ހައި ކޯޓުގެ އިސް ފަނޑިޔާރު، ސ. ހިތަދޫ ބާޒީގޭ ހުސެއިން ޝަހީދު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އެގޮތަށް ފާސްކުރީ އެ މައްސަލަ ދިރާސާކޮށް، ޖުޑީޝަރީ ކޮމިޓީން މަޖިލިސް ތަޅުމަށް ހުށަހެޅުމުން މިއަދުގެ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެެރެއިން ވޯޓު ދެއްވި 64 މެންބަރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރު ހުސެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދެއްވުމާ އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް ފޮނުއްވެވީ އިއްޔެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ތަޅުމަށް އިއްވުމުން، އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ ވެސް އިއްޔެއެވެ.

ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ސުޕްރީމް ކޯޓުގެ ތިން ފަނޑީޔާރުން ކަމަށްވާ، ފަނޑިޔާރު ހުސްނުއް ސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ޖޭއެސްސީން ސަސްޕެންޑްކޮށްފައިވަނިކޮށް، ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ދެފަހަރެއްގެ މަތިން ހުޅުވާލުމުން ކުރުމަތިލެއްވީ، ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ގާޒީކަން ކުރިން ކުރައްވާފައިވާ މަރްޔަމް ނިހާޔަތާއި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން މަޖިލީހުން މިއަދު ފާސްކުރި، ހުސައިން ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީ އާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމް ހާސިލް ކުރެއްވުމަށް ފަހު ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

ފަނޑިޔާރު ހުސެއިން ޝަހީދު ވަނީ އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކުރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމު އަދާކުރައްވައިފައެވެ. 2018 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާ ފަނޑިޔާރު ހުސެއިން ޝަހީދު ވަގުތީ ގޮތުން ހަވާލު ކުރައްވާފައިވަނީ 18 ނޮވެންބަރު 2022 އިން ފެށިގެންނެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެއްވީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުއެވެ.

ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.