ރޯދަމަހުގެ ފުރަތަމަ 10 އެއްގައި ވައްކަމުގެ 147 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް އާންމުކުރި ތަފާސްހިސާބު ދައްކާ ގޮތުން ރޯދަމަހުގެ ފުރަތަމަ 10 އެއްގައި ވަނީ ޖުމްލަ 692 މައްސަލައެއް ފުލުހަށް ރިޕޯޓުކޮށްފައެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ޓްރެފިކް މައްސަަލަތަކެވެ. އެގޮތުން ޓްރެފިކާ ގުޅޭ 153 މައްސަލައެއް ފުލުހަށް ވަނީ ރިޕޯޓުކޮށްފައެވެ. ދެން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ރޯދަ މަހުގެ ފުރަތަމަ 10 އެއްގައި 147 ވައްކަމުގެ މައްސަލައެއް ހުށަހަޅައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތީގެ 110 މައްސަލައެއް، ގެއްލުންދިނުމުގެ 48 އަދި އަނިޔާކުރުމުގެ 40 މައްސަލައެއް ފުލުހަށް ރިޕޯޓްކޮށްފައިވެއެވެ. ބިރުދެއްކުމާއި އިންޒާރު ދިނުމުގެ 38 މައްސަލައެއް އަދި ގެވެށިއަނިޔާގެ 19 މައްސަލައެއް ވަނީ ރޯދަމަހުގެ ފުރަތަމަ 10 އެއްގައި ރިޕޯޓްކޮށްފައެވެ. އަދި އޮޅުވާލުމުގެ 13 މައްސަލައެއްގެ އިތުރުން ކައުންޓާފީޓް އެންޑް ފޯޖަރީގެ އަށް މައްސަލައެއްގެ ރިޕޯޓު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ރޯދަމަހުގެ ފަހު 10 އެއްގައި ކުޑަކުދިންނަށް އަނިޔާކުރުމުގެ 16 މައްސަލައެއް، ޖިންސީ ފުރައްސާރައިގެ 15 މައްސަލައެއް ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ސްކޭމްތަކުގެ 70 މައްސަލައެއްގެ އިތުރުން ސައިބާކްރައިމްއާ ގުޅޭ ހަތް މައްސަލައެއް ރޯދަ މަހުގެ ފުރަތަމަ 10 އެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރޯދަ މަހުގެ ފުރަތަމަ 10 އެއްގައި އެކި މައްސަލަތަކުގައި 148 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.