ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް އިތުުރު އަށް ރަށުގައި ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތް ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އަށެވެ.
އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އިސްކަންދަރު ބިލްޑިންގައި މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ އެއްބަސްވުންތަކުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ރިޓަޔާޑް އަހުމަދު ސައުދީއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހެވެ.
ފުލުހުން މިއަދު ބުނީ އެއްބަސްވުމުގެ ދަށުން އެމްޓީސީސީން ހަ ރަށެއްގައި، ފެނަކައިން އެއް ރަށުގައި އަދި އާރްޑީސީން އެއް ރަށުގައި ޕޮލިސް ސްޓޭޝަން ހަދާނެ ކަމަށެވެ.
ކުރިން ސޮއިކޮށްފައިވާ އެއްބަސްވުމާ އެކު މި މަޝްރޫއުގެ ދަށުން އެމްޓީސީސީން 21 ރަށެއްގައި، އާރުޑީސީއިން 21 ރަށެއްގައި އަދި ފެނަކައިން 41 ރަށެއްގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންތަކާ އެކު ޖުމުލަ 83 ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރެވިގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ އިމާރާތްތަކުގެ ތެރޭގައި ފުލުހުންގެ ހިދުމަތް ސަރަހައްދީ ފެންވަރުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތަކާއި އަތޮޅު ފެންވަރުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން، ރަށްރަށުގައި ފުލުހުންގެ ހިދުމަތް އަލުން ފެށުމަށާއި ތަރައްގީކުރުމަށް ޕޮލިސް ސްޓޭޝަންތައް ގާއިމުކުރުމާއި ޕޮލިސް ޕޯސްޓުތަކާއި ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކްތައް ތަރައްގީކުރުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު