އިންޑިއާގެ ޝިލޯންގްގައި މިރޭ ކުޅުނު އެކުވެރިކަމުގެ މެޗުގައި އިންޑިއާއިން ރާއްޖެ ބަލިކޮށްފިއެވެ.

ޝިލޯންގްގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި އިންޑިއާއިން ރާއްޖެ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

އިންޑިއާއިން މެޗު ވަރުގަދަކޮށް ފަށާފައިވާ އިރު، ރާއްޖެއިން ބޮޑަށް ބެލީ ކުރީކޮޅުގައި އިންޑިއާ ހިފެހެއްޓުމަށެވެ. ރާއްޖެއިން ޓީމު އެއްކޮށް ކަހަލަ ގޮތަކަށް ފަހަތަށް ޖެހިގެން ކުޅެފައިވާ އިރު، މެދުތެރެ ބޭނުންކުރުމަށް ކުރި މަސައްކަތުގައި ރާއްޖެއަށް އުނދަގޫތަކާ ކުރިމަތިވިއެވެ. ހާއްސަކޮށް އިންޑިއާގެ މެދުތެރެއިން ރާއްޖޭގެ ގިނަ ޕާސްތަކެއް ބްލޮކް ކުރިއެވެ.

އިންޑިއާއިން އަރިމަތިން ހުރަސްތަކެއް ނަގައިގެން ކުޅެން މަސައްކަތް ކޮށްފައިވާ އިރު، ފުރަތަމަ ހާފުގައި ރާއްޖޭގެ ސެންޓަ ބެކުން ކަމަށްވާ ސަމޫހު އަލީ (ސަމުއްޓެ) އާއި އަހުމަދު ނޫމާން (ހެލްމެޓް)ގެ ކުޅުން ފާހަގަކޮށްލެވުނެވެ. ސުނިލް ޗެތުރީ ފުރަތަމަ 11 އަށް ނުކުމެފައިވާ އިރު، އޭނާ ހުއްޓުވަން ރާއްޖޭގެ ފަހަތުން ރަނގަޅަށް ކުޅެފައިވެއެވެ.

އިންޑިއާގެ ލިސްޓަން ކޮލާސޯއަށް ކުރީކޮޅުގައި ލިބުނު ފުރުސަތުގައި ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ރަނގަޅު ސޭވެއް ކުރި އިރު، އޭގެ ފަހުން ލިބުނު ދެ ކޯނަރުގައިވެސް ޑިފެންޑަރު ރާހުލް ބެކޭ ނުރައްކާކުރިއެވެ. ކޯނަރުތަކުގައި ނުރައްކާ ކުރަމުން ގޮސް، އިންޑިއާއިން ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ގޯލު ޖެހީވެސް ކޯނަރެއްގައެވެ. އެ ގޯލު ޖެހީ ބެކޭއެވެ.

ފުރަތަމަ ހާފުގައި ރާއްޖެއަށް ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައި ނުވާ އިރު، ދެވަނަ ހާފުވެސް އިންޑިއާއިން ފެށީ ވަރުގަދަކޮށެވެ. ބަދަލަކަށް ނުކުތް ފާރޫގު ޗޯދުރީ އުފެއްދި ހަމަލާ ކީޕަރު ހުސައިން ޝަރީފް މަތަކުރި އިރު، އޭގެ އިރުކޮޅެއްފަހުން އިންޑިއާއިން ދެވަނަ ގޯލެއްވެސް ޖެހިއެވެ. އެ ގޯލު ޖެހީވެސް ކޯނަރެއްގައެވެ.

ކޯނަރަކަށް އަރައި އިންޑިއާއިން ދެވަނަ ގޯލުވެސް ބޮލުން ޖެހީ ލިސްޓަންއެވެ. އެ ގޯލާއެކު އިންޑިއާއިން ހަމަޖެހިލި ވަގުތު ރާއްޖެއިން ކުރިއަށް ޖެހި ހަމަލާއަކަށް މަސައްކަތް ކުރި އިރު، އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބަދަލަކަށް ނުކުތް ހަސަން ނަޒީމް (ޗޯޓު)އަށެވެ.

އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އަރިމަތިން ނަގައިދިން ހުރަސް މަތިމަތިން ގޮސް ޗޯޓުއަށް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ އިންޑިއާ ގޯލު ބެލެހެއްޓި ވިޝާލް ކައިތު އަތަށެވެ.

އިންޑިއާއިން ހަމަޖެހިލައިގެން ފަހު ހާފުގައިވެސް ކުޅުނު މެޗުގައި ޗެތުރީގެ ގޯލު ފެނިގެން ދިޔައީ 76 ވަނަ މިނެޓުގައެވެ. އެ ގޯލަކީ އަރިމަތިން ލިސްޓަން ނަގައިދިން ހުރަސް، އޭރިއާ ތެރޭގައި ހުރެފައި ބޮލުން ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.

ޗެތުރީ މިރޭގެ މެޗަށް ނުކުތީ ރިޓަޔާކުރި ނިންމުން ބަދަލުކުރުމަށްފަހުއެވެ. މިދިޔަ އަހަރު ޖޫން މަހު ޗެތުރީ ގައުމީ ޓީމުން ރިޓަޔާކުރަން ނިންމި ނަމަވެސް، އަލުން ގައުމީ ޓީމަށް އައިސް، މިރޭ ރާއްޖެ ކޮޅަށް ޖެހި ގޯލަކީ ގައުމީ ޓީމަށް ޖަހައިދިން 95 ވަނަ ގޯލެވެ.

މިރޭގެ މެޗުން އިންޑިއާ މޮޅުވި އިރު، މިއީ 2023 ވަނަ އަހަރު ފަހުކޮޅަށްފަހު، އެޓީމަށް ހޯދުނު ފުރަތަމަ މޮޅެވެ. ދެން އެޓީމުން އަދި ރާއްޖެއިންވެސް މި އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ ގްރޫޕް ސްޓޭޖު މެޗެކެވެ.

ދެ ޓީމުންވެސް މިމަހުގެ 25 ވަނަ ދުވަހު މެޗު ކުޅެން ހަމަޖެހިފައިވާ އިރު، ރާއްޖެއިން ނުކުންނާނީ ފިލިޕީންސާ ދެކޮޅަށް އެގައުމުގައެވެ. އިންޑިއާ މިރޭ ކުޅުނު ދަނޑުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

  • ހުސައިން ޝަރީފް/ ގޯލްކީޕަރު
  • ސަމޫހު އަލީ (ސަމުއްޓެ)/ ކެޕްޓަން
  • އަހުމަދު ނޫމާން (ހެލްމެޓް)
  • ހުސައިން ސިފާއު ޔޫސުފް (ކްރޯ)
  • އަހުމަދު އައިހަމް
  • އަލީ ފާސިރު (ސެންޓޭ)
  • އައިސަމް އިބްރާހީމް
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • ހައިޝަމް ހަސަން (ބިޑި)
  • އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
  • މުހައްމަދު ނާއިމް