކުރިއެރުމެއް ލިބުނީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިދާރީ ހިންގުމުގެ ދާއިރާއިންނެވެ. ރިޕޯޓުގައި އެކަން ފާހަގަކޮށް ބުނެފައިވަނީ ސަރުކާރުގެ އިދާރީ ހިންގުމުގެ ދާއިރާގެ ސަބަބުން 2.1 ޕަސަންޓުގެ ކުރިއެރުމެއް ލިބުނު ކަމަށާއި ޓޫރިޒަމް ދާއިރާއިން އިތުރުވެފައިވަނީ 1.4 ޕަސަންޓު ކަމަށެވެ.

އިތުރު ތަފުސީލާއެކު ރިޕޯޓުގައި ބުނީ މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖީޑީޕީގެ 22.2 ޕަސަންޓަކީ ޓޫރިޒަމް ސެކްޓާ ކަމަށެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާރުގައި ޖީޑީޕީގައި 5.8 ބިލިއަން ރުފިޔާ ޓޫރިޒަމް ސެކްޓާގެ ސަބަބުން ދައުރުވި ކަމަށް ރިޕޯޓުގައި ބުންޏެވެ. އެފަދަ ކުރިއެރުމެއް ޖީޑީޕީއަށް ލިބުނީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ރޭތައް 11.6 ޕަސަންޓަށް އިތުރުވެފައިވާތީ ކަމަށެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ޖީޑީޕީއަށް ވަނީ ދަތުރުފަތުރާއި މުވާސަލާތުގެ ދާއިރާއިން 7.1 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައިކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެ ދެ ދާއިރާއިން ޖީޑީޕީއަށް ކުރިއެރުން ލިބުނީ ޓޫރިޒަމް ސެކްޓާގެ ސަބަބުން ކަމަށް ވަނީ ރިޕޯޓުގައި ހިމަނައިފައެވެ.

2023 ވަނަ އަހަރުގެ ފަހު ކުއާޓާއާއި 2024 ވަނަ އަހަރުގެ ފަަހު ކުއާޓާގައި އެކިއެކި ދާއިރާތަކަށް އައިސްފައިވާ ކުރިއެރުން ދައްކައިދޭ ޗާޓެއް ----: ފޮޓޯ: މޯލްޑިވްސް ބިއުރޯ ސްޓެޓިސްޓިކްސް

ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ހޯލްސޭލް ވިޔަފާރީގެ ދާއިރާއިން ވަނީ 3.2 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައެވެ. އެއާއެކު ފައިނޭންސް ސެކްޓާއިން 2.9 ޕަސަންޓުގެ ކުރިއެރުމެއް ލިބުނުއިރު ޔުޓިލިޓީސް ދާއިރާތަކުގެ ތެރޭގައި ހިމެނޭ ފެނާއި ކަރަންޓުގެ ހިދުމަތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ވަނީ 6.8 ޕަސަންޓް ކުރިއެރުމެއް ލިބިފައި ކަމަށް ރިޕޯޓުގައިވެއެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އިމާރާތް ކުރުމުގެ ދާއިރާއަށް ވަނީ 4.5 ޕަސަންޓުގެ ކުރިއެރުމެއް ލިބިފައި ކަމަށާއި މަސްވެރިކަމުގެ ދާއިރާއަށް ލިބިފައިވަނީ 1.2 ޕަސަންޓުގެ ކުރިއެރުމެއް ކަމަށް ރިޕޯޓުގައި ބުންޏެވެ. 2023 ވަނަ އަހަރުގެ ފަހު ކުއާޓާގައި މަސްވެރިކަމަށް ލިބިފައިވަނީ 4.3 ޕަސަންޓުގެ ކުރިއެރުމެކެވެ.

ރިޕޯޓުގައިވާ ގޮތުން 2023 ވަނަ އަހަރުގެ ފަހު ކުއާޓާރުގައި ދަނޑުވެރިކަމުގެ ދާއިރާއަށް ލިބިފައިވަނީ 0.9 ޕަސަންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަަހަރުގެ ފަހު ކުއާޓާރުގައި ވެސް އެ ދާއިރާއަށް ލިބުނީ 0.9 ޕަސަންޓުގެ ކުރިއެރުމެކެވެ.