މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުން ބަންދުނުކުރި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގައެވެ.

އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް އޭރު ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން ހުކުމް ކުރީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ.

އޭގެ އިތުރުން އަނަސް މަރާލި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރިއެވެ. އޭގެ ތެރޭގައި ހިމެނެނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، މާލެ އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު، މާލެއެވެ.

މީގެ އިތުރުން ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫގެ މައްޗަށް އެ މައްސަލައާ ގުޅިގެން ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރިއެވެ.

އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ 25 ފެބްރުއަރީ 2024 ގައެވެ. ކުރިމިނަލް ކޯޓުގެ އެ ހުކުމް މިދިޔަ ފެބްރުއަރީ މަހު ހުކުމް ކުރުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި 21 މެއި 2024 އިސްތިއުނާފު ކޮށްފައެވެ. ދައުލަތުން ވަނީ ހައިކޯޓުގައި އެ މީހުން ބަންދު ކުރުމަށް ވެސް އެދިފައެވެ. ނަމަވެސް ހައިކޯޓުން މިދިޔަ މަހުގެ ތެރޭގައި ނިންމާފައިވަނީ އެ މީހުން ބަންދުކުރުމުގެ އަމުރެެއް ނެރެނުދިނުމަށެވެ.

ހައިކޯޓުގެ އެ އަމުރު ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ މިދިޔަ ހަފުތާ ތެރޭގައެވެ. ސުޕްރީމް ކޯޓުން އަދި އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނުނިންމައެވެ.

ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އިރު ކުރިމިނަލް ކޯޓުން، އެ މީހުންގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ކުރި ހުކުމުގެ އިސްތިއުނާފީ އަޑުއެހުންތައް ވަނީ ފަށައިފައެވެ. އެ މައްސަލައިގައި 15 އޯގަސްޓް 2024 ގައި ބޭއްވި އަޑުއެހުމުގައި ވަކީލުން ހަމަނުއްޖައްސައި ތިބި ހަތަރު މީހަކަށް ވަކީލަކު ހަމަޖެއްސެމުގެ ފަހު ފުރުސަތުގެ ގޮތުގައި ވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.