މިމަހުގެ 12 ގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 36 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މި އަދަދަކީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު އަށް އިންސައްތައިގެ ކުރިއެރުމެކެވެ. މި ކުރިއެރުމުގެ ބޮޑު ސަބަބަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޑިވިޑެންޑް ގޮތުގައި ލިބުނު ފައިސާ 61.3 އިންސައްތަ މައްޗަށް ގޮސް 1.1 ބިލިއަން ރުފިޔާއަށް އެރުމެވެ. ކުރީ އަހަރު އެ ބައިން ލިބުނީ 654.7 މިލިއަން ރުފިޔާއެވެ. ފާއިތުވި ހަފުތާގައި އާމްދަނީ އެންމެ ބޮޑަށް އިތުރުކޮށްދިނީ އެމްޑަބްލިއުއެސްސީން ލިބުނު 572.7 މިލިއަން ރުފިޔާގެ ފައިދާ ކަމަށް ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޓެކްސް އާމްދަނީ 10.3 އިންސައްތަ މައްޗަށް ގޮސް 27.4 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ޖީއެސްޓީގެ ގޮތުގައި 14.4 ބިލިއަން ލިބުނު އިރު، ވިޔަފާރިއާއި މުދަލުގެ ޓެކްސް 22.9 އިންސައްތަ ކުރިއަރައި 6.1 ބިލިއަނަށް، އަދި އިމްޕޯޓް ޑިއުޓީ 13.5 އިންސައްތަ އިތުރުވެ ތިން ބިލިއަނަށް ވަނީ އަރައިފައެވެ. ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ 1.2 އިންސައްތަ ދަށަށް ގޮސް 8.1 ބިލިއަނުގައި ހުރި ނަމަވެސް، މުދަލާއި ގޯތިގެދޮރުން ލިބުނު ބައި 29.4 އިންސައްތަ ކުރިއެރިއެވެ. ހިލޭ އެހީ 64.9 އިންސައްތަ އިތުރުވެ 528.2 މިލިއަން ރުފިޔާއަށް އެރިއެވެ.
ހަރަދުގެ ފަރާތަށް ބަލާއިރު، ޖުމްލަ ހޭދަ 14.9 އިންސައްތަ މައްޗަށް ގޮސް 39.8 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ހިންގުމުގެ ހަރަދު 15.4 އިންސައްތަ ބޮޑުވެ 34.3 ބިލިއަނަށް އެރި އިރު، ސަބްސިޑީ ހަރަދު 51.2 އިންސައްތައިގެ ފުންމައިގެންނެވުމަކާއެކު 4.6 ބިލިއަނަށް ވަނީ އަރައިފައެވެ. ރިޕޯޓުގައިވާ ގޮތުން ފާއިތުވި ހަފުތާގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ދިޔައީ ސަބްސިޑީތަކަށެވެ. ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ކެޕިޓަލް ހަރަދު 12.3 އިންސައްތަ މައްޗަށް ގޮސް 5.5 ބިލިއަނަށް އެރި އިރު، ބިމާއި އިމާރާތްތަކަށް ހޭދަކުރި މިންވަރު 40.7 އިންސައްތަ ކުރިއެރިއެވެ.
މުސާރައާއި އިނާޔަތްތަކުގެ ޖުމްލަ 10.7 އިންސައްތަ ބޮޑުވެ 13.4 ބިލިއަނަށް އެރިއެވެ. އިދާރީ ހިންގުމުގެ ހަރަދު 18.4 އިންސައްތައިގެ ކުރިއެރުމާއެކު 20.9 ބިލިއަނަށް، އެހީއާއި ސަބްސިޑީތައް 30.9 އިންސައްތަ އިތުރުވެ 11.2 ބިލިއަނަށް ވެސް ވަނީ އަރައިފައެވެ. ދަރަނީގެ އިންޓްރެސްޓާއި ފައިނޭންސިން ހަރަދު އެކަނި 2.4 އިންސައްތަ ދަށަށް ގޮސް 4.2 ބިލިއަނުގައި ހުއްޓެވެ.
މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބަޖެޓް ޑެފިސިޓް 3.8 ބިލިއަން ރުފިޔާއަށް ވަނީ ފުޅާވެފައެވެ. ކުރީ އަހަރުގެ އެ މުއްދަތުގައި ޑެފިސިޓް ހުރީ 1.3 ބިލިއަން ރުފިޔާގައެވެ. އެހެންނަމަވެސް، ދަރަނީގެ އިންޓްރެސްޓާއި ފައިނޭންސިން ހަރަދު އުނިކޮށް ބެލުމުން ދައުލަތަށް 360 މިލިއަން ރުފިޔާގެ ޕްރައިމަރީ ސާޕްލަސްއެއް ލިބިފައިވާ ކަމަށް ރިޕޯޓުން ދައްކައެވެ.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް