ސްޕެނިޝް ކޮޕާ ޑެލް ރޭގެ ފައިނަލުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ވާދަކުރަން ޖެހިއްޖެއެވެ.

މިއީ ކޮޕާ ޑެލް ރޭގެ ފައިނަލުގައި "އެލް ކްލެސިކޯ"އެއް ފެނިގެންދާނެ އަށްވަަނަ ފަހަރެވެ. އަދި މިއީ 2013-14 ވަނަ އަހަރުގެ ސީޒަނަށްފަހު ރެއާލާއި ބާސާ ކޮޕާ ޑެލް ރޭގެ ފައިނަލަށް ނުކުންނަ ފުރަތަމަ ފަހަރެވެ.

ބާސާއާއި ރެއާލަކީ ސްޕެއިންގެ އެންމެ ވާދަވެރި ދެ ކްލަބެވެ. ބާސާއިން ރެކޯޑު 31 ފަހަރަށް ކޮޕާ ޑެލް ރޭ ކާމިޔާބު ކޮށްފައިވާ އިރު، އެންމެފަހުން ބާސާ ފައިނަލުގައި ކުޅުނީ 2021 ވަނަ އަހަރުގައެވެ. އެފަހަރު އެޓީމުން ތަށި ނެގީ އެތުލެޓިކޯ ބިލްބާއޯ ބަލިކޮށްފައެވެ.

ރެއާލަށް މިފަހަރުގެ ފައިނަލް ވެގެންދާނީ، މިދިޔަ ތިން އަހަރު ތެރޭގައި އެޓީމުން ނުކުންނަ ދެވަނަ ފައިނަލަށެ. އެންމެފަހުން ރެއާލުން މުބާރާތް ކާމިޔާބުކުރީ 2023 ވަނަ އަހަރު އޮސަސޫނާ ބަލިކޮށްފައެވެ. އެއީ ރެއާލްގެ 20 ވަނަ ކޮޕާ ޑެލް ރޭ ތަށްޓެވެ.

ރެއާލުން މިފަހަރު ފައިނަލް ޔަގީންކުރީ ރެއާލް ސޮސިއެދާދު ކަޓުވާލައިފައެވެ. ބާސާއިން ރޭ ފައިނަލް ޔަގީންކުރީ އެތުލެޓިކޯ މެޑްރިޑް ކަޓުވާލައިފައެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ކުޅުނު ސެމީ މެޗުގައި އެތުލެޓިކޯ ކައިރިން 4-4 އިން އެއްވަރުވެފައި އޮތް ނަމަވެސް، ރޭ ވަނީ އެތުލެޓިކޯ ދަނޑުގައި 1-0 އިން މޮޅުވެފައެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ބާސާގެ ހަމައެކަނި ގޯލު ޖަހައިދިނީ ރަނގަޅު ފޯމެއްގައި ހުރި ފެރާން ޓޮރެސްއެވެ.

ރޭގެ މެޗުގައި ބާސާއިން އިތުރަށް ނުރައްކާ ކޮށްފައިވާ އިރު، އުމުރުން 17 އަހަރުގެ ލެމީން ޔަމާލާއި ރަފީނިއާގެ ނުރައްކާ ތަކުރާރުކޮށް ފެނިގެން ދިޔައެވެ.

ބާސާއާއި ރެއާލް ވާދަކުރާ ކޮޕާ ޑެލް ރޭ ފައިނަލް މެޗު އޮންނާނީ މިމަހުގެ 26 ވަނަ ދުވަހު، ސެވިއްޔާ ދަނޑުގައެވެ.