ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާ ގުޅިގެން އިގުތިސާދީ އަދި މާލީ ހަމަޖެހުން ދެމެހެއްޓުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިންވަނަ ރިސާޗް ކޮންފަރެންސް އަންނަ ޑިސެންބަރު 5 އިން 7 އަށް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވާ ގޮތުން، މި ކޮންފަރެންސްގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ބައިނަލްއަގުވާމީ މައިދާނުގައި ހިނގާ ބަދަލުތަކާއި ނުތަނަވަސްކަމުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް އިގުތިސާދީ އަދި މާލީ ހަމަޖެހުން ގާއިމުކުރުމެވެ. ދިރާސާކުރާ ފަރާތްތަކާއި އިލްމީ މާހިރުންގެ އިތުރުން ސިޔާސަތު ކަނޑައަޅާ ފަރާތްތައް މި ކޮންފަރެންސްގައި ބައިވެރިވާނެއެވެ.

މަނިޓަރީ ސިޔާސަތާއި، ބާޒާރުގެ އަގުތައް ހިފެހެއްޓުމާއި، މާލީ ހަމަޖެހުމާއި، އިސްލާމީ މާލީ ނިޒާމާއި، ޑިޖިޓަލް ފައިނޭންސާއި، އިގުތިސާދު ސިންދަފާތުކުރުމާއި، މޫސުމީ ރިސްކުތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީ ހޯދުން ފަދަ ތަފާތު މައުޟޫއުތަކަށް މި ކޮންފަރެންސްގައި އަލިއަޅުވައިލާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެ އޮތޯރިޓީގެ ނޫސްބަޔާނުގައި ބުނާގޮތުން ކޮންފަރެންސް ފެށޭ ފުރަތަމަ ދުވަހު އެމްއެމްއޭގައި ކުރިއަށްގެންދާނީ ދިރާސާ ކަރުދާސްތަކުގެ ޕްރެޒެންޓޭޝަންތަކެވެ. އެޖެންޑާގައި ހިމެނޭ މައިގަނޑު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ދުސިތުޑީ2 ފޭދޫ މޯލްޑިވްސްގައެވެ.

https://www.facebook.com/reel/4614687068742725/?rdid=jNAwXKgF3dr8F7ZS&share_url=https%3A%2F%2Fwww.facebook.com%2Fshare%2Fv%2F18jR94sN3D%2F

ރާއްޖެ ފަދަ ކުރިއަރަމުން އަންނަ ކުދި ގައުމުތަކަށް އިގުތިސާދީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކާ މެދު މި ކޮންފަރެންސްގައި ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

ދާރިސުންނާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި ފަންނީ މާހިރުން ގުޅިގެން މަސައްކަތް ކުރުމަށް ބާރުއެޅުމާއި، ރާއްޖޭގެ އިގުތިސާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ދިރާސާތައް ކުރުމަށް ހިތްވަރު ދިނުމަކީ ކޮންފަރެންސްގެ މައިގަނޑު މަގުސަދެވެ.

އެމްއެމްއޭއިން ރިސާޗް ކޮންފަރެންސެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ 2024 ވަނަ އަހަރުގައެވެ. މި އަހަރު ބާއްވާ ކޮންފަރެންސަކީ ޖެހިޖެހިގެން ކުރިއަށްގެންދާ ތިންވަނަ ކޮންފަރެންސެވެ. މި ކޮންފަރެންސްގެ މައުލޫމާތު އެކަމަށް ހާއްސަ ވެބްސައިޓުން ލިބޭނެ ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.