ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން، އާބާދީ މުސްކުޅިވުމުގެ ކުރިން އިގްތިސޯދީ ގޮތުން ފުދުންތެރި، މުއްސަނދި ގައުމަކަށް ބަދަލުވުމުގެ ފުރުސަތު އޮތީ ހަމައެކަނި ރާއްޖެއަށްކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

މި މަހު ވޯލްޑް ބޭންކުން ނެރުނު "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައި ބުނެފައިވަނީ، ދެކުނު އޭޝިއާގެ އެހެން ގައުމުތަކުގެ އާބާދީ މުސްކުޅިވަމުން އަންނައިރު އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކަށް ވުރެ ދަށުގައި ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ މިހާރުވެސް ނިސްބަތުން މަތީގައި އުޅޭތީއާއި، ކުރިއަރަމުން އަންނަ ހަލުވި ދުވެލީގެ ސަބަބުން، މި ސަރަހައްދުން މި ނަސީބު ލިބެން އޮތް ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ވޭތުވެދިޔަ 2013 އިން 2023 އާ ދެމެދު އާމްދަނީ ކުރިއެރި ނިސްބަތުން ކުރިއަށް ގޮސްފިނަމަ، ރާއްޖޭގެ އާބާދީ މުސްކުޅިވާނެ ކަމަށް ލަފާކުރެވޭ 2044 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ 25،000 އެމެރިކާ ޑޮލަރަށް ވުރެ މައްޗަށް އަރާނެއެވެ. ރާއްޖެއަށް މި ފުރުސަތު އޮތް ނަމަވެސް، ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ރާއްޖޭގެ އާބާދީ މުސްކުޅިވަމުންދާ ދުވެލި އާދަޔާ ހިލާފަށް އަވަސްކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ރިޕޯޓުގައިވާ ގޮތުން 2031 ވަނަ އަހަރު އާބާދީގެ 7 ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، ރާއްޖެ "މުސްކުޅިވަމުންދާ އާބާދީއެއް" ގެ ގޮތުގައި ކަނޑައެޅޭނެއެވެ. އަދި 2033 ވަނަ އަހަރު ވަޒީފާ އަދާކުރާ އުމުރުފުރާގެ (15 އަހަރާއި 64 އަހަރާ ދެމެދު) މީހުންގެ ނިސްބަތް އެންމެ މައްޗަށް ދާނެއެވެ. ޖެހިގެން އަންނަ 2044 ވަނަ އަހަރު އާބާދީގެ 14 ޕަސެންޓް މީހުން 65 އަހަރުން މައްޗަށް ގޮސް، ރާއްޖެ ރަސްމީކޮށް "މުސްކުޅި އާބާދީއަކަށް" ބަދަލުވާނެ ކަމަށާއި، 2050 އާ ހަމައަށް ދާއިރު އެ ނިސްބަތް 20 ޕަސެންޓަށް ވުރެ މައްޗަށް ދާނެކަމަށްވެސް ރިޕޯޓުގައިވެއެވެ.މުޅި ސަރަހައްދުގެ އެވްރެޖަށް ބަލާއިރު، މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާނެ ކަމަށް ލަފާކުރެވުނަސް، ރާއްޖެއަށް މި ބަދަލު އަންނާނީ އެއަށްވުރެ ފަސް އަހަރު ކުރިން، އެންމެ 13 އަހަރުގެ ތެރޭގައެވެ.

މުޅި ދެކުނު އޭޝިއާގެ ނިސްބަތަށް ބަލާއިރު، މަސައްކަތްކުރާ އުމުރުގެ މީހުންގެ ނިސްބަތް 2034 ގައި އެންމެ މައްޗަށް ދިއުމަށް ފަހު، ސަރަހައްދުގެ އާބާދީ މުސްކުޅި އާބާދީއަކަށް ބަދަލުވާނެކަމަށް ބެލެވެނީ 2049 ގައެވެ. ދެކުނު އޭޝިއާގައި ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ޕެންޝަން ނިޒާމުގައި ބައިވެރިވަނީ އެންމެ 17 ޕަސެންޓް ނަމަވެސް، ރާއްޖޭގެ ދައުލަތާއި އަމިއްލަ ދާއިރާ ހިމެނޭހެން ޕެންޝަން ކަވަރޭޖް އޮތީ ސަރަހައްދަށް ވުރެ މާ ރަނގަޅު ފެންވަރެއްގައެވެ.

ނަމަވެސް، ސަރަހައްދަށް ކުރިމަތިވެފައިވާ ބޮޑެތި އިގްތިސޯދީ އަދި އިޖުތިމާއީ ގޮންޖެހުންތައް ރާއްޖެއަށްވެސް އެބައޮތެވެ. އޭގެ ތެރޭގައި، ރާއްޖޭގައި މީހުންގެ އުމުރު 80 އަހަރާ ގާތްކުރި ނަމަވެސް، ދުޅަހެޔޮ ސިއްހަތެއްގައި ހޭދަކުރެވެނީ ގާތްގަނޑަކަށް 70 އަހަރު ކަމަށް ވުމާއި، ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ހިމެނެއެވެ.

އަދި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ކޯލް ސެންޓަރުތަކާއި އާދައިގެ އެކައުންޓިން ފަދަ ވަޒީފާތަކުގެ ފުރުސަތުތައް 2022 ގެ ފަހުން 24 ޕަސެންޓް ދަށަށް ގޮސްފައިވުމާއި، އުމުރުން ދުވަސްވީ މީހުން ބެލެހެއްޓުމުގެ ޒިންމާ އަންހެނުން އުފުލަންޖެހުމުގެ ސަބަބުން ވަޒީފާގެ ބާޒާރުގައި އަންހެނުންގެ ހިއްސާ 35 ޕަސެންޓުގައި މަޑުޖެހިފައި އޮތުންވެސް ފާހަގަކޮށްފައިވެއެވެ.

ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވުމަށް ބާކީ އޮތް 18 ވަރަކަށް އަހަރުގެ ތެރޭގައި އިސްލާހީ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މުއްސަނދި ގައުމަކަށް ވުމުގެ މި ތާރީހީ ފުރުސަތު ގެއްލިގެން ހިނގައިދާނެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ. އެހެންކަމުން މައިގަނޑު ހަތަރު ދާއިރާއަކުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، އަމިއްލަ ވިޔަފާރިތަކަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި، ކުޑަކުދިން ބަލަހައްޓާ ނިޒާމުތަކާއި ލުއި މަސައްކަތުގެ މާހައުލެއް ގާއިމުކޮށް އަންހެނުން ވަޒީފާގެ ބާޒާރަށް ނެރުމެވެ. އަދި ހޮސްޕިޓަލްތަކަށް ބަރޯސާވުން ކުޑަކޮށް، ޕްރައިމަރީ ހެލްތު ކެއާ މެދުވެރިކޮށް ބަލިތައް ދުރާލާ ދެނެގަތުމާއި، ދުވަސްވީ މީހުން ބަލަހައްޓާނެ ތަމްރީނު ލިބިފައިވާ ހިދުމަތްތެރިން އުފެއްދުން ވެސް ހިމެނެއެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވާ މީހުންނަށް އާ ހުނަރުތައް ދަސްކޮށްދީ މަސައްކަތުގައި ދެމިތިބެވޭނެ ގޮތް ހެދުމާއި، ކުރިއަށް އޮތް ތަނުގައި އިޖުތިމާއީ އަދި ސިއްހީ ހަރަދުތައް ބޮޑުވާނެތީ ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތަކުގެ އެފިޝަންސީ މަތިކުރުމަށްވެސް ރިޕޯޓުގައި ވަނީ ލަފާދީފައެވެ.